ހޮކޭ ދަ ގްރާންޑޭ އަށް ސޮއިކޮށްފި

ތަޖުރިބާކާރު ޑިފެންޑަރު މުހައްމަދު ރަޝީދު (ހޮކޭ) މި ފަހަރު ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ސޮއިކޮށްފި އެވެ.


ދާދި ފަހުން އެފްއޭއެމް ޕްލޭޔާ ސްޓޭޓަސް ކޮމިޓީން ވަނީ ނިއު ރޭޑިއަންޓާއި ހޮކޭއާ ދެމެދު ވެފައިވާ އެއްބަސްވުން އުވާލައިފަ އެވެ. ޑިފެންސްލައިނާއި މެދުތެރެއަށް ވެސް މޮޅު ކުޅުމެއް ދައްކާ ހޮކޭއާ އެކު ނިއު އިން ހަދާފައިވާ ފަސް އަހަރުގެ އެއްބަސްވުން އޮތީ މި އަހަރުގެ ނިޔަލަށެވެ. އެކަމަކު ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް ނިއު އިން އަމަލުކޮށްފައެއް ނުވާތީ ޕްލޭޔާ ސްޓޭޓަސް ކޮމިޓީން ނިންމީ ކޮންޓްރެކްޓް އުވާލުމަށެވެ.

ކުރިން ވިކްޓަރީ، މާޒިޔާ އަދި ވެލެންސިއާ އަށް ވެސް ކުޅުނު ހޮކޭ ނިއު އަށް ބަދަލުވީ 2014 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ ޓީމުން ހޯދި ގިނަ ކާމިޔާބީތަކުގައި އޭނާގެ ދައުރު ބޮޑެވެ. ގައުމީ ޓީމުން މީގެ ކުރިން ގަވާއިދުން ފުރުސަތު ހޯދަމުން އައި ހޮކޭ އަށް މިހާރުގެ ކޯޗު ޕީޓަ ސެގާޓް ހަވާލުވި ފަހުން ޓީމުން އަދި ފުރުސަތު ނުލިބެ އެވެ.

ގައުމީ ފުޓްބޯޅަ ޓީމަށް ގިނަ މެޗުތަކެއް ކުޅެދިން ރ. އަލިފުށްޓައް އުފަން ހޮކޭ އަކީ މި ފަހަރު ދަ ގްރާންޑޭއާ ގުޅުނު ފުރަތަމަ ކުޅުންތެރިޔާ އެވެ. އެ ޓީމުން އަންނަނީ އެހެން ކުޅުންތެރިންނާ ވެސް މަޝްވަރާކުރަމުންނެވެ.

ދަ ގްރާންޑޭ އިން ބުނީ އުމުރުން 33 އަހަރުގެ ހޮކޭ އެ ޓީމާ ގުޅުމަކީ އެ ޓީމަށް ލިބިގެންދިޔަ ބޮޑު ހިތްވަރެއް ކަމަށާއި އެ ޓީމުގެ ޓާގެޓްތަކަށް ވާސިލްވުމަށް ޓީމުގެ ފަހަތުގައި ހޮކޭގެ ލީޑަޝިޕާއި ތަޖުރިބާގެ ބޭނުން ކުރެވޭނެ ކަަމަށެވެ. ހޮކޭ ވަނީ މިދިޔަ އަހަރުތަކުގައި ނިއުގެ ސަޕޯޓަރުންނާއި ކުޅުންތެރިންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކޮށްފަ އެވެ.

މިދިޔަ ސީޒަނުގައި ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައި މި ފަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ދަ ގްރާންޑޭ އިން ވަނީ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އެ ޓީމަށް ކުޅުނު ގިނަ ކުޅުންތެރިންތަކަކަށް ސީނިއާ ޓީމުން ފުރުސަތު ދީފަ އެވެ. އެކާވީސް އަހަރުން ދަށަށް އެފްއޭއެމުން ބާއްވާ ޔޫތު މުބާރާތުގައި މި ފަހަރު އަލަށް ވާދަކޮށް ދަ ގްރާންޑޭ އިން ވަނީ ސެމީ ފައިނަލުގައި ކުޅެފަ އެވެ. އެ ޓީމުން ސެމީން ބަލިވީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އީގަލްސް އެވެ.