އެފްއޭއެމުން ޓްރެއިނަރާއި އެސިސްޓަންޓް ކޯޗު އަލުން ގެނެސްފި

މިދިޔަ އަހަރު ސާފް ސުުޒުކީ ކަޕް ކާމިޔާބުކުރިއިރު ގައުމީ ފުޓްބޯޅަ ޓީމުގައި މަސައްކަތްކުރި ބެލްޖިއަމްގެ އެސިސްޓަންޓް ކޯޗު ގެލާ ޝެކިލާޒޭ އާއި ތަޖުރިބާކާރު ޓްރެއިނަރު މޮންޓަނެގްރޯގެ ކްރުނިޗް ލަޑިމީރް އަލުން ގެނެސްފި އެވެ.


ގެލާ އާއި ކްރުނިޗް ގެނައީ އަންނަ މަހު އޮންނަ އޭއެފްސީގެ 23 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިން ބުރުގައި ކުޅޭ ރާއްޖޭގެ ޒުވާން ޓީމު ތައްޔާރުކުރުމުގެ ގޮތުންނެވެ. އެފްއޭއެމުން މީގެ ކުރިން "މިހާރަ"ށް ބުނެފައިވަނީ ޓްރެއިނަރާއި އެސިސްޓަންޓް ކޯޗު ގެންނަން ނިންމާފައިވަނީ މުބާރާތްތަކަށް ހާއްސަކޮށް ކަމަށެވެ.

ޒުވާން ގައުމީ ޓީމު އޭޝިއަން ކަޕް ކޮލިފައިންގައި ނުކުންނާނީ ސީނިއާ ޓީމުގެ ކޯޗު ކްރޮއޭޝިއާގެ ޕީޓަ ސެގާޓްގެ ބެލުމުގެ ދަށުންނެވެ. އެސިސްޓަންޓް ކޯޗު ގެލާ އާއި ޓްރެއިނަރު ކްރުނިޗް ވަނީ މީގެ ކުރިން ސެގާޓްއާ އެކު އަފްގާނިސްތާނުގައި މަސައްކަތްކޮށްފަ އެވެ.

ސާފް ސުޒުކީ ކަޕަށް ގެލާ އާއި ކްރުނިޗްގެ އެހީއާ އެކު ގައުމީ ފުޓްބޯޅަ ޓީމު ޓްރެއިނިން ކޭމްޕް ފުރިހަމަކުރީ ގަތަރުގަ އެވެ. އެއް މަސް ދުވަހަށް ދިގު ދެމިގެންދިޔަ ޓްރެއިނިން ކޭމްޕަށް ފަހު ގައުމީ ޓީމު ސާފް ސުޒުކީ ކަޕްގައި ވާދަކުރިއިރު ޓީމުގެ ފިޓްނަސް ލެވެލް ރަނގަޅުކަން ގައުމީ ކޯޗު ސެގާޓް ވަނީ ފާހަގަކޮށްފަ އެވެ.

ގެލާ އަކީ ބެލްޖިއަމްގެ ފުޓްބޯޅަ ފެޑެރޭޝަނުގައި ގިނަ އަހަރުތަކެއްގައި މަސައްކަތްކުރި ކޯޗެކެވެ. ފިޒިކަލް ފިޓްނަސް އެންޑް ކޯޗިން އިން ޔޫރަޕްގެ އެންމެ މަތީ ލައިސަންސް ހޯދާފައިވާ ކްރުނިޗް މީގެ ކުރިން ވަނީ ޔޫރަޕްގެ އެކި ކުޅުންތެރިންގެ ޕާސަނަލް ފިޓްނަސް ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފަ އެވެ.

ޒުވާން ގައުމީ ޓީމުގެ ޕްރެކްޓިސްތައް މިހާރު ކުރިއަށްދާއިރު، ގިނަ އަދަދެއްގެ ކުޅުންތެރިންނަށް އަންނަނީ ފުރުސަތު ދެމުންނެވެ. އެފްއޭއެމުން ބުނީ ރަސްމީކޮށް ޒުވާން ޓީމުގެ ޕްރެކްޓިސް ފަށާނީ އަންނަ އަންގާރަ ދުވަހު ކުޅޭ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލު މެޗަށް ފަހު އެވެ. ޔޫތު މުބާރާތުގައި ފައިނަލުގައި މި ފަހަރު ކުޅޭނީ އީގަލްސް އާއި ޓީސީ ސްޕޯޓްސް ކްލަބް އެވެ.

ޔޫތު ޗެމްޕިއަންޝިޕްގެ މެޗުތައް ގައުމީ ކޯޗު ސެގާޓް އާއި އެސިސްޓަންޓް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) އަންނަނީ މި މުބާރާތުން ފާހަގަކޮށްލެވޭ ކުޅުންތެރިންނަށް ގައުމީ ޓީމުގެ ފަރިތަކުރުންތަކުން ފުރުސަތު ދެމުންނެވެ.

މާޗް 22 ވަނަ ދުވަހު ސައުދީ އަރަބިއާގައި ފަށަން ތާވަލްކޮށްފައިވާ އޭއެފްސީ ކޮލިފައިން މެޗުތަކުގައި ރާއްޖޭގެ ޒުވާން ޓީމު ނުކުންނާނީ އެ ގައުމުގެ އިތުރުން ޔޫއޭއީ އާއި ލެބަނަންއާ ދެކޮޅަށެވެ. ރާއްޖޭގެ ޒުވާން ޓީމު އެންމެ ފަހުން ވާދަކުރީ 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގަ އެވެ. މިދިޔަ އަހަރު އޮތް އޭޝިއަން ގޭމްސްގައި ޒުވާން ޓީމު ނުކުޅެ އެވެ.

އޭއެފްސީ ކޮލިފައިންގެ އިތުރުން މި އަހަރު ޒުވާން ގައުމީ ޓީމަށް އިތުރު އެހެން މުބާރާތެއް އެބައޮތެވެ. އެއީ އަންނަ ސެޕްޓެމްބަރު މަހު ނޭޕާލުގައި ބާއްވަން މަސައްކަތްކުރަމުން އަންނަ ސައުތު އޭޝިއަން ގޭމްސް އެވެ.