ރަން މެޑަލް ހޯދިއިރު ސާއިދު ބޭނުންކުރި ބޫޓު ރައީސަށް ހަދިޔާކޮށްފި

މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރާއްޖޭގެ ހަސަން ސާއިދު ރަން މެޑަލް ހޯދިއިރު، ބޭނުންކުރި ބޫޓް ރައީސް އަބްދުﷲ ޔާމީނަށް މިއަދު ހަދިޔާކޮށްފި އެވެ.


ނޫކުލައިގެ އެޑިޑާސް ބޫޓް އެމަނިކުފާނަށް ހަދިޔާކުރެއްވީ ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާގެ ޝަރަފް އޮންނަ ސާއިދެވެ. މި ރަސްމިއްޔާތުގައި ސާއިދުގެ އިތުރުން އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ތޮލާލާއި އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި އޮލިމްޕިކް ކޮމިޓީން ވަނީ ކުޅިވަރަށް ރައީސް ދެއްވާ ހާއްސަ ސަމާލުކަމުގެ އަގުވަޒަންކޮށް އެމަނިކުފާނަށް ހާއްސަ ހަނދާނީ ލިޔުމެއް އަރުވައިފަ އެވެ. ރައީސް ޔާމީން ވަނީ، މަރުޒޫގު ކުރެއްވި ޗެލެންޖެެއް ގަބޫލުކުރައްވައި ސާއިދާ އެކު މި ހަފުތާގައި ޓްރެއިނިން ސެސަޝަނެއް ވެސް ފުރިހަމަކުރައްވައިފަ އެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ހޯދި ރަން މެޑަލާ އެކު ސާއިދު ވެފައިވަނީ ބައިނަލްއަގްވާމީ ކުޅިވަރު ގޭމްސްއަކުން ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ހަމައެކަނި އެތުލީޓަށެވެ. މީގެ އިތުރުން ސާއިދު ވަނީ އެ ގޭމްސްގެ 200 މީޓަރު ރޭހާއި ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރާއި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައިފަ އެވެ. އަދި މި ދާދި ފަހުން ނިމުނު އޮލިމްޕިކްސްގެ 100 މީޓަރު ދުވުމުން ޕްރިލިލިމިނަރީ ބުރުގެ އެއް ވަނަ ހޯދި އެވެ.