18 އަހަރުން ދަށުގެ ސްކޫލް ފުޓްބޯޅަ ޗެމްޕިއަންކަން ވިލާ ހޯދައިފި

ސެންޓަަ ފޯ ހަޔަ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގެ މައްޗަށް 2-0 އިން ކުރި ހޯދައި ދިރާގު މަމެން 18 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް (ވީއަައިއެޗްއެސް) ހޯދައިފި އެވެ.


ގަލޮޅު ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗުގައި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މެޗު ބަލަން ގިނަ އަދަދެއްގެ ބަޔަކު ވަނީ ދަނޑަށް ވެސް ގޮސްފަ އެވެ. ރޭގެ މެޗުގައި ވިލާ އިން ފުރަތަމަ ގޯލު ޖެހީ ފުރަތަމަ ހާފުގެ ފަހުކޮޅުގަ އެވެ. ލިބުނު ޕެނަލްޓީ އަކުން މި ލަނޑު ޖެހީ އަހުމަދު ސަމާހު އެވެ.

ދެ ވަނަ ހާފްގައި ސީއެޗްއެސްއީން ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަހަމަކުރަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކާމިޔާބުވާގޮތެއްނުވި އެވެ. ނަތީޖާ އަކަށްވީ މެޗުގެ ފަހު ވަގުތު ވިލާ އިން އިތުރު ލަނޑެއް ޖަހައި މުބާރާތުގެ ޗެމްޕިއަންކަން ހޯދުމެވެ.

ދެ ވަނަ ހާފުގެ ފަހު މިނިޓްގައި ވިލާގެ މި ލަނޑު ކާމިޔާބުކުރީ އިބްރާހިމް އިމްރާން އެވެ. ސަމާހު ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު އިމްރާނަށް ދިން ބޯޅަ އޭނާ ވަނީ އޭރިއާ ބޭރުން ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިފަ އެވެ.

ވިލާގެ އިމްރާން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މުބާރާތުގެ އެންމެ މޮޅު 10 ކުޅުންތެރިންގެ ތެރޭގައި ޗެމްޕިއަން ވިލާ އިން ހިމެނެނީ އިމްރާން އާއި ސަމާހުގެ އިތުރުން އިސްމާއިލް މިމްރާހް މުއީން އާއި މުހައްމަދު ލޫތު އިބްރާހިމް އަދި ހަމްދޫން އަބްދުލް ލަތީފް އެވެ. ސީއެޗްއެސްއީން މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ މުބާރާތުގައި 12 ގޯލު ޖަހައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދި މުހައްމަދު މާއިޝް މައުސޫމް، މުހައްމަދު މިންވާލް އަދި އިސްމާއިލް ރިޔާޝް އެވެ. ދެން ހިމެނުނީ ގާޒީ ސްކޫލުގެ މިޖްދަފް އަބްދުލް މަޖީދާއި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ މުހައްމަދު ރައްޒާން އިބްރާހިމް އެވެ.

އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ލިބުނީ ވިލާގެ ހަސަން އަލީފް އިބްރާހިމް އެވެ. ހަތަރު މެޗު ކުޅުނުއިރު އޭނާ ކޮޅަށް ވަދެފައިވަނީ އެންމެ ގޯލެކެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމުގެ މަގާމު ހޯދީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުންނެވެ.

އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ވިިލާ އާއި ސީއެޗްއެސްއީ ބައްދަލުކުރި މެޗުގެ ތެރެއިން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު