އެފްއޭއެމްއާ ދެކޮޅަށް ވިކްޓްރީން މައްސަލަ ހުށަހަޅައިފި

އެފްއޭއެމްގެ ލީޑާޝިޕާ މެދު އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށްޓަކައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައިދޭން އެދި 19 ކްލަބެއްގެ ސޮޔާ އެކު ވިކްޓަރީ ސްޕޯޓްސް ކްލަބުން މިއަދު އެ އެ އެސިއޭޝަނަށް ހުށަހަޅައިފި އެވެ.


ވިކްޓްރީގެ ފަރާތުން އެފްއޭއެމަށް ވަޑައިގެން، ސިޓީ ހުށަހެޅުއްވީ އެ ކްލަބުގެ ޗެއާމަން ޑރ. އިބްރާހިމް ނާޝިދު (ނާޝް) އާއި ވައިސް ޗެއާމަން މައުރޫފް އަހުމަދު (މާއްޓޭ) އެވެ.

އެފްއޭއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުގައި ވޯޓް ލެވޭ 50 އިން ސައްތަ ކްލަބްތަކުން ހުށަހަޅައިފި ނަމަ 15 ދުވަހުގެ ތެރޭ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި މައްސަލަތައް އެޖެންޑާކުރަން ޖެހޭނެ އެވެ. މީގެ ކުރިން މި މައްސަލަ ހުށަހަޅަން މަސައްކަތްކުރީ ނިއު ރޭޑިއަންޓުންނެވެ. އެކަމަކު ކުޅުންތެރިންނަށް މުސާރައިގެ ގޮތުގައި 3.8 މިލިއަން ރުފިޔާ ނުދައްކައި އެފްއޭއެމުން ނިއު ސަސްޕެންޑްކުރުމުން ހުށަހެޅޭ ގޮތްނުވީ އެވެ. ނިއު އިން ތުހުމަތަކުރަނީ އެފްއޭއެމުން އެ ކްލަބް ސަސްޕެންޑްކުރީ އެ މައްސަލަ ހުށަހެޅިޔަ ނުދޭން ކަމަށެވެ.

ވިކްޓްރީގެ ޗެއާމަން ނާޝިދު ވިދާޅުވީ މިކަމުގައި ވިކްޓްރީ އިސް ނަގަން ޖެހުނީ ނިއު ސަސްޕެންޑްކުރުމުން ކަމަށާއި، އެ ކްލަބް އޮތީ އެކަމުގައި ނިއުގެ ފަހަތުގައި، އެފްއޭއެމްގެ ބޯޑު ބަދަލުކުރަން ތައްޔާރުގައި ކަމަށެވެ.

"އަޅުގަނޑުމެންނަށް ވެސް ވަރަށް ބޮޑުވެފައި އޮތް ކަމެއް (އެފްއޭއެމްގެ މައްސަލައަކީ). ކްލަބް ކްލަބެއްގެ ގޮތުގައި ހިންގޭކަށް ނެތް. އެކަލަ ބައިވަރު ބައިވަރު މައްސަލަތައް ހުރީމާ ހުށައެޅީ،" ނާޝިދު ވިދާޅުވި އެވެ.

މި މައްސަލަ ހުށައެޅި އެފްއޭއެމުން ވަނީ އެ އެސޯސިއޭޝަނުގެ އޯޑިނަރީ ކޮންގްރެސް މާޗު 24 ގައި ބާއްވަން ނިންމައިފަ އެވެ. އެ ކޮންގްރެސްގައި ހިމަނާނެ ކަންކަން އެޖެންޑާކުރާނީ އެގްޒެކެޓިވް ކޮމިޓީންނެވެ. އާއްމުކޮށް އޮންނާނީ ބަޖެޓް ފާސްކުރުމާއި އަހަރީ އޮޑިޓް ރިޕޯޓް ފާސްކުރުން ފަދަ ކަންކަމެވެ.

ވިކްޓްރީގެ ސިޓީގައި ފާހަގަކޮށްފައިވާ ނުކުތާތަކުގެ ތެރޭގައި މުބާރާތްތައް ރަނގަޅަށް ނުބޭއްވުމާއި އެގްޒެކެޓިވް ކޮމިޓީއަށް ގަވާއިދާ ހިލާފަށް މީހުން އައްޔަންކުރުމާއި އެފްއޭއެމް ހައުސްގައި ސިޔާސީ ކަންކަން ހިންގުން ހިމެނެ އެވެ.

"ހުރިހާ ކްލަބަކަށް އެބަ އުނދަގޫވޭ އެފްއޭއެމް ނުހިނގާތީ. އެފްއޭއެމްގެ ދޯދިޔާކަމުން. އެފްއޭއެމްގެ ބެލުމެއް ނެތް ކަމުން. އެއްގޮތަކަށް ވެސް ކްލަބްތަކަށް ވަނީ ކިހިނެއްތޯއެއް ބަލައެއް ނުލާ. ކްލަބްތަކާ ވާހަކަދައްކަނީކީ ނޫން. ކްލަބްތަކަށް އަމުރުކުރަނީ،" ނާޝިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީއަކީ ކްލަބްތަކުން އައްޔަންކުރާ ބަޔެއް ތިބޭ ތަނެއްކަން އެފްއޭއެމްގެ އިސްވެރިންނަށް ނޭގެނީ ކަމަށް ވެދާނެ ކަމަށާއި އެއީ ކްލަބްތަކަށް އަމުކުރަން ތިބޭ ބަޔެއް ނޫން ކަމަށެވެ.

ކްލަބްތަކުން ހިތްހަމަނުޖެހުނު ސަބަބުތަކުގެ ތެރޭގައި މިދިޔަ ސީޒަނުގެ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކުއްލި ގޮތަކަށް ކެންސަލްކުރުމާއި މި އަހަރުގެ ސީޒަން ވެސް ޖޫން މަހު ފަށާ ގޮތަށް ނިންމުން ހިމެނެ އެވެ.

މީގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމްގެ އޮފީހެއް އެފްއޭއެމްގެ އިމާރާތަށް 2017 ވަނަ އަހަރުގެ ޖުލައި މަހު ބަދަލުކުރުމުން، އެތަނުގައި ސިޔާސީ ހަރަކާތް ހިންގަނީ ކަމަށް ބުނެ އޭރު ފާޑުކިޔުންތަކެއް އަމާޒުވި އެވެ. އެ އޮފީހަކީ ރައީސް ޔާމީންގެ ކެމްޕެއިންގެ ބައެއް މަސައްކަތްތަކާއި ޕީޕީއެމަށް މީހުން އިތުުރުކުރުމުގެ ބައެއް މަސައްކަތްތައް ވެސްކޮށްފައިވާ ތަނެކެވެ.އެކަމަކު އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް އޭރު ވިދާޅުވީ އިމާރާތުގެ އެއްވެސް ތަނެއް "މެޑަމް އޮފީސް" ހިންގަން ދީފައިވާ ނުވާނެ ކަމަށާއި އެކަމަކު ބައެއް އަމިއްލަ ކުންފުންޏަކަށް ކުއްޔަށް ދީފައިވާ ކަމަށާއި، އެ ކުންފުނިން އެ ތަން އެހެން ބަޔަކަށް ދިނުމަކީ އެފްއެމްއޭ ގުޅޭ ކަމެއް ނޫން ކަމަށެވެ.

އެފްއޭއެމްގެ ވެސް އިހުމާލެއް އޮވެ، ރާއްޖޭގެ ކްލަބްތަކަށް މި އަހަރުގެ އޭއެފްސީ ކަޕުން ފުރުސަތު ގެއްލުމަކީ ވެސް ހިތްހަމަނުޖެހުންތައް އުފެދެން މެދުވެރިވި ސަބަބެކެވެ. އެ ފުރުސަތު ގެއްލުނީ ކްލަބްތަކުން އޭއެފްސީގެ ކްލަބް ލައިސިންސިން ސިސްޓަމުގައި ރަޖިސްޓްރީކޮށްފައިނުވާތީ އެވެ. އެ މައްސަލައިގައި އެފްއޭއެމުން ގޯސްކުރީ ކްލަބްތަކެވެ. އެކަމަކު ކްލަބްތަކުންނާއި ކުޅިވަރުގެ ބައެއް ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ކްލަބްތަކުން ރަޖިސްޓްރީ ކުރޭތޯ ބެލުމަކީ އެފްއޭއެމްގެ ޒިންމާއެއް ކަމަށެވެ.