ޓީސީގެ ގޯލު ބަލަހައްޓަން މި ފަހަރު ވެސް ކިރަން

ކުރިއަށް އޮތް ސީޒަނުގައި ވެސް ޓީސީ ސްޕޯޓްސް ކްލަބުގެ ގޯލް ބެލެހެއްޓުމުގެ ޒިންމާ ނޭޕާލުގެ ތަޖުރިބާކާރު ގޯލްކީޕަރު ކިރަން ޝެމްޝޮންއާ ހަވާލުކޮށްފި އެވެ.


މިދިޔަ އަހަރު މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި ހޮވި އަހަރުގެ އެންމެ މޮޅު ކީޕަރުގެ އެވޯޑާއި ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކީޕަރުގެ މަގާމު ހޯދި ކިރަން ޓީސީ އަށް ބަދަލުވީ އެހެން ޓީމުތަކުން ވެސް އޭނާ ހޯދަން މަސައްކަތްކުރަމުން އަންނަނިކޮށް ކަމަށް އެ ކްލަބުން ބުނެ އެވެ.

ރާއްޖޭގެ ކީޕަރުންނަށް ފުރުސަތު އިތުރުކުރުމުގެ ގޮތުން އެފްއޭއެމުން ވަނީ 2020 ވަނަ އަހަރުން ފެށިގެން ބިދޭސީ ކީޕަރުން ނުގެނެވޭ ގޮތަށް ހަދަން ނިންމައި މިދިޔަ އަހަރު އޮކްޓޫބަރު މަހު އެކަން އިއުލާނުކޮށްފަ އެވެ. އެގޮތުން ބަލާއިރު މި ސީޒަނަކީ ބިދޭސީ ގޯލްކީޕަރުން ލައިގެން ކުޅެވޭނެ ފަހު އަހަރެވެ.

ކިރަން އެންމެ ފުރަތަމަ ޓީސީ އަށް ކުޅުނު 2017 ވަނަ އަހަރު އެވެ. އެ ފަހަރު ޓީސީއާ ގުޅުމަށް ފަހު އޭނާ ވަނީ އެ ޓީމުން އެ އަހަރު ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕް ކާމިޔާބުކުރިއިރު، މޮޅު ކުޅުމެއް ދައްކައިފަ އެވެ. ފައިނަލް މެޗުން ޕެނަލްޓީ ޖަހައިގެން ޓީސީ މޮޅުވުމުގައި މުހިއްމު ދައުރެއް އަދާކުރީ ކިރަން އެވެ.

މިދިޔަ ސީޒަނުގައި ޓީސީން އެންމެ ފުރަތަމަ ކިރަން ނުގެނެ އެވެ. ސީޒަނުގެ ކުރީކޮޅުގައި ޓީސީގެ ގޯލުން ތަފާތު ތިން ކީޕަރުން ފެނުނެވެ. އޭއެފްސީ ކަޕްގެ ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުގައި ޓީސީން ގެނައި ބިދޭސީ ކީޕަރު ޑިމިޓްރީ އަސްނިން އަތަށް އަނިޔާވި ފަހުން އޭނާ ނުކުޅެ އެވެ. އޭގެ ފަހުން ޓީސީ މެޗުތަކުން ފެނުނީ ދިވެހި ދެ ކީޕަރުން ކަމަށްވާ އިފްރާހް އަރީފާއި އިބްރާހިމް ނަދީމް (ރިކޫ) އެވެ.

އުމުރުން 29 އަހަރުގެ ކިރަން މިދިޔަ ސީޒަނުގައި އެންމެ ފުރަތަމަ ކުޅުނީ އިންޑިއާގެ އައި ލީގުގެ މިނެރްވާ ޕަންޖާބަށެވެ. އެ ޓީމާ އެކު އޭނާ ވަނީ އިންޑިއާގެ އައި ލީގު ކާމިޔާބު ކޮށްފަ އެވެެ. ކިރަން ޓީސީ އަށް ބަދަލުވީ ޖޫން މަހުގެ ޓްރާންސްފާގަ އެވެ. އޭނާ ދެއްކި މޮޅު ކުޅުމާ އެކު ޓީސީން ވަނީ ފުރަތަމަ ފަހަރަށް ލީގު ކާމިޔާބުކޮށްފަ އެވެ. ކިރަން އަކީ އެއް އަހަރު ތެރޭގައި ސަރަހައްދުގެ ދެ ގައުމުގެ ލީގު ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

ސާފް ސުޒުކީ ކަޕްގެ މެޗެއްގެ ތެރެއިން ކިރަން. -- ފޮޓޯ: އިމޭޖަސް.އެމްވީ

ނޭޕާލު ގައުމީ ޓީމަށް 50 އަށް ވުރެން ގިނަ މެޗު ކުޅެދީފައިވާ ކިރަން އަކީ ސާފް ޗެމްޕިއަންޝިޕް މުބާރާތްތަކުގެ އިތުރުން ނޭޕާލް ކުޅުނު އެހެން ބައިނަލްއަގްވާމީ މުބާރާތްތަކުގައި މޮޅު ކުޅުމެއް ދެއްކި ކީޕަރެކެވެ. ކިރަން އެންމެ މޮޅު ކުޅުމެއް ދެއްކި އެއް މެޗަކީ 2012 ވަނަ އަހަރުގެ ނެހްރޫ ކަޕްގައި އިންޑިއާ އާއި ނޭޕާލް 0-0 އިން އެއްވަރުވި މެޗުގަ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކީ ވެސް އޭނާ އެވެ.

މިދިޔަ އަހަރުތަކުގައި ޓީސީ އަށް ކުޅުނު ބައެއް ފާހަގަކޮށްލެވޭ ކުޅުންތެރިން ވަނީ އެ ޓީމު ދޫކޮށް ގޮސްފަ އެވެ. އޭގެ ތެރޭގައި މާޒިޔާ އަށް ބަދަލުވި އިބްރާހިމް ވަހީދު ހަސަން (އިއްބެ)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަދި އަބްދުﷲ ހަނީފް (ބެންޖޯ) ހިމެނެ އެވެ. އަދި ޓީސީ އަށް ލީގު ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި އަލީ އަޝްފާގު (ދަގަނޑޭ) ވެސް މި ފަހަރު ފެންނާނީ ގްރީން ސްޓްރީޓްސް އިންނެވެ.

ޓީސީން ސޮއި ހޯދި ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އެވެ. މިދިޔަ އަހަރުތަކުގައި ޓީސީ އަށް ކުޅުނު ގިނަ ކުޅުންތެރިން ވަނީ އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުންތައް އާ ކޮށްފަ އެވެ. ޓީސީން އަންނަނީ އިތުރު ކުޅުންތެރިން ހޯދުމަށް ވެސް މަސައްކަތްކުރަމުންނެވެ.

ފާއިތުވި އަހަރުތަކުގައި ޓީސީ އަށް ކޯޗުކޮށްދިން މުހައްމަދު ނިޒާމް (ނިޒާމްބެ) ކުރިއަށް އޮތް ސީޒަނުގައި އެ ޓީމުން ނުފެންނާނެ އެވެ. ޓީސީން އެ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ކުރިން ފުރަތަމަ ޑިވިޝަންގެ ގިނަ ޓީމުތަކާއި ގައުމީ އަންހެން ޓީމުގެ ހެޑް ކޯޗެއްގެ މަގާމުގައި ހުރި މުހައްމަދު އާތިފް (އާތީ) އެވެ.

މި ފަހަރުގެ ފުޓްބޯޅަ ސީޒަން ފަށާނީ އަންނަ ޖޫން މަހުގަ އެވެ.