މިއީ ދިވެހި ފުޓްބޯޅަ އަށް އަނދިރި ދުވަހެއް: މާއްޓޭ

ފުޓްބޯޅައިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ސަސްޕެންޑްކުރަން އެފްއޭއެމްގެ ކޮންގްރެސް އިން އިއްޔެ ނިންމުމަކީ ދިވެހި ފުޓްބޯޅަ އަށް އައި އަނދިރި ކަމެއް ކަމަށާއި، ކްލަބްތަކަށް ކުރިމަތިވާ މާލީ މައްސަލަތައް ހައްލުކުރާނެ މި ނޫން ގޮތްތަކެއް އޮންނާނެ ކަމަށް ވާދަވެރި ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ވައިސް ޗެއާމަން އަދި ކުރީގެ ކުޅުންތެރިޔާ މައުރޫފް އަހުމަދު (މާއްޓޭ) ވިދާޅުވެއްޖެ އެވެ.


ކުޅުންތެރިންނަށް މުސާރަ ނުދީގެން އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީން ނިއު އަށް ދީފައި އޮތް ސަސްޕެންޝަން ދަމަހައްޓަން އިއްޔެ އެފްއޭއެމްގެ ކޮންގްރެސް އިން ފާސްކުރިއިރު އެކަމާ ދެކޮޅަށް ވަކާލާތުކުރީ ނިއުގެ ޒަމާންވީ ވާދަވެރި ވިކްޓްރީ އާއި މަހިބަދޫ ސްޕޯޓްސް ކްލަބުންނެވެ. އެކަމަކު އަނެއް 11 ކްލަބުގެ ވޯޓާ އެކު އެފްއޭއެމްގެ ނިންމުން ދަމަހައްޓަން ފާސްވީ އެވެ.

"މިއީ ދިވެހި ފުޓްބޯޅައިގެ ތާރީހުގައި އަނދިރި ދުވަހެއް. ކުޅުންތެރިއެއްގެ ގޮތުގައި އަދި ކޯޗެއްގެ ގޮތުގައި އަޅުގަނޑު ހޭދަކުރި ފުޓްބޯޅައިގެ ދިގު ކެރިއަރުގައި ދުވަހަކު ވެސް ނިއު ރޭޑިއަންޓަށް ކުޅެފައެއް ނުވާނެ އަދި ކޯޗުކޮށްނުދެން. ނިއު ރޭޑިއަންޓަކީ ފުޓްބޯޅައިގައި އަޅުގަނޑުގެ ބޮޑު ވާދަވެރިޔާ. އެކަމަކު އަޅުގަނޑު ދުވަހެއްގެ ކޮޅުން ވެސް މި ޝަރަފްވެރި ކްލަބް ފުޓްބޯޅައިން ސަސްޕެންޑްކުރަން ތާއީދެއް ނުކުރާނަން،" މާއްޓޭ ވިދާޅުވި އެވެ.

އެންމެން އުފައްދާ ސުވާލަކީ އެތައް ކްލަބަކުން ކުޅުންތެރިންނަށް މުސާރަ ނުދީ އޮއްވާ ހަމައެކަނި ނިއު އަށް އަދަބު ދިނުމެވެ. ބައެއް އެހެން ކްލަބްތަކުގެ ކުޅުންތެރިން ވަނީ މުސާރައިގެ މައްސަލަތައް އެފްއޭއެމް އަށް ހުށަހެޅި ނަމަވެސް އެދެވޭ ޖަވާބެއް ނުދޭ ކަމަށް ބުނެފަ އެވެ.

މާއްޓޭ ވިދާޅުވީ މުސާރަ ނުދިނުމަކީ ރާއްޖޭގެ ކްލަބްތަކުގައި އާއްމު ކަމެއް ކަމަށާއި އޭގެ ސަބަބުން ކުޅުންތެރިންނާއި ކޯޗުންނަށް ދެކޮޅު ޖައްސަން އުނދަގޫތަކެއްވެފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެކަމަކު އެ ބޮޑު މައްސަލަ ހައްލުކުރުމަށްޓަކައި ކްލަބްތައް ސަސްޕެންޑްކުރި ނަމަވެސް ދަރަނިން ސަލާމަތްވުމުގެ ފުރުސަތު ނޯންނާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑަށް ޔަގީން މިފަދަ މައްސަލަތައް ހައްލުކުރާނެ އެހެން ގޮތްތައް ހުންނަން ޖެހޭނެކަން. އެއްވެސް ޝައްކެއް ނެތް، މިއީ ބޮޑު މައްސަލައެއް، މިކަން ހައްލުވާން ޖެހޭ،" މާއްޓޭ ވިދާޅުވި އެވެ.

މާޒިޔާ ފިޔަވައި އެހެން ހުރިހާ ކްލަބަކަށް މިދިޔަ ސީޒަނުގައި މާލީ މައްސަލަތައް ދިމާވެ މުސާރަ ނުދެވިދިޔަ އެވެ. އަދި ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ދެ ކްލަބެއް ފިޔަވައި ހުރިހާ ކްލަބަކުން މުސާރަ ނުދިނުމުގެ މައްސަލަތައް އެ ކޮމިޓީ އަށް ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި ނިއު ވުރެން މުސާރައިގެ މައްސަލަ ގިނަ ދުވަސްވީ ކްލަބްތައް ހުރި ކަމަށް އެފްއޭއެމްގެ ޕްލޭޔާ ސްޓޭޓަސް ކޮމިޓީއާ ހަވާލާދީ ނިއު އިން ވަނީ ބުނެފަ އެވެ.

އެ ހުރިހާ ކަމެއް ހުއްޓާ އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީން މިދިޔަ ޖެނުއަރީ މަހު ކުއްލި ގޮތަކަށް ނިއު ސަސްޕެންޑްކުރީ އެ ކޮމިޓީގެ މެމްބަރުންނާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިތުބާރުނެތްކަމުގެ މައްސަލައެއް ހުށަހަޅަން ތައްޔާރުވުމުންނެވެ. އެކްޓިން ސްޕޯޓްސް މިނިސްޓަރު އަދި ނިއުގެ ކުރީގެ ޗެއާމަން އަލީ ވަހީދު (ބަލަކް) ވެސް ވަނީ އެ ކްލަބް ސަސްޕެންޑްކުރީ އެފްއޭއެމްގެ ވެރިންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅުމުން ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

އެކަމަކު ބައްސާމް އިއްޔެގެ ކޮންގްރެސްގައި ވިދާޅުވީ ޖަވާބުގައި ބައްސާމް ވިދާޅުވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ރާއްޖޭގެ 10 ކުޅުންތެރިޔަކު ނިއުއާ ދެކޮޅަށް މުސާރައިގެ މައްސަލަ ހުށަހަޅާފައި އޮތް ކަމަށާއި އެކަމާ ގުޅިގެން މެނޭޖްމަންޓާ އެކު ބައްދަލުކޮށް އަދި ސިޓީ މެދުވެރިކޮށް އެންގި ނަމަވެސް ޖަވާބެއް ނުދިނުމުން ވަގުތީ ސަސްޕެންޝަނެއް ދިނީ ކަމަށެވެ. އަދި އޭރު އެ ކްލަބުން އެފްއޭއެމާ ދެކޮޅަށް މައްސަލައެއް ހުށަހެޅިކަން އެނގިފައިނުވާ ކަމަށާއި މި ސަސްޕެންޝަނުގެ ފަހަތުގައި ގޯސް ނިޔަތެއް ނެތް ކަމަށް ވިދާޅުވި އެވެ.