ސާއިދާއި ފަޒީލާ އެކު ނުވަ ދުވުންތެރިން ތަމްރީނަށް އިންޑިއާ އަށް

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދާއި މެދު ރާސްތާ ދުވުންތަކުގެ ރެކޯޑް ހައްގުވެރިޔާ ހުސެއިން ފަޒީލް ހާރޫން ހިމެނޭ ގޮތަށް ރާއްޖޭގެ ނުވަ ދުވުންތެރިޔަކަށް އިންޑިއާގައި ދެ މަސް ދުވަހުގެ ތަމްރީން ހެދުމުގެ ފުރުސަތު ލިބިއްޖެ އެވެ.


ޖުލައި މަހު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ކުރިން ލިބުނު ރަނުގެ ފުރުސަތެއްގެ ގޮތުގައި ފާހަގަކުރެވޭ މި ތަމްރީން ސްކޮލަޝިޕް ކުރިއަށްދާނީ މިއަދުން ފެށިގެން އޭޕްރިލް 18 ވަނަ ދުވަހުގެ ނިޔަލަށް ސްޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާގެ ބެންގަލޫރު ޓްރެއިނިން ސެންޓަރުގަ އެވެ.

ސާއިދާއި ފަޒީލްގެ އިތުރުން ދެން ހިމެނެނީ އުއްމީދީ ދުވުންތެރިން ކަމަށްވާ ހުސެއިން ރިޒާ އާއި ސަރީޝް އަހުމަދާއި އިބާދުﷲ އާދަމާއި އަހުމަދު ޝާމް މުހައްމަދާއި އިބްރާހިމް އަޝްފާން އަލީ (އައްޕި) އަދި މުހައްމަދު ނާއިލެވެ. ކޯޗުންނަކީ އަހުމަދު ފާއިލާއި މުހައްމަދު އާމިރެވެ.

މީގެ ތެރެއިން ސާއިދަކީ ރާއްޖެ އަށް 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް އަދި އޭގެ ހަ މަސް ފަހުން ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުންނާއި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައިދީފައިވާ ދުވުންތެރިޔެކެވެ.

ރާއްޖޭން ތަމްރީނަށް ފޮނުވާ ނުވަ ދުވުންތެރިން، އެކްޓިން އެމްބެސެޑަރު އަރްޗަނާ ނަޔަރު (މ) އާ އެކު. --ފޮޓޯ: އެތުލެޓިކްސް އެސޯސިއޭޝަން

ފަޒީލަކީ ރާއްޖޭގެ ފަސް ކިލޯމީޓަރު ދުވުމާއި 10 ކިލޯމީޓަރު ދުވުމުގެ ރެކޯޑް ހޯލްޑަރެވެ. އޭނާ އަށް މި ފުރުސަތު މި ލިބުނީ މޮރޮކޯގައި ތަމްރީން ހެދި ނަމަވެސް، މިދިޔަ އަހަރުގެ އޭޝިއަން ގޭމްސް އިން ފުރުސަތު ނުލިބުމުގެ މާޔޫސްކަމަށް ފަހު އެވެ. އެސޯސިއޭޝަނުން ބުނަނީ އޭނާ އަށް ފުރުސަތު ގެއްލުނީ ޖޫން މަހު ބޭއްވި ޓައިމް ޓްރަޔަލްގައި ބައިވެރިނުވުމުން ކަމަށެވެ. އެކަމަކު ފަޒީލް ބުނީ އެ ޓްރަޔަލްގައި ބައިވެރިނުވީ ސަބަބުތަކެއް ހުރެގެން ކަމަށާއި އޭގެ ކުރިން ވެސް އަދި ފަހުން ވެސް އޭނާ ނެރެމުން އައި ނަތީޖާތަކާ އެކު، ގޭމްސް އިން ފުރުސަތު ލިބެން ޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ރާއްޖޭގެ ދުވުންތެރިންނަށް އިންޑިއާ އިން މީގެ ކުރިން ތިން ފަހަރެއްގެ މަތިން ވަނީ ތަމްރީން ފުރުސަތު ދީފަ އެވެ. އެގޮތުން 2010 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސް އާއި 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އދި 2017 ވަނަ އަހަރުގެ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕަށް ރާއްޖޭން ތަމްރީން ހެދީ އިންޑިއަގަ އެވެ.

މި ފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އެތުލެޓިކްސްގެ އަމާޒަކީ މަދުވެގެން ފަސް މެޑަލް ހޯދުމެވެ. އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުންތަގިމް ކުރިން ވިދާޅުވީ ތަޖުރިބާ ހޯދަން އެސޯސިއޭޝަނުން އެތުލީޓުން ނުފޮނުވާނެ ކަމަށާއި ބައިވެރިވާނީ މެޑަލް ލިބޭނެ އިވެންޓްތަކުގައި ކަމަށެވެ.

"އެތުލީޓުންގެ މިދިޔަ ދެ އަހަރުގެ ޕާފޯމަންސާއި އެހެނިހެން ޑޭޓާތައް އެއްކޮށް ކޯޗުންނާ މަޝްވަރާކުރަމުން މި އަންނަނީ އަޅުގަނޑުމެންނަށް މެޑަލް ހޯދޭނެ އިވެންޓްތައް ބެލުމަށް،" މޮރިޝަސްގައި ޖުލައި މަހު އޮންނަ ގޭމްސްއާ ބެހޭގޮތުން މުންތަގިމް ވިދާޅުވި އެވެ.