ޓީސީގެ އިއްބެ މާޒިޔާ އަށް ސޮއިކޮށްފި

މިދިޔަ އަހަރުތަކުގައި ޓީސީ ސްޕޯޓްސް ކްލަބަށް މޮޅު ކުޅުމެއް ދެއްކި ގައުމީ ޓީމުގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) މާޒިޔާ އަށް ސޮއިކޮށްފި އެވެ.


ގައުމީ ޓީމާ އެކު މިދިޔަ އަހަރުގެ ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ހުނަރުވެރި މިޑްފީލްޑަރު ވަނީ މާޒިޔާއާ އެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އިއްބެ އަކީ މި ސީޒަނަށް މާޒިޔާ އިން ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ގެނައި ފުރަތަމަ ކުޅުންތެރިޔާ އެވެ.

މާޒިޔާ އަށް ސޮއިކުރުމަށް ފަހު އިއްބެ ވަނީ އޭނާ ފުޓްބޯޅަ ކެރިއަރުގައި ކުރިއަށް ދިއުމަށް ޓީސީން ފޯރުކޮށްދިން އެހީތެރިކަމަށް ޝުކުރުއަދާކޮށްފަ އެވެ. އަދި ޓީސީން ދިން ފުރުސަތު އަބަދުވެސް ހަނދާނުގައި ހުންނާނެ ކަމަށާއި ޓީސީގައި ހޯދުނު ކާމިޔާބީތަކާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ. ޓީސީ ފަހުރުވެރިވާފަދަ ކުޅުންތެރިއެއްގެ ގޮތުގައި ކްލަބް ދޫކޮށް ދާން ޖެހޭއިރު، އަބަދުވެސް އެ ޓީމާ އެކު އޭނާގެ ހެޔޮ އެދުންތައް އޮންނާނެ ކަމަށެވެ.

އިއްބެ 23، ގެ ކެރިއަރު ފެށީ ނިއު ރޭޑިއަންޓުންނެވެ.

އޭނާ އަކީ 2013 ވަނަ އަހަރު ހުރިހާ މުބާރާތެއް ކާމިޔާބުކުރި ނިއުގެ ސްކޮޑުގައި ހިމެނޭ ކުޅުންތެރިޔެކެވެ. ނަމަވެސް އެ ކާމިޔާބީއަކާ އޭނާގެ މާ ބޮޑު ހިއްސާއެއް ނެތެވެ. އެއީ އޭނާ އަށް ކުޅުމުގެ ފުރުސަތު ލިބިފައި ނުވާތީ އެވެ. އެކަމަކު، އިއްބެ ވަނީ ނިއު އަށް ޔޫތު ޗެމްޕިއަންޝިޕް ކުޅެފަ އެވެ. އިއްބެ ނިއު ދޫކޮށްލީ 2014 ވަނަ އަހަރު އެ ޓީމަށް އޭއެފްސީ ކަޕް މެޗެއް ކުޅެދިނުމަށް ފަހު އެވެ.

އިއްބެ ޓީސީއާ ގުޅުނީ 2015 އަހަރު އެވެ. ޓީސީ ފުރަތަމަ ޑިވިޝަނުގައި އަލަށް ކުޅުނުއިރު އިއްބެ ފެނުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އެކަމަކު ފަހުން ޓީސީގެ އޭރުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ ޕްލޭނުގެ ތެރެއިން ތަފާތު ދައްކައި ގަަވައިދުން ފުރަތަމަ އެގާރައިގައި ކުޅެން ފެށި އެވެ. އޭނާ މެދުތެރެއަށް ކުޅެން ފަށައި އެންމެ ބޮޑު ތަފާތެއް ދެއްކީ 2017 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕްގަ އެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ޓީސީން ހޯދިއިރު، އިއްބެ ވަނީ ޓީމުގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

ޓީސީ އަށް ލަނޑެއް ކާމިޔާބު ކޮށްދިނުމަށް ފަހު އިއްބެ އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިދިޔަ އަހަރު ޓީސީން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، އިއްބެ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި ސާފް ތަށި ރާއްޖެ އަށް 10 އަހަރު ފަހުން ގެނެސްދިނުމުގައި އިއްބެ ގައުމީ ޓީމަށް ދެއްކި މޮޅު ކުޅުން ފާހަގަކުރަން ޖެހެ އެވެ. އޭނާ އެންމެ ބޮޑަށް ފާހަގަވީ ސެމީ ފައިނަލުގައި ނޭޕާލް އަތުން މޮޅުވިއިރު ކާމިޔާބުކުރި ދެ ގޯލުންނެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މާޒިޔާ ދޫކޮށް ދިޔަ ކުޅުންތެރިންނަކީ ދަ ގްރާންޑޭ އަށް ސޮއިކުރި ޔަސްފާދު ހަބީބު (މުލަކޭ) އާއި ޓީސީ އަށް ބަދަލުވި އިސްމާއިލް އީސާ (މެސީ) އެވެ. އަދި އަހުމަދު އިމާޒް (އާއްކޮ) އާއި ގާސިމް ސައްމާމު (ސައްމެ)ގެ އެއްބަސްވުން ވެސް މާޒިޔާ އިން އާ ނުކުރާއިރު، ވަރަށް އަވަހަށް އެ ދެ ކުޅުންތެރިން ވެސް އެހެން ޓީމަކަށް ބަދަލުވާނެ އެވެ.

މިދިޔަ އަހަރު މާޒިޔާ އަށް ކޯޗުކޮށްދިން އިސްމާއިލް މަހަފޫޒް (އިންމަ) ވެސް މި އަހަރު އެ ޓީމުން ނުފެންނާނެ އެވެ. އިންމަ ވަނީ އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ދަ ގްރާންޑޭއާ ހަވާލުވެފަ އެވެ.

މި ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ކުރިއަށް އޮތްތަނުގައި މާޒިޔާ އިން އިތުރު ކުޅުންތެރިން ހޯދާނެ ކަމަށް އެ ކްލަބުން ވަނީ ބުނެފަ އެވެ.