ކުޑަކުޑަ ކައިޓް ސާފަރު ހަންޓޭ އަށް ބައިނަލްއަގްވާމީ ސްޕޮންސަރެއް

ކައިޓްބޯޑްގެ ބައިނަލްއަގްވާމީ ބްރޭންޑެއް ކަމަށްވާ ސްލިންގްޝޮޓްގެ ރާއްޖޭގެ އެމްބެސެޑަރަކަށް ބ. ގޮއިދޫގެ ޒުވާން ހުނަރުވެރި ކައިޓް ސާފަރު ހަސަން މާހިރު (ހަންޓޭ) ހަމަޖައްސައިފި އެވެ.


މި ވަގުތަށް އެއް އަހަރަށް އެކަމަކު މުއްދަތު އިތުރުކުރެވޭ ގޮތަށް ސްލިންގްޝޮޓް މޯލްޑިވްސް އިން ހަންޓޭ އަށް ދިން ކޮންޓްރެކްޓުގެ ދަށުން އޭނާ އަށް ކައިޓްސާފިން ކިޓް ފޯރުކޮށްދިނުމުގެ އިތުރުން ތަމްރީން ފުރުސަތުތައް ހޯދައިދޭނެ އެވެ.

އުމުރުން 16 އަހަރުގެ ހަންޓޭ ބުނީ ދުނިޔޭގެ ބޮޑު ކުންފުންޏަކުން އޭނާ އަށް މިފަދަ އެހީތެރިކަމެއް ދިނުމުން ވަރަށް އުފާވެއްޖެ ކަމަށާއި އެކަމަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށެވެ.

"ހަޔާތުގައި އެންމެ އުފާވި އެއް ދުވަސް މިއީ،" ހަންޓޭ ބުންޏެވެ.

ހަންޓޭ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ސްލިންގްޝޮޓް މޯލްޑިވްސްގެ ވެރިޔާ އާސިމް މުހައްމަދު (ސިމްބެ) ބުނީ މިއީ ރާއްޖޭގެ ކައިޓް އެތުލީޓަކަށް، ހާއްސަކޮށް މިފަދަ ޒުވާން ކުއްޖަކަށް ރާއްޖޭން ބޭރުގެ މިފަދަ ސްޕޮންސާޝިޕެއް ލިބުނު ފުރަތަމަ ފަހަރު ކަމަށާއި މީގެ ބޭނުން ހަންޓޭ ފުރިހަމަ ގޮތުގައި ހިފާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

"ހަންޓޭ ކުރިން އިންޓަވިއުއެއްގައި ފާހަގަކުރި ސާމާނު ނުލިބުމުގެ ދަތިކަމޭ އެންމެ ބޮޑީ. އަޅުގަނޑުމެން މި އެއްބަސްވުމާ އެކު ކިޓް ފޯރުކޮށްދޭނަން. އަދި ޓްރެއިނިން ވެސް ހިމެނޭނެ. މަދުވެގެން އަހަރަކު އެއް ފަހަރު ވޯލްޑް ޗެމްޕިއަންއަކާ އެކު ޓްރެއިނިން ހަމަޖައްސައިދޭނަން،" ރާޅުގުޑިއާ ގުޅިގެން ރާއްޖެ އެކި ހިސާބުތަކުގައި ކައިޓް ސާފިން އާލާކުރަން މަސައްކަތްކުރާ ކުންފުނީގެ ފަރާތުން ސިމްބެ ބުންޏެވެ.

ބަދަލުގައި ހަންޓޭ ކޮށްދޭން ޖެހޭނެ ކަމަކީ މި ކުޅިވަރުގެ ތެރެއަށް އަލަށް ނުކުންނަން ބޭނުންވާ ކުދިންނަށް ދަސްކޮށްދިނުނެވެ. ބ. ގޮއިދޫގައި މިކަމަށް ޝައުގުވެރިވާ ބައިވަރު ކުދިން ތިބޭތީ، ހަންޓޭ އަށް އެކަން ކުރެވޭނެ އެވެ.

"އެހެން ކުދިންނަށް ދަސްކޮށްދޭނަން. އެހެން ކުދިންނަށް ބުނެލަން ބޭނުންވަނީ ނުކުންނާށޭ ކެރިގެން. މިކަން ވާނެޔޭ،" އަވަށްޓެހި ސްރީ ލަންކާގައި ވެސް ހުނަރުވެރިކަން ދައްކާލާފައިވާ ހަންޓޭ ބުންޏެވެ.

ސްޕޯޓްސް މިނިސްޓަރުގެ ނައިބް އަޒްމީލް (ވ) ހަންޓޭއާ ކިޓް ހަވާލުކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ޒުވާނުންގެ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ސްލިންގްޝޮޓްގެ ފަރާތުން ހަންޓޭއާ ކިޓް ހަވާލުކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރުގެ ނައިބް މުހައްމަދު އަޒްމީލް (އަޒޫ) އެވެ. އޭނާ ވިދާޅުވީ އެއްވެސް ކުޅިވަރެއް ބާކީނުވާ ގޮތަށް އާ ސަރުކާރުން ކަނޑައަޅާފައިވާ ޕޮލިސީގެ ދަށުން ވޯޓާ ސްޕޯޓްސް އަކީ ވެސް ވަރަށް އިސްކަންދޭ ކޮމްޕޯނެންޓެއް ކަމަށާއި އޭގެ ތެރެއިން ހުނަރުވެރި ތަރިން ހޯދައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

"ރާއްޖޭން ވެސް ދުނިޔޭގެ ފެންވަރުގެ ސްޓާ އެތުލީޓުން އުފައްދަން މަސައްކަތްކުރަމުން އަންނަނީ. އަޅުގަނޑުމެން ދެކޭ ގޮތުގައި ހަންޓޭ އަކީ ދުނިޔޭގެ ފެންވަރުގެ ކައިޓް ސާފަރެއް. ސަރުކާރުން ހުރިހާ ސަޕޯޓެއް ދޭނެ،" އަޒްމީލް ވިދާޅުވި އެވެ.

- އުއްމީދަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް

ސްރީ ލަންކާގައި ރެޑްބުލް އިވެންޓެއްގައި ހުނަރު ދައްކާލާފައިވާ ހަންޓޭ މިއަދު ބުނީ މިހާރުގެ އެންމެ ބޮޑު އުއްމީދަކީ ޖުލައި މަހު މޮރިޝަސްގައި އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރުން ކަމަށެވެ.

ރާއްޖޭގެ ވަރަށް ބޮޑު ބާރުއެޅުމަކާ އެކު ގޭމްސްގައި ހިމެނި މި ކުޅިވަރުން ސަރަހައްދީ މުބާރާތެއްގައި ވާދަކޮށްލަން ފުރުސަތު ލިބުމަކީ ރާއްޖޭގައި ކައިޓް ސާފިން އާލާވަމުން އަންނަ ދަނޑިވަޅެއްގައި ލިބޭ ރަނުގެ ފުރުސަތެއް ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ވަނީ ވިދާޅުވެފަ އެވެ.

"މިދިޔަ ފަސް ވަރަކަށް އަހަރަށް ބަލާއިރު ޔޫތު ޖެނެރޭޝަންގައި އެންމެ މަޝްހޫރު އެއް ކުޅިވަރު މިއީ. ބޮޑު މުބާރާތެއްގެ ކުރިން ސަރަހައްދީ މުބާރާތެއްގައި ވާދަކޮށްލަން ލިބުމަކީ ވަރަށް މުހިއްމު ފުރުސަތެއް. އަޅުގަނޑުމެންނަށް އެކުދިންނަށް އެހީވާނަން ވަރަށް ބޮޑަށް،" މަރޭ ކުރިން ވިދާޅުވެފައިވެ އެވެ.

ހަންޓޭ ކައިޓް ސާފްކުރަނީ.

ރާއްޖޭގެ ކައިޓް ސާފަރުންނަށް ބޭނުންވަނީ ރަނގަޅު ތަމްރީންތަކެއް ކަމަށާއި މަސައްކަތް ކޮށްފިއްޔާ ސަރަހައްދީ ފެންވަރުގައި އަދި ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކުގައި ވާދަކުރެވޭނެ ކަމަށް ދުނިޔޭގެ ޗެމްޕިއަން ނެދަލެންޑްސްގެ ޔޫރީ ޒޫން ވަނީ މީގެ ކުރިން ބުނެފަ އެވެ.

ހަންޓޭ ގިނަ ބަޔެއްގެ ލޮލުގައި އަޅައިގަތީ ވާރޭވެހި ގޮއިދޫގެ މަގުމަތީ ފެންބޮޑުވެފައި އޮތް ދުވަހެއްގައި ބައިސިކަލެއްގައި ވާފަށެއް އައްސައި އޭގައި ހިފައި ބޯޑަކުން، ފެންގަނޑުން ސާފްކުރަމުން ދިޔަ ވީޑިއޯއަކުންނެވެ. އެއަށް ފަހު ރަށުގެ ޒުވާނުންތަކެއް ހިންގާ ވޯޓާ ސްޕޯޓްސް ސެންޓަރަކަށް ގޮސް އެތަނުގެ އިންސްޓްރަކްޓަރުންގެ އެހީގައި ކައިޓްސާފިން ދަސްކުރީ ގާތްގަނޑަކަށް ތިން ދުވަހުގެ ތެރޭގަ އެވެ. އޭނާގެ އަތުގައި އެންމެ ފުރަތަމަ ހިފި ގޮއިދޫ ވޯޓަ ސްޕޯޓްސްގެ ސެންޓަރުގެ ހަސަން ނާޒިމް އޭރު ވެސް ބުނީ ހަންޓޭ އަށް ބޭނުންވާ ފުރިހަމަ ވަސީލަތްތަކާ އެކު، އެހީތެރިކަން ފޯރުކޮށްދީ ނަމަ އެއީ މުޅި ރާއްޖެ ސިއްސުވައިލާނެ ވަރުގެ ކުއްޖަކަށް ވާނެ ކަމަށެވެ.