ޒުވާން ޓީމު ލީޑުކުރަން ޝާކިއްޓެ އަށް ފުރުސަތު ދެނީ

ސައުދީ އަރަބިއާގައި މި މަހު ބާއްވާ އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން ބުރުގައި ޓީމު ލީޑުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާނީ އެސިސްޓަންޓް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ކަމަށާއި ބޭނުންވަނީ މަތީ ފަންތީގެ ކޯޗިން އިން ދިވެހިންނަށް ފުރުސަތު ދިނުން ކަމަށް ހެޑްކޯޗު ކްރޮއޭޝިއާގެ ޕީޓާ ސެގާޓް ބުނެފި އެވެ.


މި މަހު 22 އިން 26 އަށް ސައުދީގައި ކުރިއަށްދާ އޭއެފްސީ ކޮލިފައިންގައި ރާއްޖޭގެ ޒުވާން ގައުމީ ޓީމުގެ ކޯޗިން ސްޓާފުންގެ ގޮތުގައި ހަރަކާތްތެރިވާނީ މިދިޔަ އަހަރު ބަންގްލަދޭޝްގައި އޮތް ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ޓީމުގައި ހިމެނުނު އިސް އޮފިޝަލުންނެވެ. އެއީ ސެގާޓާއި ޝާކިއްޓޭގެ އިތުރުން ގޯލްކީޕަރު ޓްރެއިނަރު އަސްލަމް އަބްދުއްރަހީމްގެ އިތުރުން ބެލްޖިއަމްގެ އެސިސްޓަންޓް ކޯޗު ގެލާ ޝެކިލާޒޭ އަދި ތަޖުރިބާކާރު ޓްރެއިނަރު މޮންޓަނެގްރޯގެ ކްރުނިޗް ލަޑިމީރް އެވެ.

"އަހަރެމެން މި ފަހަރު ދިވެހި ކޯޗަކަށް ސައުދީގައި ބޮޑު ފުރުސަތެއް ދޭނަން. އެއީ އެ މީހުންނަށް ވެސް ފުރުސަތެއް ލިބެންޖެހޭ،" ޝާކިއްޓެ އަށް ދޭ ފުރުސަތާ ބެހޭގޮތުން ގައުމީ ކޯޗު ޕީޓަ ސެގާޓް ބުންޏެވެ.

"އެފްއޭއެމާއި އަހަރެންގެ ވެސް ވަރަށް ބޮޑު ވިސްނުމެއް ދިވެހި ކޯޗުންނަށް ބޮޑެތި ޒިންމާ ހަވާލުކުރުން. އެހެންވެ އަހަރެން ޝާކީ ވަރަށް ބޮޑަށް ބޭނުންކުރާނަން. ބައެއް ކަންތައްތައް އޭނާގެ އަތްމައްޗަށް ވެސް ދޫކޮށްލާނަން."

ރާއްޖެ އަށް 10 އަހަރު ފަހުން ސަރަހައްދުގެ ރަން ތަށި މިދިޔަ އަހަރު ގެނައިއިރު ޝާކިއްޓެ ވަނީ ޓީމުގައި މުހިއްމު ދައުރެއް އަދާކުރި އެވެ. މުހިއްމު ވަގުތުތަކުގައި ޓީމު ބަދަހިކުރުމާއި ރަނގަޅު ނިންމުންތައް ނިންމުމުގައި ޝާކިއްޓެ ދިން އެހީތެރިކަމުގެ ސަބަބުންނެވެ.

މި ފަހަރުގެ މުބާރާތަށް ޒުވާން ޓީމު އެކުލަވާލުމަށް އެންމެ ބޮޑު މަސައްކަތެއް ކުރީ ޝާކިއްޓެ ކަމަށް ސެގާޓް މީގެ ކުރިން ވަނީ ބުނެފަ އެވެ. ޓީމަށް ކުޅުންތެރިން ނެގުމުގައި ބުރަކޮށް މަސައްކަތްކުރި ކަމަށާއި ދާދި ފަހުން ނިމުނު ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ހުރިހާ މެޗެއް ބެލި ކަމަށާއި ކުޅުންތެރިންގެ ފެންވަރު ވަޒަންކުރުމުގެ ގޮތުން ޕްރެކްޓިހުގައި ވެސް އޭނާ އަށް ވަރަށް އެހީތެރިވި ކަމަށް ބުންޏެވެ.

އީގަލްސްގެ ޔޫތު ޓީމާ އެކު ތިން ފަހަރު ޔޫތު ތަށި އުފުލާލައި އެ މުބާރާތުގެ އެންމެ ކާމިޔާބު ކޯޗު ޝާކިއްޓެ ވަނީ މިދިޔަ އަަހަރު ނޮވެމްބަރު މަހު މެލޭޝިއާއާ ދެކޮޅަށް ރާއްޖޭގެ ސީނިއާ ޓީމު ކުޅުނު އެކުވެރިކަމުގެ މެޗުގައި ވެސް ޓީމު ލީޑުކުރުމުގައި ބައެއް ހާލަތްތަކުގައި މަސައްކަތްކޮށްފަ އެވެ.

ސައުދީގައި އޮތް ކޮލިފައިންގެ ކުރިން ރާއްޖޭގެ ޒުވާން ޓީމު މިހާރު ޓްރެއިނިން ކޭމްޕް ފުރިހަމަކުރަމުންދަނީ ފިލިޕީންސްގަ އެވެ. ހަތާވީސް ކުޅުންތެރިންނާ އެކު ޓީމު މި ވަގުތު ފަރިތަކުރަމުން އަންނައިރު، ޓްރެއިނިން ކޭމްޕަށް ލިބުނު މުއްދަތު މަދުވި ނަމަވެސް ސެގާޓް ހުރީ މި ފުރުސަތުގެ ބޭނުން އެންމެ ރަނގަޅަށް ހިފާށެވެ.

"އަހަރެން ބޭނުންވި ކުރިން ޓްރެއިނިން ކޭމްޕްދާން. އެކަމަކު ލިބޭ ފުރުސަތަށް އަހަރެމެން ޖެހޭނެ ޝުކުރުކުރަން. މިހާލަތުގައި ކުރެވޭ އެންމެ ރަނގަޅަށް މަސައްކަތްކުރާނަން. ސާފްގައި އަހަރެމެންނަށް ލިބުނު ހަތް ވަރަކަށް ހަފްތާ. އެކަމަކު މިހާރު މި އޮތީ ދެ ހަފްތާ. އެންމެ ފުރިހަަމަ ނުވިޔަސް މީގެން ވެސް ބޭނުންހިފޭނެ،" ޓްރެއިނިން ކޭމްޕަށް ފުރުމުގެ ކުރިން ސެގާޓް ބުންޏެވެ.

ފިލިޕީންސްގައި ޓްރެއިިނިން ކޭމްޕް ފުރިހަމަކުރަމުންދާއިރު، ސެގާޓް ހަތަރު ދުވަހަށް މެލޭޝިއާގައި އޮންނަ ޓެކްނިކަލް ސެމިނާ އަކަށް ދާނެ އެވެ. އެ މުއްދަތުގައި ވެސް ޓީމުގެ ކަންތައްތަކާ ހަވާލުވާނީ ޝާކިއްޓެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ކޮލިފައިންގެ ފުރަތަމަ މެޗުގައި މި މަހު 22 ވަނަ ދުވަހު ނުކުންނާނީ ސައުދީއާ ދެކޮޅަށެވެ. އޭގެ އެއް ދުވަސް ފަހުން ދެ ވަނަ މެޗުގައި ޔޫއޭއީއާ ދެކޮޅަށް ކުޅޭނެ އެވެ. ފަހު މެޗުގައި ލެބަނަންއާ ބައްދަލުކުރާނީ މި މަހު 24 ވަނަ ދުވަހު އެވެ.