ކޮލިފިކޭޝަނަށް ޒުވާން ގައުމީ ޓީމު ފައިނަލްކޮށްފި

ސައުދީ އަރަބިއާގައި މި މަހު ބާއްވާ އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން ބުރުގައި ވާދަކުރާ ރާއްޖޭގެ ޒުވާން ގައުމީ ޓީމުގެ ސްކޮޑު ފައިނަލްކޮށްފި އެވެ.


ހަތާވީސް ކުޅުންތެރިންނާ އެކު ފިލިޕީންސްގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކުރަމުން އަންނަ ރާއްޖޭގެ ގައުމީ ޓީމުން ބާކީ ކުރީ އިސްމާއިލް ހަމްދޫން، ޒަޔާން ނަސީރު އަދި އިބްރާހިމް އިސްމާއިލް އެވެ. މީގެ ތެރެއިން އިބްރާހިމް އިސްމާއިލް ބާކީކުރީ އަނިޔާގެ ސަބަބުން ކަމަށް ޓީމުން ބުނެ އެވެ.

ޓީމުން ބާކީކުރި ޒަޔާނަކީ މިދިޔަ މަހު އޮތް ޔޫތު ޗެމްޕިއަންޝިޕްގައި ޓީސީ ސްޕޯޓްސް ކްލަބަށް މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔެކެވެ. ބެލެވޭގޮތުގައި ފައިނަލް ސްކޮޑުން އޭނާ އަށް ފުރުސަތު ނުލިބުނީ އެ މަގާމަށް ކުޅޭ ފެންވަރު ރަނގަޅު ކުޅުންތެރިން ތިބުމުންނެވެ.

އެ ތިން ކުޅުންތެރިނާ އެކު އެނބުރި މާލެ އަންނާނެ އަނެއް ކުޅުންތެރިއަކީ ޓްރެއިނިން ކޭމަޕަށް ހާއްސަ ފުރުސަތެއްގައި ދިޔަ ކީޕަރު ލަބާން ޝަރީފް އެވެ. ލަބާން ޓްރެއިނިން ކޭމްޕަށް ގެންދިޔައީ މި އަހަރު ކުރިއަށް އޮތް މުބާރާތްތަކާ މެދު ވިސްނުމަށް ފަހު އޭނާ އަށް ފެންވަރު ރަނގަޅު ޓްރެއިނިން އެއް ދިނުމުގެ ބޭނުމުގަ އެވެ. މި ފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ލަބާނަށް ފުރުސަތު ދިނުމުގެ ވިސްނުން އެބަހުރި ކަމަށް ސެގާޓް ވަނީ ބުނެފަ އެވެ.

ފިލިޕީންސްގައި ޒުވާން ގައުމީ ޓީމު ވަނީ ޓްރެއިނިން ކޭމްޕްގެ ތެރެއިން ތިން މެޗެއް ކުޅެފަ އެވެ. އެ ގޮތުން އެންމެ ފުރަތަމަ ސްޓެލިއޯން ލެގޫނާއާ ދެކޮޅަށް ކުޅުނު މެޗުން ވަނީ 1-1 އިން އެއްވަރުކޮށްފަ އެވެ. ދެ ވަނަ މެޗުން ފިލިޕީންސްގެ ފުރަތަމަ ޑިވިޝަން މެންޑޯލިއާ އަތުން 2-0 އިން މޮޅުވިއިރު، އިއްޔެ ކުޅުނު މެޗުން އަރެޔާނޯ ޔުނިވަސިޓީ ޓީމު އަތުން ޒުވާން ގައުމީ ޓީމު މޮޅުވީ 4-0 އިންނެވެ.

ޒުވާން ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މި ފަހަރުގެ ޓީމުގައި ސީނިއާ ކުޅުންތެރިންގެ ގޮތުގައި ހިމެނުނީ ގްރީން ސްޓްރީޓްސްގެ އަބްދުﷲ ޔާމީން އާއި ރިހާމް އަބްދުލް ގަނީ (ބޮބީ)، ނިއު ރޭޑިއަންޓުގެ އިބްރާހިމް އަތީގް (އިއްބެ)، މާޒިޔާގެ ހުސެން ޝަރީފް، ޓީސީގެ އައްޒާމް އަބްދުﷲ (އެޑޫ) އަދި އީގަލްސްގެ ހަސަން ރާއިފް (ހަންނަ) އެވެ.

ރާއްޖޭގެ ޒުވާން ކޯޗުންނަށް އިތުރު ފުރުސަތު ދިނުމުގެ ވިސްނުން އިސްކުރަން ޖެހޭ ކަމަށާއި އެ ގޮތުގެ މަތިން މި ފަހަރުގެ ކޮލިފިކޭޝަނުގައި ޓީމު ލީޑުކުރުމުގެ ޒިންމާ އެސިސްޓަންޓް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) އަށް ދޭނެ ކަމަށް ގައުމީ ޓީމުގެ ކޯޗު ޕީޓަ ސެގާޓް ވަނީ ބުނެފަ އެވެ.

މި ފަހަރުގެ ޒުވާން ގައުމީ ޓީމުގެ ސްކޮޑު ނެގުމުގައި ވެސް ޝާކިއްޓެ މުހިއްމު ދައުރެއް އަދާކުރި އެވެ. އަދި ފިލިޕީންސް ޓްރެއިނިން ކޭމްޕް ތެރެއިން ގައުމީ ކޯޗު ސެގާޓް މެލޭޝިއާގައި އޮތް ކޮންފަރެންސަކަށް ދިއުމުން ޓީމުގެ ޒިންމާއާ ހަވާލުވީ ޝާކިއްޓެ އެވެ.

ކޮލިފައިންގެ ފުރަތަމަ މެޗުގައި މި މަހު 22 ވަނަ ދުވަހު ނުކުންނާނީ ސައުދީއާ ދެކޮޅަށެވެ. އޭގެ އެއް ދުވަސް ފަހުން ދެ ވަނަ މެޗުގައި ޔޫއޭއީއާ ދެކޮޅަށް ކުޅޭނެ އެވެ. ފަހު މެޗުގައި ލެބަނަންއާ ބައްދަލުކުރާނީ މި މަހު 24 ވަނަ ދުވަހު އެވެ.

ޒުވާން ގައުމީ ޓީމުގެ ފައިނަލް ސްކޮޑު:

އަބްދުﷲ ޔާމީން (ޔާން)، ނަޝާހު އަހްމަދު (ނައްޓު)، އިބްރާހިމް އައިސަމް، އަލީ ހަމްދާން، އަލީ ޝަމާލް އަބްދުﷲ، އަލީ ސޮލާހް، އައްޒާމް އަބްދުﷲ (އެޑޫ)، މުހައްމަދު ފަރުހާން (ފަރުއްކޮ)، ހައިޝަމް ހަސަން، ހަސަން ނަޒީމް (ޗޯޓު)، ހުސައިން ޝަރީފް (ހުސެން)، އިބްރާހިމް އަތީގް ހަސަން (އިއްބެ)، މުހައްމަދު ޖައިލަމް (އޮގީ)، މުހައްމަދު ޝަހާއު، ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ)، ރިހާމް އަބްދުލް ގަނީ (ބޮބީ)، ޝައިފްﷲ އިބްރާހިމް، މަޖުދާން ސޯލިހް، ހަސަން ރާއިފް އަހްމަދު (ހަންނަ)، މުހައްމަދު ސާދު ނިޒާރު، މުހައްމަދު ނިޔާޒު، މުހައްމަދު ސިނާހް، އަލީ ނާޖިހު.