ފަހު ބުރުގެ ކުރިން: މިއީ ތިން ޓީމުގެ ރޭހެއްތަ؟

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ތިން ވަނަ ބުރުގެ ކުޅުން މިއަދު ފަށާއިރު ލީގުގެ ވާދަވެރިކަން މި ފަހަރު ވަނީ މިދިޔަ އަހަރަށް ވުރެ ބޮޑުވެފަ އެވެ. ލީގު ޗެމްޕިއަންކަމަށް ތިން ޓީމެއް އަންނަނީ ވާދަކުރަމުންނެވެ. އެއީ އެއް ވަނައިގައި އޮތް މާޒިޔާ އާއި ދެ ވަނައިގައި އޮތް އީގަލްސް އަދި ތިން ވަނަ ޓީސީ ސްޕޯޓްސް ކްލަބެވެ.


މާޒިޔާ

މާޒިޔާ މި ވަގުތު ލީގުގެ އެއް ވަަނައިގައި އޮތީ ހަތަރު ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެ ޓީމަށް 14 މެޗުން ވަނީ 31 ޕޮއިންޓު ލިބިފަ އެވެ. ލީގުގައި މިހާތަނަށް ނުވަ މެޗުން މޮޅުވެފައިވާއިރު، ހަތަރު މެޗުން އެއްވަރުވެ، އެއް މެޗުން ވަނީ ބަލިވެފަ އެވެ.

ލީގުގެ ފުރަތަމަ ބުރުގައި މާޒިޔާގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައި ނުވާޢިރު އެ ޓީމު އަތުން ފުރަތަމަ ބުރުގައި ހަތް ޕޮއިންޓު ގެއްލުނެވެ. ނަމަވެސް ދެ ވަނަ ބުރުގައި އެ ޓީމުން ވަނީ ކުޅުން ރަނގަޅުކޮށްފަ އެވެ. ދެ ވަނަ ބުރުގައި އެ ޓީމު އަތުން ގެއްލުނީ އެންމެ ހަތަރު ޕޮއިންޓެވެ. ދެ ބުރަށް ބަލާއިރު މާޒިޔާގެ ވިން ޕަސެންޓަކީ 64 އެވެ.

ޓްރާންސްފާ މާކެޓްގައި ރާއްޖޭގެ ރެކޯޑް އަގަކަށް ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ގުޅުމުން އެ ޓީމު ވަނީ ރަނގަޅު ކުރިއެރުމެއް ހޯދައިފަ އެވެ.

އީގަލްސް

ލީގުގެ ފުރަތަމަ ބުރުގައި އީގަލްސް އަށް ނަތީޖާ ނެރުމުގައި މައްސަލަތަކެއް ދިމާވި އެވެ. ތިން މެޗުން މޮޅުވިއިރު، ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ. ދެ ވަނަ ބުރުގައި މެސެޑޯނިއާގެ ފޯވާޑް ރިސްޓޭ ނައުމޯވް ޓީމާ ގުޅުނު ހިސާބުން އީގަލްސްގެ ނަތީޖާ ރަނގަޅުވާން ފެށި އެވެ. ދެ ވަނަ ބުރުގައި އީގަލްސް ވަނީ ހަތަރު މެޗުން މޮޅުވެފަ އެވެ.

އީގަލްސް ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދެ ވަނަ ބުރުގެ ވަކި ހިސާބަކުން އީގަލްސް ވަނީ ލީގުގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. އެހެން ނަމަވެސް އެ ޓީމަށް ލީޑު ހިފެހެއްޓިފައި ނުވާއިރު، ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ނިމުނީ ލީގު މި ބުރުގެ ފަހު މެޗުން މާޒިޔާ އަތުން ބަލިވުމުންނެވެ. އީގަލްސް މި ވަގުތު ލީގުގެ ދެ ވަނައިގައި އޮތީ 14 މެޗުން ލިބުނު 27 ޕޮއިންޓާ އެކު އެވެ. އެ ޓީމުގެ ވިން ޕަސެންޓަކީ 50 އެވެ.

ޓީސީ ސްޕޯޓްސް ކްލަބް

މިިދިޔަ އަހަރު އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކޮށް ޓީސީން ވަނީ ގިނަ ބަޔަކު ހީކުރި ގޮތާ ހިލާފަށް ލީގަށް ވާދަކޮށްފަ އެވެ. މި ފަހަރުގެ ލީގުގެ ފެށުން އެ ޓީމަށް ދިޔައީ އެންމެ އުއްމީދުކުރި ގޮތަކަށް ނޫނެވެ. ފުރަތަމަ މެޗުގައި އެ ޓީމު ވަނީ އީގަލްސް އަތުން ބަލިވެފަ އެވެ. އެހެން ނަމަވެސް މި ސީޒަނުގައި އެ ޓީމާ ގުޅުނު ގައުމީ ޓީމުގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ)ގެ ލަނޑުތަކާ އެކު ޓީސީގެ ކުޅުން ރަނގަޅުކޮށް ނަތީޖާ ނެރެންފެށި އެވެ.

ފުރަތަމަ ބުރުގައި ޓީސީ މޮޅުވީ ތިން މެޗުންނެވެ. ދެ މެޗުން ބަލިވިއިރު، އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. ދެ ވަނަ ބުރު ފަށައިގެން ޓީސީ ވަނީ ފުރަތަމަ ބުރަށް ވުރެ ކުޅުން ރަނގަޅުކޮށްފަ އެވެ. ދެ ވަނަ ބުރުގައި އެ ޓީމުން ވަނީ ހަތަރު މެޗުން މޮޅުވެފަ އެވެ. ދެ މެޗުން ބަލިވިއިރު، އެއް މެޗުން ވަނީ އެއްވަރުވެފަ އެވެ. އެ ޓީމަށް އެންމެ ބޮޑު މައްސަލައެއް ދިމާވީ ދެ ވަނަ ބުރުގެ ފަހު މެޗުގައި ޔުނައިޓެޑް ވިކްޓަރީ އަތުން ބަލިވުމުންނެވެ.

ޓީސީ މި ވަގުތު އޮތީ 14 މެޗުން ލިބުނު 24 ޕޮއިންޓާ އެކު ލީގުގެ ތިން ވަނައިގަ އެވެ. ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާއާ އެ ޓީމާ ދެމެދު ހަތް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ޓީސީގެ ވިން ޕަސެންޓަކީ 50 އެވެ.

އީގަލްސް ދެ ޑިފެންޑަރުން ކައިިރިން ޓީސީގެ ސެންޓޭ (މ) ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ލީގުގެ ދެ ބުރުގެ ކުޅުން މިހާރު ނިމިފައިވާއިރު ލީގަށް ވާދަކުރާނެ ކަމަށް ބެލެވެނީ މާޒިޔާގެ އިތުރުން ޓީސީ އާއި އީގަލްސް އެވެ. އެންމެ ފަހު ހަތަރު އަހަރުގެ ޗެމްޕިއަން ނިއު ރޭޑިއަންޓަށް ލީގު ޗެމްޕިއަންކަން ހޯދުމުގެ އޮތީ މެތެމެޓިކަލް ވަރަށް ހަނި ފުރުސަތެކެވެ.

ރެލިގޭޓްވުމުގެ ބިރު ބީޖީ އާއި ވިކްޓަރީ އަށް، އެހެން މަގާމުތައް ވެސް ވާދަވެރި

ލީގުގެ ފަހު ބުރަށް ދާއިރު ހަތަރު ވަނައިގައި އޮތް ވެލެންސިއާ އާއި ހަ ވަނައިގައި އޮތް ނިއުއާ ދެމެދު އޮތީ ތިން ޕޮއިންޓުގެ ފަރަގެވެ. ވެލެންސިއާ ހަތަރު ވަނައިގައި 19 ޕޮއިންޓާ އެކު އޮތްއިރު، ޔުނައިޓެޑް ވިކްޓަރީ ފަސް ވަނައިގައި އޮތީ 18 ޕޮއިންޓް ހޯދައިގެންނެވެ. ނިއު ހަ ވަނައިގައި އޮތީ 16 ޕޮއިންޓާ އެކު އެވެ. ލީގުގެ އެންމެ ކާމިޔާބު ދެ ޓީމު ކަމަށްވާ ވެލެންސިއާ އާއި ނިއު އަށް ފެންނަ ފެނުމަށް މިހާރު އޮތީ ގަދަ ހަތަރަކަށް ވާދަކުރުމެވެ.

ވެލެންސިއާ އަކީ މި ސީޒަނުގައި ލީގަށް ވާދަކުރާނެ ކަމަށް ބެލެވުނު ޓީމެކެވެ. ފެންވަރު ރަނގަޅު ސްކޮޑެއް އޮތް ނަމަވެސް އެ ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ނަތީޖާ ނުނެރެވުމެވެ. ގިނަ މެޗުތަކުގައި ރަނގަޅަށް ކުޅުނު ނަމަވެސް އެ ޓީމަށް ވަނީ ނަތީޖާ ނުނެރެވިފަ އެވެ. ލީގުގައި މިހާތަނަށް ކުޅުނު 14 މެޗުން އެ ޓީމު މޮޅުވެފައިވަނީ ފަސް މެޗުންނެވެ. ފަސް މެޗުން ބަލިވިއިރު، އަނެއް ހަތަރު މެޗުން ވަނީ އެއްވަރުވެފަ އެވެ.

ލީގަށް މިދިޔަ އަހަރު ގެނައި ބަދަލާ އެކު އެންމެ ފުލަށްދާ ޓީމެއް ރެލިގޭޓްވާނެ އެވެ. ލީގުގެ އެންމެ ފުލުގައި މި ވަގުތު އޮތީ ބީޖީ އެވެ. އެ ޓީމަށް 14 މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. އެ ޓީމަށް ވުރެ ދެ ޕޮއިންޓް އިތުރަށް ހޯދައިގެން ވިކްޓަރީ އޮތީ ހަތް ވަނައިގައި 14 މެޗުން ނުވަ ޕޮއިންޓާ އެކު އެވެ.

ފުރަތަމަ ބުރުގައި ވިކްޓަރީ އަށް އިރުޝާދުދިނީ އެ ޓީމަށް ކުރިން ކުޅުނު ކުޅުންތެރިއާ މުހައްމަދު ނަޒީހު އެވެ. ލީގުގެ ދެ ވަނަ ބުރުގައި ނަޒީހު ވަކިކޮށް ވިކްޓަރީން ވަނީ އެ ޓީމުގެ ކޯޗުކަމަށް ކުރިން ވެލެންސިއާ އާއި ވީބީ އަށް ކޯޗުކޮށްދިން ލާސްލޯ ކިސް ގެނެސްފަ އެވެ. ކިސް ހަވާލުވެ، މި ފަހަރުގެ ޓްރާންސްފާގައި އެ ޓީމަށް ގެނައި ކުޅުންތެރިންނާ އެކު ވިކްޓަރީގެ ކުޅުން ވަނީ ރަނގަޅުވެފަ އެވެ. ނަމަވެސް ލީގުގެ ފަހު ބުރަށް ދާއިރު ވިކްޓަރީ އާއި ބީޖީ އަށް ވަނީ ރެލިގޭޓްވުމުގެ ބިިރު ހީވެފަ އެވެ. މި ދެ ޓީމަކީ ވެސް ފާއިތުވި އަހަރުތަކުގައި ރެލިގޭޝަން ކުޅުނު ދެ ޓީމެވެ. އެހެން ނަމަވެސް ރެލިގެޝަނުން މި ދެ ޓީމު ސަލާމަތްވީ އޭރު ލީގުގެ ފޯމެޓް އޮތް ގޮތުންނެވެ.

ވިކްޓަރީ މިހާތަނަށް ދެ މެޗުން މޮޅުވެފައިވާއިރު، ބީޖީ އަށް މޮޅުވެވުނީ އެންމެ މެޗަކުންނެވެ.

ލީގުގެ ތިން ވަނަ ބުރުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރާނީ ޓީސީ އާއި ޔުނައިޓެޑް ވިކްޓަރީ އެވެ. ދެ ވަނަ މެޗުގައި މިރޭ ކްލަބް އީގަލްސް ބައްދަލުކުރާނީ ބީޖީއާ އެވެ.