ސީޒަނަށް ތައްޔާރުވާއިރު ފިޓްނަސްއާ މެދު ވިސްނުން މުހިއްމު!

ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގެ ކުރީކޮޅު ކޯޗުން އާއްމުކޮށް ފާހަގަކުރާ މައްސަލަތައަކީ ރަނގަޅަށް ޕްރީ ސީޒަން ތަމްރީން ނެހެދި ކުޅުންތެރިންގެ ފިޓްނަސް އެކަށީގެންވާ ވަރެއްގައި ނެތުމެވެ. އާ ސީޒަނަކަށް ތައްޔާރުވާއިރު ގިނަ ކުޅުންތެރިންގެ ފިޓްނަސް ސުމަކުން ފަށަން ޖެހޭ ކަމަށް ތަޖުރިބާކާރު ދިވެހި ކޯޗުންނާއި ބިދޭސީ ކޯޗުން ވެސް ވަނީ ފާހަގަކޮށްފަ އެވެ.


މި ފަހަރުގެ ފުޓްބޯޅަ ސީޒަން ޖޫން މަހު ފަށާ ގޮތަށް ބަދަލުކުރުމުން ވާދަވެރި މެޗެއް ނުކުޅެ ކުޅުންތެރިން ގިނަ ދުވަސްތަކެއް ވަންދެއް ތިބެން ޖެހޭނެ އެވެ. މިއީ ކުޅުންތެރިންގެ ފޯމާއި ފިޓްނަސް އަށް ވަރަށް އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް ގިނަ ކޯޗުން ގަބޫލުކުރެ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ކްލަބްތަކާ މަޝްވަރާކޮށް ޖޫން މަހު ސީޒަން ފަށާ ގޮތަށް ނިންމި ނިންމުމަކީ މާ ކުރިން ވެސް ކުރަން ޖެހޭ ކަމެއް ކަމަށާއި އެއީ އޭއެފްސީ ކަޕް ފަދަ މުބާރާތްތަކަށް ދާއިރު ވާދަވެރި މެޗުތަކެއް ނުލިބޭތީ ކުރާ ޝަކުވާ އަށް ހައްލެއް ލިބޭނެ ކަމެއް ކަމަށެވެ.

ބައްސާމް ވިދާޅުވީ ގެންނަ ބަދަލާ ގުޅިގެން އުނދަގޫތަކެއް ހުންނާނީ މި އަހަރު ކަމަށާއި އަލުން ޖޫން ގައި ފެށުމުން ދެން ކޮންމެ އަހަރެއް ވެސް އޮންނާނީ ހަމަ ބެލެންސްކޮށް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ބައްސާމް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ކޮންމެ ބަދަލެއްގެ ވެސް ކޮންމެ ވެސް ކަހަލަ އުނދަގޫތަކެއް ހުންނާނެ. އަޅުގަނޑުމެން ބަލިވީ ވެސް ބޭސް ކެއީމަ ހިތި ރަހަލާ ބޭހެއް ކާން މި ޖެހެނީ. އެހެން ނަމަވެސް ބޭސް ކޭމަ ރަނގަޅުވޭ އެ ކަހަލަ ގޮތެއް ކަންނޭނގެ މިހާރު މިދަނީ. މި ކަމެއް ރަނގަޅު ކުރަން ކޮންމެވެސް ކަހަލަ ސްކްރިފައިޒެއް ކުރަން ޖެހޭ،" ބައްސާމް ވިދާޅުވި އެވެ.

ރާއްޖޭގެ ކުޅުންތެރިންނަކީ ސެމީ ޕްރޮފެޝަަނަލް ކުޅުންތެރިން ކަމަށާއި އެ ކުޅުންތެރިން އާންމުކޮށް ޕްރީ ސީޒަނުގައި ފިޓްނަސް އަށް މާ ބޮޑު އަހަމިއްޔަތުކަން ނުދޭކަން ބައްސާމް ފާހަގަކުރެއްވި އެވެ. އެކަމަކު އެކަންތައްތައް ބަދަލުކުރަން ޖެހޭ ކަމަށާއި ފިޓްނަސް އާއި އެހެނިހެން ކަންތައްތައް ތަންކޮޅެއް ރަނގަޅަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

އޭޝިއާގެ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން ބުރުގައި މި މަހު ކުޅުމުގެ ކުރިން ރާއްޖޭގެ ޒުވާން ގައުމީ ޓިމު އަންނަނީ ފަރިތަކުރަމުންނެވެ. މާލޭގައި ގިނަ ދުވަސްތަކެއް ވަންދެން ފަރިތަކުރުމަށް ފަހު މިހާރު އަންނަނީ ފިލިޕީންސްގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކުރަމުންނެވެ.

ގައުމީ ޓީމުގެ ކޯޗު ޕީޓަ ސެގާޓް ވެސް ވަނީ ސީޒަން ފެށުމާ ދެމެދު މި ލިބޭ ބޮޑު ބްރޭކުގައި ކުޅުންތެރިން ފިޓްނަސް އަށް ހާއްސަ ސަމާލުކަމެއްދޭން ޖެހޭކަން ޒުވާން ޓީމަށް ބަލައިލުމުން ވެސް އެނގޭ ކަމަށް ބުނެފަ އެވެ.

"މި ކުޅުންތެރިން މި އައީ ޔޫތު ޗެމްޕިއަންޝިޕް ކުޅެފައި. އެންމެ ރަނގަޅު ލެވެލެއްގައެއް ނޫން ފިޓްނަސް ހުރީ. އަހަރެންގެ މާ ބޮޑު ކަންބޮޑުވުމެއް އެބައޮތް. އެއީ ޖޫން މަހު ސީޒަން ފަށާއިރު ދެން ތިބި ސީނިއާ ކުޅުންތެރިންގެ ފިޓްނަސްއާ މެދު. އެ ކުޅުންތެރިން އެހާ ބޮޑު ބްރޭކަކަށް ފަހު އަންނައިރު ފޯމަށާއި ފިޓްނަސް ހުންނާނީ ގެއްލިފައި. އޭގެ އަށް އެ ކުޅުންތެރިން މަސައްކަތްކުރާނެ ކަމަށް އުއްމީދުކުރަން،" މިދިޔަ މަހު "މިހާރަ"ށް ދިން އިންޓަވިއުއެއްގައި ސެގާޓް ބުންޏެވެ.

މިދިޔަ އަހަރުގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ކިސް ރާއްޖޭގެ ކުޅުންތެރިންގެ ފިޓްނަސްއާ ބެހޭގޮތުން ވާހަަކަ ދައްކަމުން ނިތްކުރީގައި އަތްއަޅައިގެން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގައި ސެމީ ޕްރޮފެޝަނަލް ކުޅުންތެރިން ގިނަ ނަމަވެސް ފުޓްބޯޅަ އަށް ހުސްވެ ހަމަައެކަނި މިކަމުން އާމްދަނީ ހޯދައިގެން ކުޅެމުން އަންނަ ކުޅުންތެރިން ހިމެނެ އެވެ. އޭގެ ތެރޭގައި ފިޓްނަސް އަށް ހާއްސަ ސަމާލުކަންދޭ ކުޅުންތެރިން ވެސް ހިމެނެ އެވެ.

"ސެމީ ޕްރޮފެޝަނަލް ނޫނީ ޕްރޮފެޝަނަލް ވުމެއް ނޫން. ރާއްޖޭގެ ކުޅުންތެރިން މިހާރު ހަގީގަތުގައި ފިޓްނަސް އަށް ވިސްނަންޖެހޭ މިންވަރު އިތުރުކުރަންޖެހޭ. އެއީ އެންމެ މަތީ ލެވެލްގެ މެޗުތަކަށްދާއިރު ބޮޑީ ކޮންޑިޝަން ކޮންމެވެސް ވަރަކަށް ދިމާވާން އެބެޖެހޭ އިދިކޮޅަށް ނުކުންނަ ޓީމާ. އެކަން ކުރެވެނީ އެއް މަސް ނޫނީ ދެ މަހުގެ ޓްރެއިނިން ސެޝަނަކުންނެއް ނޫން. މުޅި އަހަރަށް ބަލައިގެން ހަށިގަނޑު ބަލަހައްޓައިގެން. އެކަން ފެންނާނެ ބޭރުގެ ކުޅުންތެރިންގެ ކިބައިން،" ފުރަތަމަ ޑިވިޝަންގެ ކޯޗަކު "މިހާރަ"ށް ބުންޏެވެ.

"ޕްރީ ސީޒަނަކަށް ނުކުންނައިރު އެއް މަސް ވަންދެން ގަވައިދުން ކަސްރަތެއް ވެސް ނުކޮށްލާ ކުޅުންތެރިން ތިބޭ. މިއީ މިކަން ވާން ޖެހޭ ގޮތެއް ނޫން."

އޭނާ ބުނީ ހަގީގަތުގައި ރާއްޖޭގެ ކުޅުންތެރިންގެ ފިޓްނަސް އަށް އަސަރުކުރާ ސަބަބުތައް ބައިވަރުކަމަށާއި ރަނގަޅު ކާނާ ކެއުމާއި އާއި ރަނގަޅު ވަގުތުގައި އަރާމްކުރުމަށް އަހައްމިއްޔަތުކަން ދިނުން އިތުރުކުރަން ޖެހޭ ކަމަށެވެ.

ރާއްޖޭގެ ފުޓްބޯޅައިގައި ގިނަ ތަޖުރިބާތަކެއް ކޮށްފައިވާ ހަންގޭރީގެ ކޯޗު ލާޒްލޯ ކިސް މިދިޔަ ސީޒަނުގައި ވިކްޓަރީއާ ހަވާލުވެ ފުރަަތަމަ މެޗުތަކަށް ފަހު ވަރަށް ބޮޑަށް ކުޅުންތެރިންގެ ފިޓްނަސް މައްސަލައިގައި ޝަކުވާ ކުރި އެވެ. ކިސް އަކީ ދިވެހިރާއްޖޭގެ ގިނަ ކުޅުންތެރިންނާ އެކު މަސައްކަތްކޮށްފައިވާ ފަރާތެކެވެ. އޭނާ މިދިޔަ އަހަރު ބުނީ އޮފްސީޒަނުގައި ކުޅުންތެރިން އަމިއްލަ އަށް ޖިމަކަށް ގޮސް ޓްރެއިން ކޮށްލި ނަމަވެސް އޭގެ ފައިދާކުރާނެ ކަމަށާއި އެކަމަކު އެކަން ވެސް ކުރާނެ ތިބީ މަދު ކުޅުންތެރިއެއް ކަމަށެވެ.

މިދިޔަ ސީޒަނުގައި ނިއު އާއި ވެލެންސިއާ ކުޅުނު މެޗެއްގެ ތެރެއިން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"މިހާރަ"ށް ވާހަކަ ދެއްކި ފިޓްނަސް ޓްރެއިނަރަކު ބުނީ ކޮންމެ ކުޅިވަރެއް ކުޅުނަސް އެންމެ މުހިއްމީ ރަނގަޅު ލެވެލެއްގައި ފިޓްނަސް ހިފެހެއްޓުން ކަމަށެވެ. އެ ގޮތުން ރާއްޖޭގެ ގިނަ ކުޅިވަރު ކުޅުންތެރިން އަމިއްލަ އަށް އިސްނަގައިގެން ފަހަކަށް އައިސް ޓްރެއިނިން ނަގަމުން އަންނަ ކަމަށެވެ. އަދި އޭގެ ތެރޭގައި ފުޓްބޯޅަ ކުޅުންތެރިން ވެސް ހިމެނޭ ކަމަށް ބުންޏެވެ.

ޖޫން މަހު ފުޓްބޯޅަ ސީޒަން ފަށަން ނިންމި ނަމަވެސް އެފްއޭއެމުން އަދި ކަލަންޑަރު އާންމުކޮށްފައެއް ނުވެ އެވެ. އެކަމާ މިހާރު އަންނަނީ ކްލަބްތަކާ މަޝްވަރާކުރަމުންނެވެ. މީގެ ކުރިން ކްލަބްތަކުން ބުނީ އެފްއޭއެމުން ކަލަންޑަރު އާންމުކުރިހާ އަވަހަކަށް ޕްރެކްޓިސްތައް ފަށާނެ ސީދާ ތާރީހެއް ކަނޑައަޅާނެ ކަމަށެވެ.

ފުޓްބޯޅަ ސީޒަން ޖޫން މަހު ފަށާއިރު ގިނަ ކުޅުންތެރިންތަކެއް އެންމެ ފަހުން ވާދަވެރި މެޗުތަކެއް ކުޅެފައި އޮންނާނީ ހަ މަސް ކުރިންނެވެ. އަލުން ހުރިހާ ކަމެއް ކުރަން ޖެހިފައިވާއިރު، އެންމެ މުހިއްމުކަމެއްގެ ގޮތުގައި މިހާރު ކުރަން ޖެހޭނެ ކަމަކީ އާ ސީޒަނަށް ފިޓްވެ ތައްޔާރުވުން ކަމުގައި ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އަދި އެހާ ދުވަހު ނުކުޅެ ހުރެފައި އަލުން ނުކުންނައިރު ރަނގަޅު ލެވެލެއްގައި ފިޓްނަސް ނެތްނަމަ ގާތްގާތުގައި މެޗުތައް ކުޅޭ ސީޒަނެއްގައި އަނިޔާގެ ގިނަ މައްސަލަތަކާ މުޅި އަހަރު ކުރިމަލާންޖެހުމުގެ ބިރު އެބައޮތެވެ.