ކްލަބްތަކުގެ ހުށަހެޅުން: ބައްސާމް ވަކިކޮށް ކޮމިޓީއަކާ ހަވާލުކުރުން!

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ވިކްޓްރީ ސްޕޯޓްސް ކްލަބުން މިވަނީ 19 ކްލަބެއްގެ ސޮޔާ އެކު، އެ އެސޯސިއޭޝަނުގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައިދޭން އާދީއްތަ ދުވަހު އެދިފަ އެވެ. އަސާސީ ގަވާއިދު ބުނާ ގޮތުގައި ކޮންގްރެސްގައި ވޯޓް ލެވޭ 50 އިންސައްތަ ކްލަބުން އެދިއްޖެ ނަމަ 14 ދުވަހުގެ ތެރޭގައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައިދޭން ޖެހެ އެވެ. އަދި އެ ކޮންގްރެސްގެ އެޖެންޑާގައި ކްލަބްތަކުން އެދޭ ކަންތައްތައް ހިމަނަން ޖެހޭނެ އެވެ. އަދި އެކަންކަމަށް ކޮންގްރެސްގެ ތާއީދު ލިބިއްޖެ ނަމަ ވަގުތުން ވަގުތަށް އަމަލީ ސިފަ އަންނާނެ އެވެ.


ވިކްޓްރީން އެޖެންޑާކޮށް ފާސްކުރުވަން ބޭނުންވަނީ ކޮން ކަންތައްތަކެއް ހެއްޔެވެ؟ އެ ކްލަބުން އެޖެންޑާކުރަން އެދިފައިވާ ފުރަތަމަ ކަމަކީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ހިމެނޭ ގޮތަށް އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުން މަގާމުން ދުރުކުރުމެވެ. އެއީ އަސާސީ ގަވާއިދުން ކޮންގްރެސް އަށް ލިބިދޭ ބާރެކެވެ.

އެއަށް ފަހު، އެފްއޭއެމްގެ އަސާސީ ގަވާއިދު މުރާޖައާކޮށް ރައީސާއި އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުން އިންތިހާބުކުރުމަށް ނޯމަލައިޒޭޝަން ކޮމިޓީއެއް އައްޔަންކުރުމަށް ވެސް އެޖެންޑާކުރަން އެދިފައިވެ އެވެ. އަދި އެ ކޮމިޓީގައި ތިން މެމްބަރުންނަށް ވުރެ ގިނަ އަދަދަކަށް މެމްބަރުން ނުހިމެނޭނެ ކަމަށާއި ބާއްވާ އިންތިހާބުގައި ވާދަކުރުމުގެ ހައްގު އެ ކޮމިޓީގެ މެމްބަރުންނަށް ނުލިބޭނެ ކަމަށް ވެސް ހުށަހެޅުމުގައިވެ އެވެ.

އެކަމަކު އަސާސީ ގަވާއިދު ބުނާ ގޮތުގައި މެމްބަރުންތަކެއް މަގާމުން ދުރުކުރުމުގެ މަސައްކަތް ކުރަންވާނީ، އެކަމަށް މަގުބޫލު ސަބަބުތަކެއް ދައްކައިގެންނެވެ.

ވިކްޓްރީން ވަނީ ހަތް ސަބަބެއް ދައްކައިފަ އެވެ. ފުރަތަމަ ކަމަކީ އަސާސީ ގަވާއިދާ ހިލާފަށް، އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުން ވަކިކުރުމާއި އާ މެމްބަރުން އައްޔަންކުރުމެވެ.

އެގްޒެކެޓިވް ކޮމިޓީން ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އަދި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ވަކިކުރީ ބައްދަލުވުންތަކަށް ހާޒިރުނުވާ ކަމަށް ބުނެ އެވެ. އެކަމަކު އޭގެ އަސްލު ސަބަބަކީ، އެ މެމްބަރުން ސިޔާސީ ގޮތުން ވިސްނުން ބަދަލުކުރުން ކަމަށް އޭރު ތުހުމަތުކުރެވުނެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކުރުމަށް އެ މެމްބަރުން ސޮއިކުރެއްވި ދުވަސްކޮޅެވެ.

އޭގެ ތެރެއިން އަބުޅޯ "މިހާރަ"ށް ވިދާޅުވީ މަގާމުން ވަކިކުރިކަން އޭނާ އަށް އެނގިފައިނުވާ ކަމަށާއި އަދި އެކްސްކޯ ޖަލްސާއަށް ހާޒިރުނުވާން ނޯޓިސްއެއް ވެސް ފޮނުވާނުވާ ކަމަށެވެ. އޭރު ތުހުމަތުކުރެވިފައި އޮތީ، ވަކި އަދަދަކަށް ބައްދަލުވުންތަކަށް ހާޒިރުނުވެއްޖެ މެމްބަރުކަމުން ވަކިކުރެވޭ މާއްދާގެ ބޭނުން ހިފުމަށްޓަކައި، ގަސްދުގައި އުސޫލުން ބޭރުން ޖަލްސާތަކެއް ބޭއްވީ ކަމަށެވެ.

އެފްއޭއެކްގެ އެގްޒެކެޓިވް ކޮމިޓީގެ ކުރީގެ ތިން މެމްބަރުން (ކ-ވ) އަބުޅޯ، ޝާހު އަދި ޝަހުދީ: ތިން މެމްބަރުން ވަކިކުރީ ބައްދަލުވުންތަކަށް ހާޒިރުނުވާ ކަމަށް ބުނެ.

އެ މަގާމްތަކަށް އާ މެމްބަރުން އައްޔަންކުރީ ވެސް އެގްޒެކެޓިވް ކޮމިޓީންނެވެ. އިނގިރޭސި ބަހުން އޮތް އެފްއޭއެމްގެ އަސާސީ ގަވާއިދުގައި ބުނާ ގޮތުގައި، މަގާމެއް ނުވަތަ 50 ޕަސެންޓާ ހަމަޔަށް މަގާމްތައް ހުސްވެއްޖެ ނަމަ، ކޮންގްރެސްގައި އަލުން މެމްބަރުން އިންތިހާބުކުރެވެންދެން، ކޮމިޓީން އެ މަގާމްތައް ފުރަން ޖެހޭނެ ކަމަށެވެ. ކުރީގެ ޖެނެރަލް ސެކްރެޓަރީ ޝާހު އިސްމާއިލް ވިދާޅުވީ އޭގެ މާނައަކީ މިހާރު ތިއްބެވި މެމްބަރުންގެ އަދަދުން ކޯރަމް ހަމަކޮށް ކުރިއަށް ގެންދިއުން ކަމަށެވެ. އެކަމަކު ދިވެހި ތަރުޖަމާގައި ބުނަނީ ކޮންގްރެސްގައި އަލުން މެމްބަރުން އިންތިހާބުކުރެވެންދެން، މި މަގާމަށް މީހަކު ހަމަޖައްސާނީ އެގްޒެކެޓިވް ކޮމިޓީން ކަމަށެވެ. އަސާސީ ގަވާއިދުގައި ބުނާ ގޮތުގައި ދެބަހުން ލިޔެފައިވާ އެއް ލިޔުމެއްގެ މާނަ ފުށުއަރައިފި ހިނދެއްގައި އިސްކަންދެވޭނީ އިނގިރޭސި ބަހުން ލިޔެފައިވާ ލިޔުމަށެވެ. އެހެންވެ އެގޮތުން ބަލާއިރު، އެގްޒެކެޓިވް ކޮމިޓީއަށް މެމްބަރުން އައްޔަންކުރުމުގެ ބާރެއް އެގްޒެކެޓިވް ކޮމިޓީއަށް ނޯންނާނެ އެވެ.

ވިކްޓްރީން ދެން ފާހަގަކޮށްފައިވަނީ އެފްއޭއެމްގެ އިމާރާތުގައި ސިޔާސީ އޮފީހެއް ހުޅުވުމާއި ސިޔާސީ ހަރަކާތްތަކުގައި އެތަން ނަހަމަ ގޮތުގައި ބޭނުންކުރުމެވެ. އެކަން ގުޅެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމްގެ އޮފީހެއް އެފްއޭއެމްގެ އިމާރާތަށް 2017 ވަނަ އަހަރު ހުޅުވި ހުޅުވުމާ އެވެ. އެކަމަކު އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް އޭރު ވިދާޅުވީ އިމާރާތުގެ އެއްވެސް ތަނެއް "މެޑަމް އޮފީސް" ހިންގަން ދީފައިވާ ނުވާނެ ކަމަށާއި އެކަމަކު ބައެއް އަމިއްލަ ކުންފުންޏަކަށް ކުއްޔަށް ދީފައިވާ ކަމަށާއި، އެ ކުންފުނިން އެ ތަން އެހެން ބަޔަކަށް ދިނުމަކީ އެފްއެމްއޭ ގުޅޭ ކަމެއް ނޫން ކަމަށެވެ.

ވިކްޓްރީން ފާހަގަކޮށްފައިވާ އެހެން ނުކުތާތަކުގެ ތެރޭގައި އަސާސީ ގަވާއިދާ އެއްގޮތަކަށް އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުންތައް ނުބޭއްވުމާއި ގަވާއިދުގެ ދަށުން ހަދަން ޖެހޭ ސަރަހައްދީ އޮފީސްތައް ނެހެދުމާއި މުހިއްމު މުބާރާތްތައް ނުބޭއްވުން ހިމެނެ އެވެ. މީގެ އިތުރުން އޭއެފްސީ ކަޕުގެ ޖާގަތައް ގެއްލުމުގައި އެފްއޭއެމްގެ ފަރުވާކުޑަކަން އޮތްކަމަށް ތުހުމަތު ކުރެވުމާއި ފުޓްބޯޅައާ ގުޅުން ހުރި މުހިއްމު ނިންމުންތައް އެގްޒެކެޓިވް ކޮމިޓީ އާއި ކްލަބްތަކުގެ ބަހެއް ނެތި ނިންމުން އެއީ ވިކްޓްރީން ފާހަގަކޮށްފައިވާ ނުކުތާތެކެވެ.

ވިކްޓްރީގެ ހުށައެޅުމަށް 19 ކްލަބެއްގެ ތާއީދު އޮތުމުން، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި އެކަންކަން އެޖެންޑާކޮށްފި ނަމަ އެގޮތަށް ފާސްވާނެ އެވެ. އެފްއޭއެމުން ކޮންގްރެސް ބާއްވަފާނެ ހެއްޔެވެ؟ އެ ސުވާލު އުފެދޭ ސަބަބަކީ، މި މައްސަލަ ހުށަހަޅަން އެންމެ ފުރަތަމަ މަސައްކަތްކުރި ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓް ސަސްޕެންޑްކޮށް އެކަމަށް ނުސީދާކޮށް ހުރަސް އެޅުމެވެ. އެފްއޭއެމުން ނިއު ސަސްޕެންޑްކުރީ އެ ކްލަބުން ކުޅުންތެރިންނަށް މުސާރަ ނުދީ އޮތުމުން ކަމަށް ބުނެ އެވެ. އެކަމަކު ނިއު އިން ދެކޭ ގޮތުގައި އެއީ އެ ކްލަބުން އެފްއޭއެމްގެ ލީޑާޝިޕުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ނަގަން އުޅުމުން އެޅި ޒާތީ ފިޔަވަޅެކެވެ. ސަބަބަކީ ރާއްޖޭގެ ގިނަ ކްލަބްތަކެއްގައި މުސާރަ ނުދިނުމުގެ މައްސަލަ އޮއްވާ ހަމައެކަނި ނިއު އަށް އަދަބު ދިނުމެވެ.

ވިކްޓްރީގެ ޗެއާމަން ޑރ. އިބްރާހިމް ނާޝިދު (ނާޝް) ވިދާޅުވީ ސަސްޕެންޑްކޮށްފާނެތީ ޖެހިލުން ނުވާ ކަމަށާއި ވިކްޓްރީން ބޭނުންކުރީ ލިބިފައިވާ ހައްގެއް ކަމަށެވެ.

"އަޅުގަނޑުމެން ޖެހިލުމެއް ނުވޭ ކުޑަކޮށް ވެސް އިނގޭތޯ. އެއްގޮތަކަށް އެކަލަ ޖެހިލުމެއް ވާނަމަ އަޅުގަނޑުމެންނަށް މިކަމައިގެން ނޫޅެވޭނެ. އެއީކީ އަޅުގަނޑަކަށް ނުފެނޭ އެއްވެސް ކަހަލަ ސަބަބެއް ވިކްޓްރީ ސްޕޯޓްސް ކްލަބް ސަސްޕެންޑްކުރެވޭނެ، ކުރަން ޖެހޭ ވެސް،" ނާޝިދު ވިދާޅުވި އެވެ.

ވިކްޓްރީގެ ހުށަހެޅުމާ މެދު އެފްއޭއެމުން އަދި އެއްޗެއް ނުބުނެ އެވެ.