ކޮކާކޯލާ އިން ނަސްރުގެ ސްޕޮންސާޝިޕް އިތުރުކޮށްފި

ކޮކޯކާލާގެ ރާއްޖޭގެ އެމްބެސެޑަރަކަށް މިދިޔަ އަހަރު ހަމަޖައްސައި އެއް އަހަރުގެ ސްޕޮންސާޝިޕެއް ދިން ދުވުންތެރިޔާ ނަސްރުﷲ އަހުމަދުގެ ސްޕޮންސާޝިޕުގެ އެއްބަސްވުން އިތުރު އެއް އަހަރަށް އެ ކުންފުނިން އާކޮށްފި އެވެ.


ކޮކާކޯލާގެ ސްޕޮންސާޝިޕުގެ ދަށުން ނަސްރު ވަނީ މިދިޔަ އަހަރު ބައިނަލްއަގްވާމީ 13 މެރެތަންގައި ދުވެފަ އެވެ. މީގެ އިތުރުން ބޫޓާނުގައި ބޭއްވި ކްރޮސް-ކަންޓްރީ ދުވުމުގައި ރާއްޖެ ތަމްސީލްކުރި އެވެ.

އޭނާގެ އަމާޒަކީ މި އަހަރު 30 މެރެތަން ދުވުމެވެ. މިހާރު ވެސް 41 މެރެތަން ޖަހައިގެން އެންމެ ގިނަ މެރެތަން ނިންމި ދިވެހި ދުވުންތެރިޔާގެ ޝަރަފް އޮތް ނަސްރު އަށް އެ އަމާޒަށް ވާސިލްވެވިއްޖެ ނަމަ، އެއީ އާދަޔާހިލާފު ކާމިޔާބަކަށް ވާނެ އެވެ.

ސްޕޮންސާޝިޕުގެ ދަށުން ނަސްރު އަށް ކޮކާކޯލާ އިން މާލީ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. އަދި ކޮކާކޯލާ އިން ފިޓްނަސް ޕްރޮމޯޓްކުރުމަށްޓަކައި ސްކޫލްތަކާއި އެކިއެކި ތަންތަނުގައި ކުރިއަށްގެންދާ ޕްރޮގްރާމްތަކުގައި ނަސްރު ބައިވެރިވެ ކިޔަވައިދޭނެ އެވެ.

ނަސްރު ބުނީ ކޮކާކޯލާގެ ސްޕޮންސާޝިޕުގެ އިތުރުން، ދުވުން ކުރިއަށް ގެންދިއުމަށް ސިފައިންގޭގެ ޗީފް އަބްދުﷲ ޝަމާލާއި ދިވެހި ސިފައިންގެ ކްލަބުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭ ކަމަށެވެ.

ސިފައިންގެ ސްޓާފް ސާޖަންޓްގެ މަގާމުގައި ހުރި ނަސްރު ދުވުމުގެ ތެރެއަށް ވަނީ 2000 ގެ ކުރީކޮޅު އެވެ. ސިފައިންގެ ޔުނިޓްތަކުގެ މެދުގައި އޮތް އެތުލެޓިކްސް މުބާރާތެއްގެ 5000 މީޓަރު ދުވުމުގައި، ފަސް ވަނާގައި އޮވެ އެންމެ ފަހު 400 މީޓަރުގައި ހިފި ގޮތަށް ގޮސް ތިން ވަނަ ލިބުނު ހިސާބުން އޭނާގެ ސަމާލުކަން ދިގު ދުވުންތަކަށް ހުއްޓުނީ އެވެ. އަދި 2008 ގައި އޮތް އެމްޓީސީސީ މެރަތަން ރޭސް ވެސް ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ނިންމުމައި ދިގު ރާސްތާ ދުވުންތަކުގެ ތެރެއަށް ރަސްމީކޮށް ވަނެވެ.

ދުވުމުގެ އިތުރުން އޭނާ މިހާރު ވެސް އޮންލައިންކޮށް ކޯޗިން ޕްރޮގްރާމް ވެސް ހިންގަ އެވެ. މިވަގުތު ރާއްޖޭގައި އެންމެ ކުރިއަރަމުން އަންނަ މެރެތަން ދުވުންތެރިޔާ މުހައްމަދު ރަޝީދު (މޯޑް) ގެ ތަމްރީންތައް ވެސް ބައިނަލްއަގްވާމީ ކޯޗެއްގެ ބެލުމުގެ ދަށުން ކުރިއަށްގެންދަނީ ނަސްރު އެވެ.

ނަސްރު އަށް ސްޕޮންސާ ދިން ކޮކާކޯލާ އިން އަންނަނީ ރާއްޖޭގައި ބާއްވާ ދުވުމުގެ އެންމެ ބޮޑު އެއް ހަރަކާތް ކަމަށްވާ ޓީއެފްޖީ ލޯންގް ރަން 2013 ވަނަ އަހަރު ބާއްވަން ފެށީއްސުރެ ސްޕޮންސާކުރަމުންނެވެ. އެ ކުންފުނީގެ އެހީއާ އެކު، ލޯންގް ރަން މިހާރު ވަނީ މުޅި ރާއްޖެ އަށް ފުޅާކޮށް އައްޑޫ ސިޓީ އާއި ލ. އަތޮޅުގައި ވެސް ބާއްވައިފަ އެވެ.