އިންޑިއާ އިން ރާއްޖޭގައި ކްރިކެޓް ސްޓޭޑިއަމެއް އަޅައިދޭން ނިންމައިފި

ރާއްޖޭގައި ކްރިކެޓް ސްޓޭޑިއަމެއް އަޅައިދޭން އިންޑިއާ ސަރުކާރުން ނިންމައިފި އެވެ.


ދެ ގައުމުގެ މެދުގައި ކުޅިވަރާއި ޒުވާނުންގެ ދާއިރާ އިން ގުޅުން ބަދަހި ކުރުމާ މެދު ކުރި މަޝްވަރާތަކުގައި ރާއްޖޭން އެދުނު އެދުން ފުރިހަމަކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ އަށް އިއްޔެ ވަޑައިގެންނެވި އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ޝުޝްމާ ސުވަރާޖް އެވެ.

ދާދި ފަހުން ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވަނީ އިންޑިއާ އިން ކްރިކެޓް ކުރިއެރުވުމަށް އެކި ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދޭ ޕްރޮގްރާމުގެ ތެރެއިން އެ ގައުމުގެ އެހީގައި ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ސްޓޭޑިއަމެއް އެޅުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.

މިހާރު ގައުމީ ފެންވަރުގެ ކްރިކެޓް މުބާރަތްތަކަށް ބޭނުންކުރަނީ ކުޅިވަރު އެކުވެނީ އެއް ނަމްބަރު ދަނޑެވެ. އެތަން ވަށައިގެން އޮންނަ ވެލި ޓްރެކަކީ އާއްމުން ކަސްރަތަށް އަދި ދާދި ފަހަކާ ޖެހެންދެއް ގައުމީ ދުވުންތެރިން ތަމްރީނަށް ބޭނުންކުރާތަނެވެ. އެހެންވެ ކްރިކެޓަށް ވެސް އަދި ދުވުންތެރިންނަށް ވެސް އިންތިހާ އަށް ދަތިތައް އޮންނަނީ ކުރިމަތިވެފަ އެވެ.

ރާއްޖޭގައި ހުނަރުވެރި ޒުވާން ކުޅުންތެރިން ތިބުމާ އެކު، ކްރިކެޓަށް ހާއްސަ، ޒަމާނީ ސްޓޭޑިއަމެއް ލިބިއްޖެ ނަމަ ކުޅުންތެރިން ކުރިއަރަން ވަރަށް ބޮޑަށް މަގުފަހިވާނެ ކަމަށް ކޯޗުން ބުނެ އެވެ. އަދި ރާއްޖެ ވަށައިގެން އޮތީ ކްރިކެޓުގެ ދުނިޔޭގެ ވަރުގަދަ ގައުމުތައް ކަމަށްވުމުން، ރާއްޖޭގައި ބައިނަލްއަގްވާމީ ސްޓޭޑިއަމެއް އޮވެއްޖެ ނަމަ ބައިނަލްއަގްވާމީ މެޗުތައް ބާއްވަން ވެސް ފަހިވެގެންދާނެ އެވެ. އެއީ މާލީ ގޮތުން ވެސް ލިބޭނެ ވަރަށް ބޮޑު ފައިދާއަކަށްވާނެ އެވެ.

ކްރިކެޓް ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ އަދި ދުނިޔޭގެ އެންމެ ވަރުގަދަ އެއް ކްރިކެޓް ލީގު އޮންނަ އިންޑިއާ އިން ދާދި ފަހުން ވަނީ ރާއްޖެއާ ގުޅިގެން 'މޯލްޑިވްސް އިންޑިއާ ކްރިކެޓް ސީރީޒް" ނަމުގައި ހާއްސަ މެޗުތަކެއް ބާއްވައިފަ އެވެ. އިންޑިއާގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ޔުވްރާޖް ސިންގް ހިމެނޭ އެއާ އިންޑިއާގެ ޓީމުން މާލެ އައިސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޓީމަކާއި ގައުމީ ކްރިކެޓް ޓީމާ ދެކޮޅަށް މެޗެއް ކުޅުނެވެ.

ރާއްޖޭގައި އަށްޑިހައިގެ އަހަރުތަކުން ފެށިގެން ނުވަދިހައިގެ އަހަރުތަކާ ހަމަޔަށް ކްރިކެޓުގެ ފޯރިގަދަ އެވެ. މަޝްހޫރު ގިނަ ކްލަބްތަކުގައި ކްރިކެޓް ޓީމެއް އޮވެ މުބާރާތްތަކުގައި ވާދަކުރިއިރު، މެޗުތައް ބަލަން ވެސް ގިނަ އަދަދަށް މީހުން ދެ އެވެ. އެކަމަކު ފަހަކަށް އައިސް ކްރިކެޓުގެ ފޯރިވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެކަމަކު މިހާރު ވެސް ގަވާއިދުން މުބާރާތްތައް ބާއްވައި އަދި ގައުމީ ޓީމުން ވެސް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރެ އެވެ. ރާއްޖޭގެ ގައުމީ ޓީމުން ވަނީ އޭޝިއާގެ ކުރިއަރަމުން އަންނަ ގައުމުތަކުގައި ބޭއްވި ދެ މުބާރާތެއްގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.