ފީފާ އާއި އޭއެފްސީގެ ވަފުދެއް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ

ރާއްޖޭގެ ފުޓްބޯޅައިގައި ހިނގަމުންދާ ކަންތައްތައް ބެލުމަށް އަންނަ ހަފްތާގައި ފީފާ އާއި އޭއެފްސީގެ ވަފުދެއް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.


ފީފާގެ ވަފުދެއް ރާއްޖެ އައުމާ ބެހޭގޮތުން އެފްއޭއެމަށް އިއްޔެ ފޮނުވާފައިވާ ސިޓީގެ ކޮޕީއެއް "މިހާރު" ނޫހަށް ވަނީ ލިބިފަ އެވެ. ފީފާގެ ވަފުދު އަންނަން ކުރިން ހަމަޖެހިފައި އޮތީ މި ހަފްތާގަ އެވެ. އެކަމަކު މިހާރު ހަމަޖެހިފައިވާ ގޮތުން އަންނާނީ އަންނަ އަންގާރަ ދުވަހު އެވެ.

ފީފާގެ ވަފުދު އަންނަނީ އެފްއޭއެމްގެ ހާލަތު ބެލުމުގެ އިތުރުން ރާއްޖޭގެ ގިނަ ކްލަބްތަކުގެ ސޮޔާ އެކު އެފްއޭއެމްގެ ލީޑަޝިޕް ބަދަލުކުރަން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސެއް ބާއްވަން ހުށަހަޅައިފައިވާތީ އެކަން އޮޅުން ފިލުވުމުގެ ގޮތުންނެވެ.

ފީފާ އާއި އޭއެފްސީގެ ވަފުދު ކުރާ ޒިޔާރަތުގައި އެފްއޭއެމްގެ އިތުރުން އެފްއޭއެމްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސެއް ބޭއްވުމަށް ހުށަހެޅި ކްލަބްތަކާއި އެކަމުގައި ބައިވެރިވެ ސޮއި އަނބުރާ ގެންދިޔަ ކަމަށް ބުނާ ކްލަބްތަކާ ބައްދަލުކުރާނެ އެވެ. އަދި ފުރުސަތު ލިބިއްޖެނަމަ ރާއްޖޭގެ ކުޅިވަރާ ބެހޭ ވުޒާރާ މި ވަގުތު ހިންގެވުމާ ހަވާލުވެ ހުންނެވި އެކްޓިން މިނިސްޓަރު އަލީ ވަހީދުއާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރަ"ށް ވިދާޅުވީ ފީފާ އާއި އޭއެފްސީގެ ވަފުދު ރާއްޖެ އަންނަ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި އެއީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސެއް ބޭއްވުމުގެ ގޮތުން ނޫން ކަމަށާއި ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ދެނެގަތުމަށް ކަންތައްތައް އޮޅުންފިލުވުމުގެ ގޮތުންނެވެ.

އެފްއޭއެމްގެ ލީޑާޝިޕުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށްޓަކައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައިދޭން އެދި 15 ކްލަބެއްގެ ސޮޔާ އެކު ވިކްޓަރީން ދާދި ފަހުން ހުށަހެޅި އެވެ. އެކަމަކު ފީފާއާ މަޝްވަރާކުރުމަށް ފަހު އެފްއޭއެމުން ނިންމީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ނުބާއްވާށެވެ. ސަބަބަކަށް އޭރު ބުނީ އޯޑިނަރީ ކޮންގްރެސްއެއް އޮތުމުން ކްލަބްތަކުގެ ކަންބޮޑުވުންތައް ހިއްސާކުރުމުގެ ފުރުސަތު އޮތުމެވެ.

ފަހުން އެފްއޭއެމުން ބުނީ ސޮއިކުރި 15 ކްލަބުގެ ތެރެއިން ނިއު ރޭޑިއަންޓް ސަސްޕެންޑްކޮށްފައިވާތީ އާއި ރޮކް ސްޓްރީޓްސް އާއި ފޯކައިދޫ އަކީ މެމްބަރު ކްލަބްތަކަށް ނުވާތީ އެ ކްލަބްތައް އޭގައި ނުހިމެނޭނެ ކަމަށެވެ. އަދި އިތުރު ހަތަރު ކްލަބަކުން ނަން އަނބުރާ ގެންގޮސްފައިވާތީ ގާނޫނީ އަދަދު ހަމަނުވާ ކަމަށެވެ.

ފީފާގެ ސިޓީ އިއްޔެ ލިބުނުއިރު، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އިއްޔެ ނޫސްވެރިންގެ ބައްދަލުވުން ބޭއްވީ ފުރަތަމަ ޑިވިޝަނުގެ ފަސް ކްލަބެއް ކަމަށްވާ މާޒިޔާ، ގްރީންސްޓްރީޓްސް، ދަ ގްރާންޑޭ، ޔުނައިޓެޑް ވިކްޓްރީ އަދި ކްލަބް އީގަލްސްގެ އޮފިޝަލުންނާ އެކު އެވެ. މީގެ ތެރޭގައި، ސޮއިކޮށް ނަން އަނބުރާ ގެންދިޔަ ކްލަބްތަކެއް ހިމެނޭކަމެއް ނޭނގެ އެވެ. ނަން އަނބުރާ ގެންދިޔައީ ކޮން ކްލަބްތަކެއް ކަމަށް އެފްއޭއެމުން ބުނެފައެއް ނުވެ އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ ކްލަބްތަކުން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސެއް ބާއްވަން ނޫޅޭ ކަމަށާއި އެކަން ކުރަނީ ވަކި ބަޔަކު ބޭނުންވެގެން ކަމަށެވެ. އަދި ބައްސާމް ވަނީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި އޭއެފްސީގެ ރައީސް ޝެއިހް ސަލްމާނާ ބަދަހި ގުޅުމެއް އޮންނަ ކަމަށް ވިދާޅުވެފަ އެވެ.

އެފްއޭއެމްގެ ލީޑަޝިޕް ބަދަލުކުރުމަށް މަސައްކަތް ކުރާ ކަމަށް އެ އިދާރާ އިން ތުހުމަތު ކުރަނީ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައެއް ބަަލަމުން އަންނާތީ މި ވަގުތު ގޭގައި ހުންނެވި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު އަށެވެ. އެކަމަކު މަހުލޫފާއި މިހާރު ހުންނެވި އެކްޓިން ޔޫތު މިނިސްޓަރު އަލީ ވަހީދު ވަނީ އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށް ވިދާޅުވެފަ އެވެ.