އަނެއް ހަރުފަތަށް ދާން ގައުމީ ކޯޗުގެ ހާއްސަ އަމާޒެއް

ރާއްޖެ އަށް ސާފް ސުޒުކީ ކަޕް ކާމިޔާބުކުރެވުމާ އެކު ދެން ވިސްނަންވީ ފުޓްބޯޅައިގައި ދެވެން އޮތް އަނެއް ހަރުފަތަށް ދިއުމަށް ކަމަށާއި އެކަން ހާސިލްކުރެވޭނީ ފުޓްބޯޅައިގައި ޝާމިލުވާ އެންމެންގެ ބައިވެރިވުން ހިމެނޭ ގޮތަށް އެއްބައިވަންތަކަމާ އެކު މަސައްކަތް ކޮށްގެން ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޕީޓަ ސެގާޓް ބުނެފި އެވެ.


ގައުމީ ފިރިހެން ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ ކްރޮއޭޝިއާގެ ޕީޓަ ސެގާޓް ހަވާލުވިތާ މި މަހުގެ 14 ވަނަ ދުވަހަށް އެއް އަހަރު ހަމަވާނެ އެވެ. މިދިޔަ އެއް އަހަރު ތެރޭގައި ސެގާޓް ވަނީ ގިނަ ބައެއްގެ ފާޑުކިއުމާއި ނުރުހުންތަކާ އެކު ވެސް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އޭނާ އަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ދިވެހިންގެ މާ ބޮޑު އުއްމީދެއް ނެތް ނަމަވެސް ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ޓީމެއް ގޮވައިގެން ގޮސް މިިދިޔަ ސެޕްޓެމްބަރު މަހު ބަންގްލަދޭޝްގައި އޮތް ސާފް ސުޒުކީ ކަޕް މި ފަސްގަނޑަށް 10 އަހަރު ފަހުން ގެނެސްދިނުމެވެ.

"އަހަރެން ބޭނުން ސާފް ސުޒުކީ ކަޕް ހޯދި ފޯރީގައި މަސައްކަތް ކުރިއަށްގެންދަން. އަހަންނަށް ހީވޭ ގިނަ ބައެއްގެ ހަނދާނުން އެކަން ކައްސާލައިގެން ހިނގައްޖެހެން ވެސް. އެކަން އެގޮތަށް އޮވެގެން ނުވާނެ. އެއީ އަހަރެމެން އެންމެން އެކުވެގެން ހޯދި ކާމިޔާބެއް" ސެގާޓް "މިހާރަ"ށް ބުންޏެވެ.

"އަހަރެން ބޭނުން ވަނީ އެ ފަދަ މަސައްކަތެއް އަލުން ކުރަން. ސަރުކާރާއި އެފްއޭއެމާއި ކުޅުންތެރިންނާއި މިކަމާ ގުޅުން ހުރި އެންމެން އެކުވެގެން ދެން އޮތް ހަރުފަތަށްދާން މަސައްކަތް ކުރަން،"

ސާފްގެ ކާމިޔާބީ އަށް ފަހު އެނބުރި އައިސް ދެން ކުރަން ހުރި ކަންތައްތަކާ ބެހޭގޮތުން އެފްއޭއެމާ އެކު ސެގާޓް ގިނަ މަޝްވަރާތަކެއް ކުރި އެވެ. ރާއްޖޭގެ ފުޓްބޯޅައިގައި ދެން ކުރަންހުރި ކަންތައްތަކާއި ބަދަލުތައް ގެންނަން ޖެހޭ ދާއިރާތައް ދެނެގަންނަން ގިނަ ބަޔެއްގެ ހިޔާލު ހޯދި އެވެ. އެފްއޭއެމްގެ ވެސް ވިސްނުމުގައި ހުރި އޭނާ އަށް ވެސް އެންމެ ބޭނުންތެރިކަމެއްގެ ގޮތުގައި ފެނުނީ ޒުވާން ކުޅުންތެރިން ތަރައްގީ ކުރުމުގެ ވިސްނުން އިސްކުރުމެވެ. އެކަން ކުރަން ދިވެހި ކޯޗުންނަށް ދޭން ޖެހޭ އެހީތެރިކަމާއި ތަމްރީންތައް ދިނުމުގައި އެފްއޭއެމާއި އަތުގުޅާލައި ބައިވެރިވުމެވެ.

"އެފްއޭއެމުން އިސްކުރި ވަރަށް މުހިއްމު ކަމެއް އެއީ ޒުވާން ކޯޗުންނާއި ހުރިހާ ދިވެހި ކޯޗުންގެ ކުރިއެރުމަށް ޕްރޮގްރާމްތައް ހިންގުމަކީ. އެއީ ޒުވާން ކުޅުންތެރިން ތަރައްގީ ކުރަން ތިބި ކޯޗުންނަށް ރަނގަޅު ތަމްރީންތައް އެބަބޭނުންވޭ. އަންނަން އޮތް ޖީލުތަކަށް ކުޅުންތެރިން އުފެއްދޭނީ ރަނގަޅު ކޯޗުން ތިބެގެން،" ކުރިން އަފްގާނިސްތާނަށް ކޯޗުކޮށްދިން ސެގާޓް ބުންޏެވެ.

ޒުވާން ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"ރަނގަޅު ކާނާ އާއި ރިވެތި އަހުލާގު އަރަމުން އަންނަ ކުޅުންތެރިންނަށް މުހިއްމު. އެންމެ ބޭނުން ކަމަކީ ކޮންމެ ދުވަހަކު މި ކުދިންނަށް ތަމްރީން ދިނުން. އެއީ އެކަން ކޮށްގެން ހުރި ހުނަރެއް ތަރައްގީކުރެވޭނީ. އަހަރެން މި ހުރީ ކޯޗުންނާ އެކު މަސައްކަތްކުރަން ތައްޔާރަށް،"

އޭއެފްސީ ކޮލިފައިން އަށް ޒުވާން ޓީމު ތައްޔާރުކުރުން، ބޮޑު ބިންގަލެއް

ސެގާޓްގެ ކޯޗުކަމުގައި މިހާރު ގައުމީ ފުޓްބޯޅަ ޓީމު ކުރަމުން އަންނަ މަސައްކަތަކީ މި މަހު ސައުދީ އެރެބިއާގައި އޮންނަ އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ޒުވާން ޓީމު ތައްޔާރު ކުރުމެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ސައުދީ އަރަބިއާގެ އިތުރުން ރާއްޖެ ދެން ވާދަކުރަން ޖެހޭނީ ލެބަނަންއާ އެވެ.

މި ކޮލިފައިންގައި ވާދަކުރާނެ ޓީމެއް އެކުލަވާލުމުގެ މަސައްކަތް ސެގާޓް ކުރީ އޭނާގެ އެސިސްޓަންޓް ކޯޗު ރާއްޖޭގެ އެންމެ ކާމިޔާބު ޔޫތު ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓޭ)ގެ އެހީތެރިކަމާ އެކު އެވެ. އެ ގޮތުން ދާދި ފަހުން ނިމުނު ޔޫތު ފުޓްބޯޅަ މުބާރާތުގެ ހުރިހާ މެޗެއް ބެލި އެވެ. އެ މުބާރާތުގެ ތެރެއިން ޒުވާން ޓީމުގެ ޕްރެކްޓިސްތައް ގެންދިޔަ އެވެ. ފާހަގަކުރެވުނު ކުޅުންތެރިންނަށް ފުރުސަތު ދިނެވެ. ވީހާވެސް ގިނަ ކުޅުންތެރިންގެ ފެންވަރު ވަޒަންކުރި އެވެ.

"ވަރަށް ރަނގަޅަށް ކުރިއަށް ދިޔަ މުބާރާތެއް (ޔޫތު ޗެމްޕިއަންޝިޕް) އެއީ. ޝާކީ (ޝާކިއްޓެ) ވަރަށް މަސައްކަތްކުރި ކުޅުންތެރިން އެއްކުރަން. އަހަންނާއި އޭނަ ހުރިހާ މެޗެއް ބެލިން. ވަރަށް ރަނގަޅު ކުޅުންތެރިން ފާހަގަވި. މައްސަލަ އަކަށްވީ ބޭނުންވާ އުމުރަށް ވުރެ މާ ޒުވާން ކުޅުންތެރިން ލިބުނީ. އެކަމަކު އެއީ ވެސް މައްސަލައެއް ނޫން. އެއީ މުސްތަގުބަލަށް ރަނގަޅުވާނެ،" ސެގާޓް ބުންޏެވެ.

ސާފް ކާމިޔާބުކުރި ޓީމުގައި ސެގާޓާ އެކު މަސައްކަތްކުރި ބެލްޖިއަމްގެ އެސިސްޓަންޓް ކޯޗު ގެލާ ޝެކިލާޒޭ އާއި ތަޖުރިބާކާރު ޓްރެއިނަރު މޮންޓަނެގްރޯގެ ކްރުނިޗް ލަޑިމީރް ވެސް އަލުން ވަނީ ގެނެސްފަ އެވެ. ސެގާޓް ބުނީ ގެލާ އާއި ކްރުނިޗްގެ އިތުރުން ޝާކިއްޓެ އާއި ގޯލްކީޕަރު ޓްރެއިނަރު އަސްލަމް އަބްދުއްރަހީމް އެކުވެގެން އަނެއްކާ ވެސް ކާމިޔާބު މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

ރާއްޖޭގައި ވަރަށް ހުނަރުވެރި ޒުވާން ކުޅުންތެރިން އެބަތިބި ކަމަށާއި އެ ކުޅުންތެރިން ފެންވަރު ރަނގަޅުކުރަން ހުރި ގޮންޖެހުންތައް ގިނަކަން ސެގާޓް ފާހަގަކުރި އެވެ. އެ ގޮތުން މި ފަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގައި ފާހަގަވި ބައެއް ކުޅުންތެރިންނަކީ ގައުމީ ޓީމަށް ކުޅެވޭނެ ފެންވަރު ހުރި ކުޅުންތެރިން ކަމަށާއި އެކަމަކު އަމިއްލަ ސަބަބުތަކާ ހުރެ ޓީމާ ގުޅެން ބޭނުންނުވީ ކަމަށެވެ.

"އެ ކުޅުންތެރިންނަށް އެނގޭ އެ ކުޅުންތެރިން ކިބައިގައި ގައުމީ ޓީމަށް ކުޅޭނެ ފެންވަރު ހުރިކަން އެކަމަކު އަމިއްލަ ސަބަބަކާ ހުރެ. މިތަނުގައި މަޑުކުރެވެން ނެތިގެން އައިލީ ސަބަބުތަކާ ހުރެ ގެއަށް ދާން ޖެހުނީ. މިއީ ޝަކުވާއެއް ނޫން. ހާލަތު ހުރި ގޮތުން ދިމާވި ކަންތައް. އެކަމަކު މިކަމާ ކަންބޮޑުވާން އަހަރެން ނެތިން. އެއީ އަބަދުވެސް އަހަރެންގެ ނަޒަރުގައި އެންމެ މުހިއްމުވާނީ ބައިވެރިވާން ބޭނުންވެގެން ތައްޔާރުގައި ތިބޭ ކުޅުންތެރިން. އެއީ އެންމެ މޮޅު ކުޅުންތެރިން،" ޕްރެކްޓިހުގައި މިހާރު ބައިވެރިވަމުން އަންނަ 32 ކުޅުންތެރިނަށް އިޝާރާތްކޮށް ސެގާޓް ބުންޏެވެ.

މިދިޔަ އަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖޭގެ ޒުވާން ޓީމު ބައިވެރިނުވެ އެވެ. މި ފަހަރުގެ ކޮލިފައިންގައި ރާއްޖޭގެ ޒުވާން ޓީމު ކުޅޭއިރު، ސެގާޓަށް އޮތް އެންމެ ބޮޑު ޗެލެންޖަކީ އޮފް ސީޒަނެއްގައި މި ފަދަ މެޗުތަކަކާ ކުރިމަތިލާން ޖެހުމެވެ.

"ތެދެއް. މިއީ ވަރަށް އުނދަގޫވާނެ މަސައްކަތެއް. ދިގު ބްރޭކެއްގައި ކުޅުންތެރިން ތިބީ. އެހެން ހުރެފައި މިދިޔަ މުބާރާތުގައި (ޔޫތު ޗެމްޕިއަންޝިޕްގައި) އެ ކުޅުނީ. އަހަރެމެން ހާލަތު ހުރި ގޮތުން ރޯކަށެއް ނޫން ތިބެންވީ ޕޮޒިޓިވްކޮށް ވިސްނާފައި ރަނގަޅަށް ބުރަކޮށް މަސައްކަތްކުރަންވީ،" ސެގާޓް ބުންޏެވެ.

މިދިޔަ އަހަރު ސާފް ކާމިޔާބުކުރި ސީނިއާ ޓީމުގެ އެވްރެޖް އުމުރަކީ 23 އަހަރެވެ. އޭރު ވެސް ސެގާޓް ދިޔައީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދެމުންނެވެ. އެ ގޮތުން ސީނިއާ ޓީމުގައި ހިމެނުނު ހަތަރު ކުޅުންތެރިއަކު މި ފަހަރުގެ ޒުވާން ޓީމުގައި ހިމެނެ އެވެ. އެއީ ގްރީން ސްޓްރީޓްސްގެ އަބްދުﷲ ޔާމީން އާއި ދާދި ފަހުން އެ ޓީމާ ގުޅުނު ރިހާމް އަބްދުލް ގަނީ (ބޮބީ) އާއި މާޒިޔާގެ ގޯލްކީޕަރު ހުސެއިން ޝަރީފް (ހުސެން)ގެ އިތުރުން ޔޫތު މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި އީގަލްސްގެ ހަސަން ރާއިފް (ހަންނަ) އެވެ.

ގައުމީ ޓީމުގެ ދެ އެސިސްޓަންޓް ކޯޗުން ޝާކިއްޓެ (ކ) އާއި ގެލާ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ކޮލިފައިންގައި ވާދަކުރަން ޖެހޭ ޓީމުތަކަށް ބަލާއިރު ޔޫއޭއީ އާއި ސައުދީ އޮތީ ވަރަށް ވަރުގަދަކޮށް ކަމަށާއި އެއީ އެ ގައުމުތަކުގައި ހުރިހާ އުމުރު ފުރައެއްގެ ޓީމުތައް އޮންނާތީ ކަމަށް ސެގާޓް ބުންޏެވެ. ދެން އޮތް ލެބަނަން އަކީ ވެސް ވަރުގަދަ ޓީމެއް ކަަމަށާއި މިއީ ރާއްޖޭގެ ކުޅުންތެރިންނަށް ލިބޭނެ ރަނގަޅު ތަޖުރިބާތަކެއް ކަމަށް ސެގާޓް ވަނީ ބުނެފަ އެވެ.

"ހުރިހާ ޓީމަކަށް ވެސް އެބައޮތް ފުރިހަމަ އިހުތިރާމް. ފުރަަތަމަ ވިސްނުން ހުރީ ސައުދީ މެޗަށް. އެއީ އަބަދުވެސް އެންމެ ފުރަތަމަ މެޗު އެންމެ އުނދަގޫވާނީ،" ސެގާޓް ބުންޏެވެ.

ގައުމީ ޓީމުގެ ޒިންމާއާ ހަވާލުވިއިރު، އެފްއޭއެމުން އޭނާ އަށް އެންގީ "ޓުވާޑްސް ފިއުޗާ" ޕްރޮގްރާމްގެ ތެރެއިން މުސްތަގުބަލަށް ޒުވާން ޓީމުތަކެއް ބައްޓަން ކުރުމަށް ކަމަށާއި މި ފަހަރުގެ ކޮލިފައިން އަކީ ވެސް އޭގެ ތެރެއިން މަސައްކަތެއް ކަމަށް ސެގާޓް ފާހަގަކުރި އެވެ. އެ ގޮތުން ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިން ހިމަނައިގެން އޭނާ މަސައްކަތްކުރަނީ އެފްއޭއެމްގެ ތަސައްވުރާ އެއްގޮތަށް މުސްތަގުބަލަށް ޓީމު ބިނާކުރުމަށް ކަމަށެވެ.

"މި ކޮލިފައިން އިން ޓީމެއް ބިނާ ކުރުމަށް އިސްކަންދިނުމަކީ އެފްއޭއެމުން ނިންމި ރަނގަޅު ނިންމުމެއް. ހަމައެކަނި 21 އަހަރުގެ ކުޅުންތެރިންނަށް ނުބަލައި އަހަރެމެންގެ ޓީމުގައި އެބަހިމެނޭ 17 އަހަރާއި 16 އަހަރުގެ ގިނަ ކުޅުންތެރިން. މި ކުޅުންތެރިން ތައްޔާރުކުރެވޭނެ 2022 އާއި 2023 ގައި އޮންނަ މި ފަދަ މުބާރާތްތަކަށް،" ސެގާޓް ބުންޏެވެ.

އޭނާ ބުނީ ކޮލިފައިން އަށް ސައުދީ އަށް ދިއުމުގެ ކުރިން ޓްރެއިނިން ކޭމްޕެއްގައި ދާނެ ކަމަށާއި އޭގައި ވީހާވެސް ގިނަ ކުޅުންތެރިން ބައިވެރިކޮށް އެންމެ ރަނގަޅު ޓީމެއް މުބާރާތަށް ގެންދާނެ ކަމަށެވެ.

ރާއްޖޭގެ ފުޓްބޯޅައާ މެދު އޭނާ އަށް ކުރެވޭ ގިނަ އުއްމީދުތަކެއް އެބަހުރި ކަަމަށާއި އެކަމަކު ބޭނުންވާ ކަންތައްތައް ހާސިލްކުރުމަށް ހަމައެކަނި އޭނާ މަސައްކަތް ކޮށްގެން ވާނެ ކަމެއް ނެތް ކަމަށް ކޯޗު ބުންޏެވެ. އެކަމަށް ބޭނުންވަނީ އެންމެންގެ އެއްބާރުލުން ކަމަށާއި މިހާތަނަށް ހާސިލްވި ކަންތައްތައް ކުރެވުނީ އެފްއޭއެމްގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ކަމަށާއި ހާއްސަކޮށް އެންމެ ފާޑުކިޔުން އަމާޒުވިއިރު ވެސް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިތުބާރު އޮތުމަކީ ކާމިޔާބު ހޯދަން ލިބުނު އެންމެ ބޮޑު ހިތްވަރު ކަމަށް ބުންޏެވެ.

"އަހަރެމެން ވަރުގަދަ. އަހަރެމެން މީހުންގެ އެހީތެރިކަން ބޭނުން. ފަހަރުގައި އަހަރެމެން މި މުބާރާތަށް (ކޮލިފައިން) ތައްޔާރެއް ނޫން. އެއީ އަހަރެމެން ޒުވާންވީމަ ކަމަށް ވެސް ވެދާނެ. އެކަމަކު ރާއްޖެ އަށް ފުޓްބޯޅައިން މުސްތަގުބަލެއް ހޯދެން އޮތީ އަހަރެމެން އެކުގައި މަސައްކަތްކޮށްގެން." އިންޓަވިއު ނިންމާލަމުން މެސެޖެއްގެ ގޮތުގައި ސެގާޓް ބުންޏެވެ.