ސަސްޕެންޝަނުގެ ސަބަބުން ހުރިހާ މަގެއް ބަންދުވެއްޖެ!

ކުޅުންތެރިންނަށް މުސާރަ ނުދޭތީ އެފްއޭއެމުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ސަސްޕެންޑްކޮށްފައި އޮތުމުން، އެ މުސާރަ ދެވޭނެ ގޮތެއް ވެސް ނެތް ކަމަށާއި ސަސްޕެންޝަން އުވާލައިފި ނަމަ މަސައްކަތްކުރާނީ ދަރަނިތައް ހަލާސްކޮށް ފުރަތަމަ ޑިވިޝަނުގައި ދެމި އޮވެލެވޭވަރުގެ ޓީމެއް މި އަހަރު ނެރެން ކަމަށް ނިއު އިން ބުނެފި އެވެ.


އެފްއޭއެމުން މިދިޔަ ޖެނުއަރީ މަހު ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ނިއު ސަސްޕެންޑްކުރީ ސީނިއާ ޓީމުގެ 10 ކުޅުންތެރިއަކަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ 3.8 މިލިއަން ރުފިޔާ ނުދީ އޮތުމުން ކަމަށް ބުނެ އެވެ. އެކަމަކު އެހެން ކްލަބްތަކުގައި ވެސް އެ މައްސަލަ ދިމާވެފައި އޮއްވާ، ކުއްލި ގޮތަކަށް ނިއު ސަސްޕެންޑްކުރަން ނިންމީ އެފްއޭއެމްގެ ލީޑާޝިޕުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެ ކްލަބުން ހުށަހަޅަން އުޅޭތީ ޒާތީކޮށް އެކަން ނަގައިގެން ކަމަށް ކްލަބުން ބުނެ އެވެ.

ނިއުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ނިޔާޒް މޫސާ (ޓެޑް) މިއަދު ވިދާޅުވީ ކުޅުންތެރިންނަށް މުސާރަ ނުދެވި އޮތީ މާލީ މައްސަލައެއް ދިމާވެގެން ކަމަށާއި އެ މައްސަލަ ހައްލުކުރުމަށްޓަކައި ސްޕޮންސަރުންނާއި އެހެނިގެން ގޮތްގޮތުން ފައިސާ ހޯދެން އޮތީ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު އޮވެގެން ކަމަށެވެ.

"ރާއްޖޭގެ ކްލަބްތަކަކީ އާމްދަނީއެއް ލިބޭ ކްލަބްތަކެއް ނޫން. ކޮންމެ އަހަރަކު ވެސް ޕްރޮޕޯސަލްތަކެއް ހަދައި ސްޕޮންސަރުން ކައިރިއަށް ގޮސް އެހީ ހޯދައިގެން ކްލަބް މި ހިންގަނީ. މި އަހަރު އެއްވެސް މުބާރާތެއްގައި ކުޅުމުގެ ފުރުސަތު ނެތުމުން، އެގޮތަށް ވެސް ފައިސާ ލިބޭނެ މަގެއް މިވަގުތު ނެތް. އެހެންވެ އެފްއޭއެމުން އެޅި ފިޔަވަޅުގެ ސަބަބުން މައްސަލައަށް ހައްލެއް ނުލިބޭ، ކްލަބަށް ޖެހުނީ އިތުރު އުނދަގުލެއް. ކުޅުންތެރިންނަށް ވެސް އެކަމުން އިތުރު ދަތިތަކެއް ކުރިމަތިމިވީ،" ޓެޑް ވިދާޅުވި އެވެ.

މިފަދަ މައްސަލަތަކުގައި ދުނިޔޭގައި އަމަލުކުރާ އާއްމު އުސޫލަކީ ޕޮއިންޓް އުނިކުރުމާއި ރެލިގޭޓްކުރުމެވެ. ސަބަބަކީ މުބާރާތްތަކުން ސަސްޕެންޑްކޮށްފި ނަމަ އެ ކްލަބަށް އިތުރަށް ހިންދެމިލާނެ ފުރުސަތެއް ނޯންނާނެތީވެ އެވެ. ރާއްޖޭގެ ވިކްޓްރީ ސްޕޯޓްސް ކްލަބުން ބިދޭސީ ކުޅުންތެރިޔަކަށް މުސާރަ ނުދީ އޮތް މައްސަލައިގައި ދާދި ފަހުން ފީފާ އިން ދިން އަދަބަކީ ވެސް ޕޮއިންޓް އުނިކުރުމެވެ.

ޓެޑް ވިދާޅުވީ ވިދާޅުވީ ސަސްޕެންޝަން އުވާލައިފި ނަމަ މުބާރާތްތަކުގައި ވާދަކުރަން ކްލަބް އޮންނާނީ ތައްޔާރުގައި ކަމަށާއި އެކަމަކު ތަށްޓަށް ވާދަކުރެވޭ ވަރުގެ ވަރުގަދަ ޓީމެއް ނެރެވެން ނޯންނާނެ ކަމަށެވެ. އޭގެ ސަބަބަކީ ކްލަބުގެ ދަރަނިތައް ހަލާސްކުރަން އިސްކަންދިނުމެވެ. ނިއުގެ މުހިއްމު ކުޅުންތެރިންގެ ތެރެއިން މުހައްމަދު އުމެއިރާއި އަކްރަމް އަބްދުލްގަނީ އާއި ހަމްޒާ މުހައްމަދު (ހަމްޕު) އާއި މުހައްމަދު ރަޝީދު (ހޮކޭ) އާއި ގޯލްކީޕަރު މުހައްމަދު ފައިސަލް އަދި ރިހާމް އަބްދުލްގަނީ (ބޮބީ) ވަނީ ކްލަބް ދޫކޮށްލައިފަ އެވެ. މިވަގުތު ހުރި ހަމައެކަނި ސީނިއާ ކުޅުންތެރިޔަކީ އަލީ ފާސިރު (ސެންޓޭ) އެވެ.

"ފުރަތަމަ ޑިވިޝަނުގައި ދެމިއޮވެލެވޭވަރުގެ ޓީމެއް ނެރޭނީ. އެންމެ ބޮޑަށް މަސައްކަތްކުރާނީ ދަރަނިތައް މި އަހަރު ހަލާސްކުރަން،" މިދިޔަ ދެ ސީޒަނުގައި ވަރުގަދަ ބާރެއްގެ ގޮތުގައި ކްލަބުގެ ޖެނެރަލް ސެކްރެޓަރީ ވިދާޅުވި އެވެ.

އެކްޓިން ސްޕޯޓްސް މިނިސްޓަރު އަދި ނިއުގެ ކުރީގެ ޗެއާމަން އަލީ ވަހީދު (ބަލަކް) ވެސް ވަނީ އެ ކްލަބް ސަސްޕެންޑްކުރީ އެފްއޭއެމްގެ ވެރިންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅުމުން ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. ރާއްޖޭގެ ޒަމާންވީ ކްލަބްތައް ނިކަމެތި ހާލުގައި މިއަދު އޮއްވާ އަދި މުސާރަ ނުދެވި އޮތީ ނިއު އަށް އެކަނި ނޫން ކަމަށްވާތީ ވަކިކަމަކާ ގުޅުވައި އެ ކްލަބް ސަސްޕެންޑްކުރެވުނު ކުރުން ގަބޫލުނުކުރާ ކަމަށާއި އެ ސަސްޕެންޝަން އުވާލަން އެދިފައިވާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

މާޒިޔާ ފިޔަވައި ރާއްޖޭގެ އެހެން ގިނަ ކްލަބްތަކަށް މާލީ މައްސަލަތައް ދިމާވެ ވަރަށް ގިނަ ކުޅުންތެރިންނަށް އޮތީ މުސާރަ ނުދެވި އެވެ. އެފްއޭއެމްގެ ޕްލޭޔާ ސްޓޭޓަސް ކޮމިޓީގެ މެމްބަރުންނާ ހަވާލާދީ ނިއު އިން ބުނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ދެ ކްލަބެއް ފިޔަވައި ހުރިހާ ކްލަބަކުން މުސާރަ ނުދިނުމުގެ މައްސަލަތައް އެ ކޮމިޓީ އަށް ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި ނިއު ވުރެން މުސާރައިގެ މައްސަލަ ގިނަ ދުވަސްވީ ކްލަބްތައް ހުރިކަމަށެވެ.

ބިދޭސީ ކުޅުންތެރިންނަށް މުސާރަ ނުދީގެން އެ ކުޅުންތެރިން ހުށަހެޅި މައްސަލަތައް ބަލައި ފީފާ އިން ރާއްޖޭގެ ކްލަބްތަކަށް މުސާރަ ދޭން އަންގާފައި އެބަހުއްޓެވެ. މިދިޔަ އަހަރު ވިކްޓްރީގެ ކުޅުންތެރިން މުސާރަ މައްސަލައިގައި ދެ މެޗަކަށް ހާޒިރު ވެސް ނުވެ އެވެ. ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ. އަދި އެ ހާލަތު ރަނގަޅުކުރަން އެފްއޭއެމުން ލޯނެއް ވެސް ދިނެވެ.