އޭޝިއަން ޔޫތު އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި މުންތަގިމް ރެފްރީކަންކޮށްފި

ހޮންކޮންގުގައި މިހާރު ކުރިއަށްދާ އޭޝިއަން ޔޫތު އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ގިނަ އިވެންޓްތަކެއްގައި ރާއްޖޭގެ އަހުމަދު މުންތަގިމް ރެފްރީކަންކޮށްފި އެވެ.


މިއީ އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތުލެޓިކްސް ފެޑެރޭޝަން (އައިއޭއޭއެފް) ގެ ލެވެލް ދޭއްގެ ރެފްރީ ފާސް، 2017 ވަނަ އަހަރު ހާސިލްކޮށް ސަރަހައްދީ މުބާރާތްތަކުގައި ރެފްރީކަންކުރުމުގެ ފުރުސަތު ލިބުނު ފަހުން އޭނާ އަށް ލިބުނު ދެ ވަނަ މުބާރާތެވެ.

މިދިޔަ އަހަރު ޖަޕާނުގައި އޮތް އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕުގައި ވެސް ރެފްރީކަންކުރި މުންތަގިމް މި ފަހަރުގެ މުބާރާތުގައި ވަނީ ގާތްގަނޑަކަށް ހުރިހާ އިވެންޓެއްގައި ވެސް ރެފްރީކަންކޮށްފަ އެވެ. އޭގެ ތެރޭގައި ޝޮޓްޕުޓް އުކުމާއި ޖެވެއިލިން އުކުމާއި ދުވުމުގެ އިވެންޓްތަކާއި ރާއްޖެ އަށް ވެސް މުޅިން އާ އިވެންޓެއް ކަމަށްވާ ޕޯލްވޯލްޓް ހިމެނެ އެވެ.

މުންތަގިމްގެ އިތުރުން ރާއްޖޭގެ އެހެން ޓެކްނިކަލް އޮފިޝަލުން ވަނީ މީގެ ކުރިން ދެކުނު އޭޝިއާގެ މުބާރާތްތަކުގައި ރެފްރީކަންކޮށްފަ އެވެ. އެ މުބާރާތްތަކަށް ކޮންމެ ގައުމަކަށް ވެސް ދެ ޓެކްނިކަލް އޮފިޝަލުން ފޮނުވުމުގެ ފުރުސަތުދެ އެވެ.

އެކަމަކު އޭޝިއާ އާއި ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކުން ފުރުސަތު ލިބެނީ ލެވެލް ދޭއްގެ ރެފްރީ ފާސް ހާސިލްކުރުމުންނެވެ. އެ ފާސް ނެގި ހަމައެކަނި ދިވެއްސަކީ މުންތަގިމެވެ. ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ މުބާރާތްތަކުގައި އޮފިޝަލް ކުރުމުގެ ފުރުސަތު ލިބޭ ލެވެލް އެކެއްގެ ކޯސް ރާއްޖޭގައި ހަތަރު ފަހަރެއްގެ މަތިން ހިންގައި ގިނަ ބަޔަކު ވަނީ އެ ފާސް ހާސިލްކޮށްފަ އެވެ.

އައްޑޫ އިންޓަ ސްކޫލް އެތުލެޓިކްސް މީޓުގައި 1996 ވަނަ އަހަރު އެންމެ ފުރަތަމަ އޮފިޝަލްކުރަން ފެށި މުންތަގިމަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު އެއް އެތުލެޓިކްސް ރެފްރީ އެވެ. ސްޕޯޓްސް ޑިވިޝަނުގައި 1995 ވަނަ އަހަރު ވަޒީފާއަދަކުރަން ފަށައި 1999 ވަނަ އަހަރުން ފެށިގެން އެތުލެޓިކްސް އެސޯސިއޭޝަނުގައި މަސައްކަތްކުރަމުން އަންނައިރު އޭނާ އަކީ 2008 ވަނަ އަހަރުން ފެށިގެން އެތުލެޓިކްސް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އެވެ. މިއީ އޭނާ އެ މަގާމް ފުރަމުން އަންނަ ތިން ވަނަ ދައުރެވެ.

ރާއްޖޭގެ ރެފްރީންނާއި އޮފިޝަލުން އަންނަނީ ބައިނަލްއަގްވާމީ މައިދާނުގައި ފަހަކަށް އައިސް ރަނގަޅު ހިސާބުތަކަށް ދަތުރުކުރަމުންނެވެ. އެންމެ ފުރަތަމަ ބޮޑު ޝަރަފެއް ހޯދީ 2002 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގައި ލައިންސްމަންކަން ކުރި ރާއްޖޭގެ މުހައްމަދު ސައީދެވެ. ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ އަހުމަދު ޝިހާމް (ޕުޗު) އޮފިޝަލްކޮށްފައިވާއިރު މިދިޔަ އަހަރު އޮލިމްޕިކްސްގައި އަލީ އަބްދުލް ކަރީމް (ޒޯލާ) ވަނީ އޮފިޝަލްކަންކޮށްފަ އެވެ. މި އަހަރު އޮތް އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުގައި ރާއްޖޭގެ ރެފްރީ ރިލްވާން އާދަމް އޮފިޝަލްކަންކޮށްފައިވާއިރު މިހާރު ކުރިއަށްދާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުގައި ރާއްޖޭގެ އަހުމަދު ޝާހިރު ވަނީ މެޗު ކޮމިޝަނަރަކަށް ހަމަޖައްސައިފަ އެވެ.