ލަންކާ އަތުން ބަލިވެ ރާއްޖެ ކަޓައިފި

ސާފް ވިމެންސް ޗެމްޕިއަންޝިޕުގެ ދެ ވަނަ މެޗުން ސްރީ ލަންކާ އަތުން 2-0 އިން ބަލިވެ ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު މުބާރާތުގެ ގްރޫޕް ސްޓޭޖުން ކަޓައިފި އެވެ.


ތިން ޓީމު ވާދަކުރާ މި ގްރޫޕުން ބާކީ އެއް މެޗު އޮއްވައި އިންޑިއާ އާއި ސްރީލަންކާ ވަނީ ސެމީގެ ޖާގަތައް ކަށަވަރުކޮށްފަ އެވެ. ގްރޫޕްގެ ފުރަތަމަ މެޗުން ބުދަ ދުވަހު ރާއްޖެ ވަނީ އިންޑިއާ އަތުން 6-0 އިން ބަލިވެފަ އެވެ.

ނޭޕާލުގެ ބިރާތުނަގަރުގައި ހުންނަ ސަހީދު ރަންގްސާލާ ސްޓޭޑިއަމްގައި ކުޅުނު މިއަދުގެ މެޗު ފަށައިގެން ރާއްޖޭން ފަހަތަށް ޖެހިގެން ކުޅެމުންދިޔައިރު، ސްރީލަންކާ އިން ވަނީ ރާއްޖޭގެ ފަހަތަށް ބާރުބޮޑުކޮށްފަ އެވެ. މި މުބާރާތާއި ގާތްވެފައިވަނިކޮށް ރާއްޖޭގެ އެންމެ މުހިއްމު ދެ ޑިފެންޑަރުންނަށް އަނިޔާވުމުން ޓީމުގެ ފަހަތަށް ކުޅުވީ ޓީމުގެ މުހިއްމު ކުޅުންތެރިންނެވެ. އެ ގޮތުން ޓީމުގެ ކެޕްޓަން ފަދުވާ ޒާހިރު ވެސް ކުޅުނީ ފަހަތަށް ޖެހިގެންނެވެ.

ފުރަތަމަ ހާފުގައި ރާއްޖޭން އެންމެ ރަނގަޅު ހަމަލާއެއް ފޮނުވާލީ ކެޕްޓަން ފަދުވާ އެވެ. ހިލޭ ޖެހުމަކުން ފަދުވާ ޖެހި ބޯޅަ ސްރީލަންކާގެ ކީޕަރު އަޔޯމީ ވަނީ މަތަކޮށްފަ އެވެ.

ސްރީލަންކާ އިން މި މެޗުގައި ޖެހި ފުރަތަމަ ލަނޑު މެޗުގެ 40 ވަނަ މިނިޓްގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ޗަލިނީ ކުމާރީ އެވެ. އޭރިއާ ރޮނގުކައިރިން ލިބުނު ހިލޭ ޖެހުމަކުން ސްރީލަންކާގެ ކެޕްޓަން އެރަންޑީ ލިޔަނާގޭ ޖެހި ބޯޅަ ރާއްޖޭގެ ކީޕަރު އައިމިނަތު ލީޒާ އަތުގައި ޖެހިފައި ނުކުތްވަގުތު ގޯލުގެ ކުރިމަތިން ޗަލީނީ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

މޮޅުވާން މަޖުބޫރު މެޗަކަށްވާތީ އެޓޭކަށް ވިސްނައި ރާއްޖޭން ދެ ވަނަ ހާފަށް ނުކުތީ ބަދަލުތަކާ އެކު އެވެ. ދެ ވަނަ ހާފް ފަށައިގެން ރާއްޖޭން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް ލިބުނު ފުރަތަމަ ފުރުސަތުގައި ލަންކާ އިން ލީޑުފުޅާކުރީ މެޗުގައި ޗަލިނީ ޖެހި ދެ ވަނަ ގޯލުންނެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅަ އޭނާ ވަނީ ގޯލުގެ ކަނަށް އަމާޒުކޮށްލައިފަ އެވެ.

މިއަދުގެ މެޗު ބަލަން ރާއްޖޭގެ ސަޕޯޓަރުން ދަނޑުގައި. -- ފޮޓޯ: ގޯލްނޭޕާލް

މި މެޗުގައި ލަނޑެއް ޖަހަން ރާއްޖޭން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކާމިޔާބުވާގޮތެއްނުވި އެވެ. މަރިޔަމް ރިފާ އާއި ފަދުވާ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް ނުކުރެވުނެވެ.

ރާއްޖޭގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނީ ފުރަތަަމަ ފަށައިގެން ވެސް އުނދަގޫތަކެއް ކުރިމަތިވެފައިވަނިކޮށް ދެ ވަަނަ ހާފަށް ނުކުތްތަނުން އަނެއްކާ ވެސް އިތުރު ހުރަސްތަކެއް ކުރިމަތިވީ ލަންކާ އިން ދެ ވަނަ ލަނޑެއް ޖެހުމުން ކަމަށެވެ.

"ޓީމުގެ ރޭވުން ދެ ވަނަ ހާފަށް ބަދަލުކޮށްގެން ނުކުތީ. އެކަމަކު ވަރަށް އަވަހަށް ދެ ވަނަ ގޯލެއް ވަނީމަ އުނދަގޫވީ. އެ ނޫންނަމަ ވަރަށް ކޮންފިޑެންސް އޮތް މޮޅުވެވޭނެ ކަމުގެ. އެކަމަކު ފުޓްބޯޅައިގައި ކޮންމެ ގޮތެއް ވެސް ވެދާނެ،" އޭނާ ބުންޏެވެ.

ރާއްޖޭން ވަނީ އެންމެ ފަހުން އޮތް މުބާރާތުގައި ސެމީ ފައިނަލުގައި ކުޅެފަ އެވެ. އާތީ މި ފަހަރުގެ މުބާރާތަށް ކަނޑައެޅި ޓާގެޓަކީ ފައިނަލަށް ދިއުމެވެ. އެކަމަކު އެކަން ހާސިލްނުވީ ފަހު ވަގުތުގައި ޓީމަށް އަނިޔާގެ މައްސަލަ ދިމާވެ ބަލިކަށިވުމުން ކަމަށް އޭނާ ބުންޏެވެ.

"މުބާރާތް ގާތް ވެފައިވަނިކޮށް އެންމެ މުހިއްމު ކުޅުންތެރިންގެ ތެރެއިން ތިން ކުޅުންތެރިންނަށް އަނިޔާވީ. އޭގެ ސަބަބުން އުނދަގޫ ހާލަތެއްގައި މުޅި ޓީމު ކުޅެން ޖެހުނީ އެކި މަގާމުތަކަށް އާ ކުޅުންތެރިން ލައިގެން. ވަރަށް ބޮޑަށް ޓީމު ބަދަލުކޮށްލައިގެން،" އާތީ ބުންޏެވެ.

މި ފަހަރުގެ މުބާރާތަށް ފަހު އާތީ ވަނީ އެންމެ ފަހުގެ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބާ ހަވާލުވާން ނިންމައިފަ އެވެ.

އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕްގައި ސްރީލަންކާ ވަނީ ރާއްޖެ އަތުން 5-2 އިން ބަލިވެފަ އެވެ. ސްރީލަންކާގެ ކޯޗު އަލްފޮންސޯ ބުނީ ޕްރެކްޓިހުގައި ރޭވިގޮތަށް ކުޅުންތެރިން ކުޅުނު ކަމަށާއި ތަޖުރިބާކާރު ކުޅުންތެރިން ފުރިހަމަ އަށް ޒިންމާ އަދާކުރި ކަމަށެވެ.