ކްލަބްތަކަށް ފައިސާ ދެމުން އައީ ސިޔާސީ މަގުސަދެއްގައި: މަހުލޫފު

އެއްވެސް ބެލުމެއް ނެތި ސަރުކާރުން ފުޓްބޯޅަ ކްލަބްތަކަށް ފައިސާ ދިނުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި ކުރީގެ ސަރުކާރުން މިކަން ފެށީ ވެސް ސިޔާސީ މަގުސަދެއްގައި ކަމަށް ކުޅިވަރާ ބެހޭ މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.


މިދިޔަ ދެ އަހަރު ސަރުކާރުން ކްލަބްތަކަށް ފައިސާ ދިނީ ކުންފުނިތައް މެދުވެރިކޮށެވެ. ދެމެހެއްޓެނިވި ގޮތަކަށް އާމްދަނީ ލިބޭނެ ގޮތެއް ހޯދައިނުދީ ސީދާ އަހަރުން އަހަރަށް ފައިސާ ދޭތީ އެކަމަށް ފާޑުކިޔުން އަމާޒުވި އެވެ. އޭގެ ފަހުން މި ސަރުކާރުން ވެސް ވަނީ ކްލަބްކަށް މި އަހަރު ފައިސާ ދޭނެ ކަމަށް ބުނެފަ އެވެ.

"މިހާރަ"ށް ދިން އިންޓަވިއުއެއްގައި މަހުލޫފު ވިދާޅުވީ ދެ އަހަރު އެ ފައިސާ ދީފައި ކުއްލި އަކަށް މި އަހަރު ނުދިނީމާ އެއީ ކްލަބްތަކަށް އުނދަގޫވާނެ ކަމަށެވެ. އެކަމަކު މި ފަހަރު އެ ފައިސާ ދޭނީ އެފްއޭއެމް އިސްލާހުކުރަން ކުރާ މަސައްކަތުގެ ތެރެއިން ކަމަށާއި އެގޮތުން ސަރުކާރުން މިހާރު ފުޓްބޯޅަ ރަނގަޅުކުރަން ކުރާ މަސައްކަތުގައި ކްލަބްތަކުން އެއްބާރުލުން ދޭނަމަ މިނިސްޓްރީ އާއި ރައީސް އޮފީހާއި ގުޅިގެން ފައިސާ ދޭނެކަން ވިދާޅުވި އެވެ.

އެފްއޭއެމުން ދާދި ފަހުން ބުނީ އަންނަ އަހަރުން ފެށިގެން އެ ފައިސާ ދޭނީ ސީދާ އެ އެސޯސިއޭޝަނުން ކަމަށެވެ. އެކަމަކު މަހުލޫފު ވިދާޅުވީ ކްލަބަކަށް ތިން މިލިއަން ރުފިޔާގެ ރޭޓުން 30 މިލިއަން ރުފިޔާ ހަރަދުކުރާއިރު، އެ ފައިސާގެ ބޭނުންކޮށްގެން މުޅި ރާއްޖެ އަށް ހޯމް އެންޑް އަވޭ އުސޫލުން ފުޓްބޯޅަ ތައާރަފްކުރުން މާ ރަނގަޅުވާނެ ކަމަށެވެ.

"ކްލަބްތަކަށް ހޯދައިދޭން މި ޖެހެނީ އެ މީހުން ސަރުކާރުގެ ވެސް އެފްއޭއެމްގެ ވެސް އެ ނޫން ވެސް ބައެއްގެ ފައިބުޑަށް ނުވެއްޓި އުޅެވޭނެ ގޮތެއް." މަހުލޫފު ވިދާޅުވި އެވެ.

މަހުލޫފު ވަނީ އެފްއޭއެމަށް ކްލަބްތަކަށް ފައިސާ ދެވިދާނެތޯއާ މެދު ވެސް ސުވާލުއުފައްދަވައިފަ އެވެ.

"އެފްއޭއެމުން ކްލަބްތަކަށް ވިސްނައިދީގެން މި އުޅެނީ މާޗް މަހާ ހަމައަށް ސަރުކާރުން ނުދީފިއްޔާ އެފްއޭއެމުން ފައިސާ ދޭނަމޭ. އެފްއޭއެމުން ބިލް ނުދެއްކީމަ ކޮށްފައި ހުންނަ ޝަކުވާ މިތަނަށް ބިލް އައީމަ އަޅުގަނޑަށްތާ އެނގޭނީ. ތިން ވަނަ ޑިވިޝަން ޗެމްޕިއަން ރޮކް ސްޓްރީޓްއާ ދިމާވި ޗެމްޕިއަނަށްދޭ 10،000 ރުފިޔާ އެ މީހުންނަށް ނުލިބިގެން އުޅެނިކޮށް. ދެން މި ކިޔަނީ 30 މިލިއަން ރުފިޔާ ދޭ ވާހަކަ ކޮންތާކުންތޯ މި ފައިސާ ދެނީ؟" މަހުލޫފު އެއްސެވި އެވެ.

މިނިސްޓަރު ވިދާޅުވީ އޭނާއާ އެފްއޭއެމްއާ މައްސަލަ ޖެހުނީ އެ ތަނުގެ ހާލަތު ރަނގަޅުކުރަން އޭނާ މަސައްކަތްކުރާތީ ކަމަށާއި އެކަން އެނގިގެން ދިޔައީ ކުރީ ސަރުކާރުގެ މިނިސްޓަރުން އޭނާ އަށް ގުޅުއްވައި ދެއްކެވި ވާހަކަތަކުން ކަމަށެވެ.

"އަޅުގަނޑަށް އެބަގުޅާ ރައީސް ޔާމީން ސަރުކާރުގެ ބައެއް ވަޒީރުން. ވިދާޅުވީ މަހުލޫފުއޭ މިއީ މަހުލޫފުގެ މައްސަލައެއް ނޫނޭ. އިރުތިޝާމާ އެކީ ވެސް (އެފްއޭއެމް އަށް) މަސައްކަތެއް ނުކުރެވުނޭ. ޒުހޫރާ އެކީ މަސައްކަތް ނުކުރެވުނޭ. މުންދުއާ އެކީ ނުކުރެވެއޭ. މަލީހުއާ އެކީ ނުކުރެވެއޭ. ދެން މީގެން އެނގޭ އެހެން ކަހަލަ އިޝޫއެއް ކަން މި އުޅެނީ،" މަހުލޫފު ވިދާޅުވި އެވެ.

އެފްއޭއެމްއާ މެދު ހިތްހަމަނުޖެހިގެން ބައެއް ކްލަބްތަކުން އަންނަނީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަން މަސައްކަތްކުރަމުންނެވެ. އެކަމުގެ އަޑީގައި މަހުލޫފު ހުންނެވި ކަމަށް އެފްއޭއެމުން ތުހުމަތުކުރެ އެވެ.

އެ މަސައްކަތުގައި އިސްކޮށް އޮތް ނިއު ރޭޑިއަންޓް މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެފްއޭއެމުން ބުނީ ސަސްޕެންޑްކުރީ އެ ކްލަބުން ކުޅުންތެރިންނަށް މުސާރަ ނުދޭތީ ކަމަށެވެ. އެކަމަކު މުސާރަ ނުދޭ އެތައް ކްލަބެއް އޮއްވާ ހަމައެކަނި ނިއު އަށް އަދަބު ދިނީ އެފްއޭއެމާ ދެކޮޅަށް ނުކުތުމުން ކަމަށް އެ ކްލަބުން ބުނެ އެވެ.

މި އަހަރު އޮންނަ އޭއެފްސީ އަދި ފީފާގެ އިންތިހާބުގައި ރާއްޖޭން ދޭ ވޯޓަކީ ވެސް ވަކި ބަޔެއްގެ މަންފާއަށް ކުރެވޭ ކަމަކަށް ވެގެން ނުވާނެ ކަމަށް މަހުލޫފު ވިދާޅުވި އެވެ.

"އޭއެފްސީން ވެސް ފީފާ އިން ރާއްޖޭގެ ވޯޓު ބޭނުމެއް ނުވޭ ރާއްޖޭގެ ފުޓްބޯޅަ އަށް (އިތުރު) ކަމެއް ކޮށްދީގެން. އިތުރަށް ރާއްޖޭގެ ފުޓްބޯޅަ ޑިވެލޮޕްކުރަން ކުރެވޭ ކަމެއް ނެތް. އަޅުގަނޑުމެން ބޭނުން އެހެން އެކަން ނުވާން. އަޅުގަނޑުމެން ބޭނުންވަނީ ރާއްޖެ އަށް މީގެން ފައިދާވާން،" މަހުލޫފު ވިދާޅުވި އެވެ.

އޭނާ ކުޅިވަރާ ބެހޭ މިނިސްޓަރުގެ ޒިންމާއާ ހަވާލުވީ ހުރިހާ ކުޅިވަރެއްގެ ވެސް މަންފާ އަށް މަސައްކަތް ކުރުމަށް ކަމަށާއި އުސޫލުން ބޭރުން ކަންތައްތައް ކޮށްގެން ކުރިއަށް ނުދާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

"އަޅުގަނޑު އަތްބާނައިގެން ކުޅިވަރު ކޮންޓްރޯލް ކުރާ މީހެކޭ ބުނާކަށް ބޭނުމެއް ނުވޭ. ވަރަށް އިންޑިޕެންޑެންޓްކޮށް މި ވަގުތަށް ވެސް ހަމަ މަސައްކަތް އެދަނީ، ސްޕޯޓްސް ކައުންސިލްގައި ވެސް. ސިޔާސީ ހިޔާލު ތަފާތުވުން ހުރިއޭ ކިޔާފައި މީހެއްގެ މަގާމު ގެއްލުވާލަން އަޅުގަނޑުމެން ނުހިފާނަން،" މަހުލޫފު ވިދާޅުވި އެވެ.