ދުނިޔޭގެ ރޭންކިންގައި ސާއިދަށް ބޮޑު ކުރިއެރުމެއް

އިންޓަނޭޝަނަލް އެސޯސިއޭޝަން ފޯ އެތުލެޓިކްސް ފެޑެރޭޝަން (އައިއޭއޭއެފް) އިން އަލަށް އެކުލަވާލި ރޭންކިންގައި ހިމެނުނު ރާއްޖޭގެ ހަމައެކަނި ދުވުންތެރިޔާ ހަސަން ސާއިދު މެލޭޝިއަން އޯޕަންގައި ހޯދި ނަތީޖާއާ އެކު 43 ޕޮއިންޓުގެ ކުރިއެރުމެއް ލިބިއްޖެ އެވެ.


ޖެނުއަރީ މަހު އެކުލަވާލި ރޭންކިންގައި ސާއިދު އޮތީ 1090 ޕޮއިންޓާ އެކު ފިރިހެނުންގެ 100 މީޓަރު ދުވުންތެރިންގެ ތެރެއިން 248 ވަނައިގަ އެވެ. މެލޭޝިއާ މުބާރާތުގައި ހޯދި ނަތީޖާއާ އެކު އޭނާ 1096 ޕޮއިންޓް ހަމަކޮށް މިހާރު އޮތީ 205 ވަނައިގަ އެވެ.

މެލޭޝިއަން އޯޕަންގެ ފައިނަލުގައި ސާއިދު 10.54 ސިކުންތުން ދުވެ ދިޔައީ ފަސް ވަނަ އަށެވެ. އެއް ވަނަ ހޯދީ 10.20 ސިކުންތުން ދުވި އިންޑޮނީޝިއާގެ ލާލޫ މުހައްމަދު ޒޯރީ އެވެ. ސާއިދު ފައިނަލަށް ހޮވުނީ ސެމީ ފައިނަލް ދެ ވަނަ ހީޓުގައި 10.55 ސިކުންތުން ދުވެ ތިން ވަނަ ހޯދައިގެންނެވެ.

ސާއިދު މިހާރު ތައްޔާރުވަމުން އަންނަނީ އޭޕްރިލް 19 އިން 24 އަށް ގަތަރުގައި ބާއްވާ އޭޝިއަން ޗެމްޕިއަންޝިޕުގައި ދުވުމަށެވެ. އިންޑިއާ ސަރުކާރުގެ އެހީގައި އެ ގައުމުގެ ބެންގަލޫރުގައި ހެދި ދެ މަސް ދުވަހުގެ ތަމްރީންތަކަށް ސާއިދާ އެކު ރާއްޖޭން ހަތް ދުވުންތެރިން އެ މުބާރާތުގައި ވާދަކުރާނެ އެވެ.

ސާއިދަކީ 2017 ވަނަ އަހަރު އިންޑިއާގައި އޮތް އޭޝިއަން ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުން ހަތަރު ވަނަ އެވެ. އެއާ އެކު ސާއިދު ވެގެން ދިޔައީ މަތީ ފަންތީގެ ކުޅިވަރަކުން އެންމެ ބޮޑު ކާމިޔާބެއް ހޯދި ދިވެއްސަށެވެ. އެ ފަހުރުވެރި ކާމިޔާބާއާ އެކު އޭނާ އަކީ އޭރު މި ބިޔަ އޭޝިއާގެ ހަތަރު ވަނަ އަށް އެންމެ ބާރު ދުވުންތެރިޔާ އެވެ. ސާއިދު ފިޔަވައި ދެކުނު އޭޝިއާގެ އެހެން އެތުލީޓަކަށް ފައިނަލުން ފުރުސަތެއް ނުލިބެ އެވެ. އެހެންކަމުން އޭނާ އޭރުވީ އޭޝިއާގެ އެތުލެޓިކްސް އެންމެ ޝަރަފްވެރި މުބާރާތުގެ އެންމެ ހާއްސަ އިވެންޓުގެ ފައިނަލުގައި ދެކުނު އޭޝިއާ ތަމްސީލްކުރި ދުވުންތެރިޔާ އަށް ވެސް މެ އެވެ.

އެއީ 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ހޯދި ރަން މެޑަލަށް ވުރެ ވެސް ނިސްބަތުން ބޮޑު ކާމިޔާބެކެވެ.

މި ފަހަރުގެ މުބާރާތުގައި ސާއިދުގެ އިތުރުން ވާދަކުރާނީ އިބްރާހިމް އަފްޝާން އަލީ (އައްޕި) އާއި ނުޖޫމް ހަސަން އާއި ހުސެއިން ފަޒީލް ހާރޫނާއި ސަރީސް އަހުމަދާއި އިބާދުﷲ އާދަމް އަދި ހުސެއިން ރިޒާ އެވެ.