ހޮކޭގެ އެއްބަސްވުން ވެސް އެފްއޭއެމުން ބާތިލްކޮށްފި

ތަޖުރިބާކާރު ޑިފެންޑަރު މުހައްމަދު ރަޝީދު (ހޮކޭ) އަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން މުސާރަ ނުދޭތީ އޭނާ އާއި އެކްލަބާ ދެމެދު ހަދާފައިވާ އެއްބަސްވުން އެފްއޭއެމްގެ ޕްލޭޔާ ސްޓޭޓަސް ކޮމިޓީން އުވާލައިފި އެވެ.


އެއްބަސްވުން އުވާލިކަމުގެ ލިޔުން ހޮކޭއާ ހަވާލުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ. ހޮކޭ އަކީ މިދިޔަ ފަސް އަހަރު ނިއު އަށް ކުޅެ ގިނަ މެޗުތަކެއްގައި އެ ޓީމުގެ ކެޕްޓަން ބޭންޑް ވެސް އަޅައިގެން ކުޅެފައިވާ ކުޅުންތެރިއެކެވެ.

ޑިފެންސްލައިނާއި މެދުތެރެއަށް ވެސް މޮޅު ކުޅުމެއް ދައްކާ ހޮކޭއާ އެކު ނިއު އިން ހަދާފައިވާ ފަސް އަހަރުގެ އެއްބަސްވުން އޮތީ މި އަހަރުގެ ނިޔަލަށެވެ. އެކަމަކު ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް ނިއު އިން އަމަލުކޮށްފައެއް ނުވެ އެވެ.

ކުރިން ވިކްޓަރީ، މާޒިޔާ އަދި ވެލެންސިއާ އަށް ވެސް ކުޅުނު ހޮކޭ ނިއު އަށް ބަދަލުވީ 2014 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ ޓީމުން ހޯދި ގިނަ ކާމިޔާބީތަކުގައި އޭނާގެ ދައުރު ބޮޑެވެ. ގައުމީ ޓީމުން މީގެ ކުރިން ގަވައިދުން ފުރުސަތު ހޯދަމުން އައި ހޮކޭ އަށް މިހާރުގެ ކޯޗު ޕީޓަ ސެގާޓް ހަވާލުވި ފަހުން ޓީމުން އަދި ފުރުސަތު ނުލިބެ އެވެ.

ހޮކޭ އަކީ މިދިޔަ އަހަރެއްހާ ދުވަސްތެރޭ އެފްއޭއެމްގެ ޕްލޭޔާ ސްޓޭޓަސް ކޮމިޓީން އެއްބަސްވުން އުވާލި ތިން ވަނަ ކުޅުންތެރިޔާ އެވެ. މިދިޔަ އަހަރު ޖޫން މަހު މުސާރަ ނުދޭތީ އަލީ އަޝްފާގު (ދަގަނޑޭ) ގެ އެއްބަސްވުން އުވާލިއިރު، މިދިޔަ ބުދަ ދުވަހު ވަނީ ހަމްޒާ މުހައްމަދު (ހަމްޕު) ގެ އެއްބަސްވުން ބާތިލްކޮށްފަ އެވެ.

ޕްލޭޔާ ސްޓޭޓަސް ކޮމިޓީން ހަމްޕު އާއި ހޮކޭގެ ކޮންޓްރެކްޓް އުވާލިއިރު، އެފްއޭއެމުން މިދިޔަ މަހު 23 ވަނަ ދުވަހު ނިއު ސަސްޕެންޑްކުރީ ސީނިއާ ޓީމުގެ 10 ކުޅުންތެރިއަކަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ 3.8 މިލިއަން ރުފިޔާ ނުދީ އޮތުމުން ކަމަށް ބުނެ އެވެ. އެފްއޭއެމުން ވަނީ ނިއު އިން ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ ދިނުމާ އެކު އެ ޓީމަށް ދީފައިވާ ސަސްޕެންޝަން ނަގާނެ ކަމަށް ބުނެފަ އެވެ.

އަދި ދާދި ފަހުން ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާ އިން ވަނީ މިދިޔަ އަހަރުގެ ކުރީކޮޅުގައި ނިއު އަށް ކުޅުނު އަފްގާނިސްތާނުގެ ފުލްބެކް ހާރޫން އަމީރީ އަށް ދޭން ޖެހޭ މުސާރަ ދިނުމަށް ވަކި މުހުލަތެއް ދީފަ އެވެ. ފީފާއިން ނިއު އަށް ފޮނުވި ސިޓީގައި އަންގާފައިވަނީ އަމީރީގެ މުސާރައިގެ ގޮތުގައި ދޭން ޖެހޭ 13،250 ޑޮލަރާއި އުސޫލުން ބޭރުން ނިއު އިން އަމީރީގެ ކޮންޓްރެކްޓް ބާތިލުކޮށްފައިވާތީ އޭގެ އަށް ދައްކަން ޖެހޭ 30،130 ޑޮލަރު ދެއްކުމަށެވެ. އެ ގޮތުން ޖުމްލަ ނިއު އިން ވަނީ އަމީރީ އަށް 45،636 ޑޮލަރު (703،707.12 ރުފިޔާ) ދައްކަން ޖެހިފަ އެވެ.