އައިއޯއައިޖީ: ރާއްޖެ، ރިޔޫނިއަން މެޔޯޓް އަދި ކޮމޮރޯސް އެއް ގްރޫޕަކަށް

ޖުލައި މަހު މޮރިޝަސްގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުގައި އެންމެ ފަހުގެ ޗެމްޕިއަން ރިޔޫނިއަން އާއި ރަނަރަޕް މެޔޯޓް އަދި ކޮމޮރޯސްއާ އެއް ގްރޫޕެއްގައި ރާއްޖެ ލައްވާލައިފި އެވެ.


ގްރޫޕް އޭ ގައި އޮތީ މޮރިޝަސް، ސީޝެލްސް އަދި މަޑަގަސްކަރަ އެވެ. ހުރިހާ ގޮތަކުން ވެސް ވަރުގަދައީ ރާއްޖެ ހިމެނޭ ގްރޫޕެވެ. އެންމެ ފަހުން ބޭއްވި އަހަރު، 2015 ގައި މެޔޯޓް، މަޑަގަސްކަރަ އަދި ސީޝެލްސްއާ އެއް ގްރޫޕެއްގައި ހިމެނި ރާއްޖެ ދިޔައީ ފުލަށެވެ. މޮޅުވީ ސީޝެލްސް އަތުން އެކަންޏެވެ. މި ފަހަރު 23 އަހަރުން ދަށުގެ ޓީމެއް ފޮނުވުމުގެ ވިސްނުން އެފްއޭއެމުން ގެންއުޅެ އެވެ.

އެފްރިކާގެ އިރުމަތީ ބިތުގެ ޖަޒީރާގައުމުތަކުގެ މެދުގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަކީ ގައުމީ ފުޓްބޯޅަ ޓީމުގެ ފެށުން އައި މުބާރާތެވެ. ރިޔޫނިއަންގައި 1979 ވަނަ އަހަރު ބޭއްވި މުބާރާތުގައި ވާދަކޮށް ގްރޫޕް ސްޓޭޖުގައި ކޮމޮރޯސް ކޮޅަށް މަރްހޫމް ޖޫލިއަޓް އަބްދުﷲ ރަޝީދު (ޖޫލޭ) ޖެހި ލަނޑަކީ ގައުމީ ޓީމުގެ ފުރަތަމަ ލަނޑެވެ.

މި ފަހަރުގެ ގޭމްސްގެ ގުރުނެގުން ބޭއްވީ މޮރިޝަސްގައި އިއްޔެ ބޭއްވި އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިންނެވެ. ގޭމްސްގެ ހުރިހާ ކަމެއް އިއްޔެ ވަނީ ފައިނަލްކޮށްފަ އެވެ.

ފިރިހެނުންގެ ވޮލީބޯޅައިގައި ރާއްޖެ ހިމެނެނީ ރިޔޫނިއަން، މަޑަގަސްކަރަ އަދި ކޮމޮރޯސްއާ އެކު ގްރޫޕް ބީ ގަ އެވެ. އޭ ގައި އޮތީ މޮރިޝަސް، ސީޝެލްސް އަދި މެޔޯޓް އެވެ. އަންހެނުންގެ ވޮލީބޯޅައިގައި ރާއްޖެ ހިމެނެނީ ސީޝެލްސް އާއި ރިޔޫނިއަންއާ އެކު ގްރޫޕް ބީ ގަ އެވެ. އޭ ގައި އޮތީ މޮރިޝަސް، މެޔޯޓް އަދި މަޑަގަސްކަރަ އެވެ.

ބާސްކެޓްބޯޅައިގައި ގައުމީ ފިރިހެން ޓީމު ލައްވާލީ ރިޔޫނިއަން، މަޑަގަސްކަރަ އަދި ސީޝެލްސްއާ އެކު ގްރޫޕް އޭ ގަ އެވެ. އަނެއް ގްރޫޕުގައި އޮތީ މޮރިޝަސް، މެޔޯޓް އަދި ކޮމޮރޯސް އެވެ. އަންހެން ބާސްކެޓްބޯޅައިގައި ރާއްޖެ ހިމެނެނީ މޮރިޝަސް އާއި މެޔޯޓްއާ އެކު ގްރޫޕް ބީ ގަ އެވެ. ގްރޫޕް އޭ ގައި އޮތީ ރިޔޫނިއަން، ކޮމޮރޯސް، މަޑަގަސްކަރަ އަދި ސީޝެލްސް އެވެ.

އޮލިމްޕިކް ކޮމިޓީން އަމާޒުކޮށްފައިވަނީ ގޭމްސް އިން 15 މެޑަލް ހޯދުމަށެވެ. ވަކިވަކި ކުޅިވަރުތަކުގެ ތެރެއިން އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ ފަސް މެޑަލް ހޯދަން ޓާގެޓްކޮށްފަ އެވެ. އެތުލެޓިކްސް އަކީ ފަހަކަށް އައިސް ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއަށް އެންމެ ގިނަ މެޑަލް ހޯދައިދިން ކުޅިވަރެވެ. އެގޮތުން 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދުވުންތެރިޔާ ހަސަން ސާއިދު ވަނީ ރަން މެޑަލް ހޯދައި ތާރީހުގެ ތެރެއަށް ވަދެފަ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން ވެސް އަންނަނީ އެ ގޭމްސްގައި ކާމިޔާބީ ހޯދަން ދިގު ރާސްތާ ޕްލޭނެއް ހަދައި މީގެ ތިން އަހަރު ކުރިން ފެށިގެން މަސައްކަތްކުރަމުންނެވެ. ބެޑްމިންޓަނަކީ މި ގޭމްސްގައި ޖުމްލަކޮށް ރާއްޖޭން އެންމެ ކާމިޔާބު ކުޅިވަރެވެ.