ވާދަކުރާނެ ކެންޑިޑޭޓެއް ނެތުމުން އޭއެފްސީ ރައީސްކަން ޝެއިހް ސަލްމާން ދިފާއުކުރައްވައިފި

އަންނަ މަހު ހަ ވަނަ ދުވަހު ބާއްވާ އޭއެފްސީ އިންތިހާބުގައި ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވާ މިހާރު ނައިބު ރައީސް ގަތަރުގެ ސައުދު އަޒީޒް އާއި އޭއެފްސީގެ އެގްޒެކްޓިވް މެމްބަރަކަށް ހުންނެވި ޔޫއޭއީގެ މުހައްމަދު ހަލްފާން އަލް ރުމައިތީ ނަން ނެންގެވުމުން އޭއެފްސީގެ ރައީސްކަން ބަހްރޭނުގެ ޝެއިހް ސަލްމާން ބިން އިބްރާހިމް އަލް ހަލީފާ އަށް އޮޓޮމެޓިކުން ލިބިވަޑައިގެންފި އެވެ.


ޔޫއޭއީގެ އަލް ރުމައިތީ ވަނީ ނަން އަނބުރާ ގެންދެވުމަށް ފަހު ޝެއިހް ސަލްމާނަށް ތާއީދުކުރަން ނިންމަވައިފަ އެވެ. އަދި އިއްޔެ ގަތަރު ފުޓްބޯޅަ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސައުދު އަޒީޒް ވެސް ނަން ނެންގެވުމަށް ފަހު ޝެއިހް ސަލްމާނާ ގުޅިވަޑައިގެންފައިވާ ކަމަށެވެ.

ގަތަރުގެ އެފްއޭގެ ބަޔާނުގައިވާ ގޮތުން ޝެއިހް ސަލްމާން ވަނީ ސައުދު އަޒީޒްގެ ނިންމެވުމަށް ޝުކުރު އަދާކޮށް އެ ޓީމާ އެކު އަނެއްކާ ވެސް މަސައްކަތްކުރަން ނިންމި ނިންމުމަށް މަރުހަބާ ކިޔައިފަ އެވެ.

އޭޝިއާގެ ގިނަ ގައުމުތަކުގެ ރުހުމާ އެކު ޝެއިހް ސަލްމާނަށް މިހާރު ވަނީ އިތުރު ދައުރެއް ޔަގީންވެފަ އެވެ. މިއާ އެކު 2013 ވަނަ އަހަރު އޭއެފްސީ ރައީސްކަމަށް އެންމެ ފުރަތަމަ އިންތިހާބުވެވަޑައިގަތް ޝެއިހް ސަލްމާން 10 އަހަރު އޭއެފްސީގެ ރައީސްގެ މަގާމު ފުރުއްވާނެ އެވެ.

އޭއެފްސީގެ ރައީސް ޝެއިހް ސަލްމާން (ކ) އާއި ޔޫއޭއީގެ އަލް ރުމައިތީ. -- ފޮޓޯ: އޭއެފްޕީ

ދާދި ފަހުން ޝެއިހް ސަލްމާނަށް ތާއީދުކުރައްވާ އޮސްޓްރޭލިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން ބަޔާނެއް ނެރުނުއިރު، އެކަމާ ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވި އެވެ.

ބަހްރޭންގެ ފުޓްބޯޅަ ކުޅުންތެރިޔާ، މިހާރު އޮސްޓްރޭލިއާގެ ރަށްވެހިކަން ހޯދާފައިވާ ހަކީމް އަލް-އަރައިބީ ތައިލެންޑުގެ ޖަލުގައި ތާށިވި މައްސަލައިގައި ޝެއިހް ސަލްމާނުގެ މައްޗަށް ތުހުމަތުތަކެއް ކުރެވުނެވެ. އެއީ ހަކީމް އަކީ ޝެއިހް ސަލްމާނާ ދެކޮޅަށް ފާޅުގައި ކެމްޕޭންތައް ހިންގާ އެކްޓިވިސްޓެއްގެ ގޮތުގައި މަޝްހޫރުވެފައިވާއިރު، ހަކީމް މިނިވަން ވުމުގައި ލަސްތަކެއް ދިމާވީ ޝެއިހް ސަލްމާނާއި ބަހްރޭން ސަރުކާރުގެ ނުފޫޒުންކަމަށް ބުނެ ގިނަ ބަޔަކު ވަނީ އަޑުއުފުލައިފަ އެވެ، އެ މައްސަލައިގައި ވޯލްޑް ޕްލޭޔާސް އެސޯސިއޭޝަނުން ވަނީ ޝެއިހް ސަލްމާނާ ދެކޮޅަށް ވާހަކަ ދައްކައިފަ އެވެ.

ފީފާގެ އިންތިހާބުގައި 2016 ވަނަ އަހަރު ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގެންނެވި ނަމަވެސް ޝެއިހް ސަލްމާނަށް އޭއެފްސީގެ ގައުމުތަކުގެ ތާއީދު ބޮޑެވެ. އަދި އޭއެފްސީގެ ގިނަ ގައުމުތަކުން ޝެއިހް ސަލްމާނަށް ތާއީދުކުރަން ނިންމީ އޭޝިއާ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންގޮސްދޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށް އެ ގައުމުތަކުން ބުނެ އެވެ.