ސާއިދާ އެކު ތަމްރީން ހައްދަވައި ރައީސް ޗެލެންޖް ފުރިހަމަކުރައްވައިފި

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދާ އެކު ޓްރެއިނިން ސެސަޝެއް ފުރިހަމަކުރައްވައި، އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ކުރެއްވި ޗެލެންޖް ރައީސް އަބްދުﷲ ޔާމީން މިއަދު ފުރިހަމަކުރައްވައިފި އެވެ.


އެމަނިކުފާނު ސާއިދާ އެކު ދުވުމުގެ ޓްރެއިނިން ފުރިހަމަކުރެއްވީ އާރަށުގެ ފުޓްސަލް ދަނޑުގަ އެވެ. މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް އަދި މި އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދާފައިވާ ސާއިދާ އެކު އެމަނިކުފާނު ވަނީ ސްޓްރެޗިން ހައްދައި ދުވެވަޑައިގެން އަދި ސްޕްރިންޓް ބައެއް ތަމްރީންތައް ހައްދަވައިފަ އެވެ.

ރައީސް ޔާމީން (ކ) ސާއިދާ އެކު ތަމްރީން ފުރިހަމަކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީނުގެ އިތުރުން، މަރުޒޫގު ވަނީ ކުރީގެ ތިން ރައީސުން ކަމަށްވާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި މުހައްމަދު ނަޝީދު އަދި މައުމޫން އަބްދުލްގައްޔޫމަށް ވެސް މި ޗެލެންޖް ކުރައްވައިފަ އެވެ. މީގެ ތެރެއިން ރައީސް ވަހީދު ވަނީ ފެތުންތެރިޔާ އައިމިނަތު ސަޖަންއާ އެކު ތަމްރީން ހައްދަވައިފަ އެވެ. ރައީސް ނަޝީދަށް ޖެހިވަޑައިގަންނަވާނީ މަޝްހޫރު ދުވުންތެރިޔާ ސަމްހާ އަހުމަދާ އެކު ތަމްރީން ހަދާށެވެ. ރައީސް މައުމޫނަށް ކުރިމަތިކުރެއްވި ޗެލެންޖަކީ، ބެޑްމިންޓަން ތަރި މުހައްމަދު އަޖުފާން ރަޝީދާ އެކު ތަމްރީން ސެޝަނެއް ފުރިހަމަކުރެއްވުމެވެ.

އެ ބޭފުޅުންނަށް މި ޗެލެންޖް ފުރިހަމަކުރައްވަން ޖެހިވަޑައިގަންނަވާނީ އަންނަ މަހުގެ 7 ވަނަ ދުވަހު ފަށާ ޕެރެލައިމްޕިކްސް ނުވަތަ ސްޕެޝަލް އޮލިމްޕިކްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ކުރިންނެވެ.

އެތުލީޓުންނަށް ހިތްވަރު ދެއްވުމުގެ ގޮތުން އެންމެ ފުރަތަމަ އެތުލީޓުންނާ އެކު ތަމްރީން ހެދީ މަރޭ އެވެ. އޭގެ ފަހުން، ބައެއް ވިޔަފާރި ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާއި މީޑިއާތަކުގެ އިސްވެރިންނާއި މަޝްހޫރު ލަވަކިޔުންތެރިންނާއި އެހެނިހެން ބައެއް ސެލެބްރިޓީންނަށް އެ ފުރުސަތު ދެއްވުމަށް ފަހު، އެންމެ ފަހު ޗެލެންޖް ދެއްވީ ރައީސުންނަށެވެ.