ވޯލްޑް ކަޕް ކޮލިފައިން: ރާއްޖެ ދެ ވަނަ ބުރުގައި

ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕްގެ އޭޝިއާގެ ކޮލިފައިން ބުރުގައި މި ފަހަރު ވެސް ރާއްޖެއަށް ދެ ވަނަ ބުރުން ސީދާ ފުރުސަތު ލިބިއްޖެ އެވެ.


އެންމެ ފަހުން ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގެ ކޮލިފައިންގައި ވެސް ރާއްޖެ ވާދަކުރީ ދެ ވަނަ ބުރުން ފެށިގެންނެވެ. ކޮލިފައިންގެ ދެ ވަނަ ބުރުން ޖާގަ ލިބޭނީ ފީފާއިން ނެރޭ އެންމެ ފަހުގެ ދުނިޔޭގެ ރޭންކިން އަށް ބެލުމަށް ފަހު އެވެ. ދެ ވަނަ ބުރަށް ކޮލިފައިވާނީ އޭޝިއާގެ ރޭންކިން އަށް ބަލާއިރު ގަދަ 34 ޓީމެވެ. އެ ގޮތުން ރާއްޖެ މި ފަހަރު އޮތީ އޭޝިއާގެ 30 ވަނަ (ދުނިޔޭގެ 151 ވަނައިގަ) އެވެ.

ކޮލިފައިން ބުރުގެ ފުރަތަމަ ބުރުގައި ވާދަކުރާނީ އޭޝިއާގެ ރޭންކިން އަށް ބަލާއިރު، އެންމެ ފުލުގައި އޮތް 12 ޓީމެވެ. ދެކުނު އޭޝިއާ ސަރަހައްދަށް ބަލާއިރު ކޮލިފައިން ދެ ވަނަ ބުރުން ފުރުސަތު ލިބުނީ ރާއްޖޭގެ އިތުރުން އިންޑިއާ އާއި ނޭޕާލަށެވެ. ސްރީ ލަންކާ އާއި ބަންގްލަދޭޝް އާއި ބޫޓާން އަދި ޕާކިސްތާން ކުޅެން ޖެހެނީ އަންނަ ޖޫން މަހު ފަށާ ފުރަތަމަ ބުރުގަ އެވެ. ދެ ވަނަ ބުރުގެ މެޗުތައް ފަށާނީ އަންނަ ސެޕްޓެމްބަރު މަހުގަ އެވެ.

ވޯލްޑް ކަޕް ކޮލިފައިން މި ފަހަރު ވެސް ކުރިއަށްދާނީ 2023 ވަނަ އަހަރުގެ އޭޝިއަން ކަޕް ކޮލިފައިންއާ އެއްކޮށެވެ. އެ ގޮތުން ވޯލްޑް ކަޕް ކޮލިފައިންގެ ދެ ވަނަ ބުރުގައި ކުޅޭނީ 40 ޓީމު، އަށް ގްރޫޕަކަށް ބަހާލައިގެން ގްރޫޕެއްގައި ފަސް ޓީމު ހިމެނޭ ގޮތަށެވެ. ލީގު ފޯމެޓަށް ހޯމް އެންޑް އަވޭ އުސޫލުން ކުޅުމަށް ފަހު ކޮލިފައިންގެ ތިން ވަނަ ބުރުން ޖާގަ ލިބޭނީ ކޮންމެ ގްރޫޕެއްގެ އެއް ވަނަ އާއި ހުރިހާ ގްރޫޕަކަށް ބަލާއިރު އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ރަނަރަޕް ޓީމެވެ. ވޯލްޑް ކަޕް ކޮލިފައިންގެ ތިން ވަނަ ބުރުން ޖާގަ ލިބޭ ހުރިހާ ޓީމެއް އޭޝިއަން ކަޕަށް ވެސް ކޮލިފައިވާނެ އެވެ.

އެންމެ ފަހުން ރާއްޖެ ވާދަކުރި ކޮލިފައިން ގްރޫޕްގައި ހިމެނެނީ ޗައިނާ އާއި ގަތަރުގެ އިތުރުން ހޮންކޮން އަދި ބޫޓާން އެވެ. އެ ފަހަރު ކޮލިފައިންގައި ރާއްޖެ އަށް ލިބުނީ ދެ މޮޅެވެ. އެއީ ބޫޓާނާ ދެކޮޅަށް ކުޅުނު ދެ މެޗުންނެވެ. ކޮލިފައިންގެ ހަތަރު ވަނަ އަށް ދިޔަ ރާއްޖެ ވަނީ އޭޝިއަން ކަޕް ކޮލިފައިންގެ ފަހު ބުރުގައި ކުޅެފަ އެވެ.

އެހެން އަހަރުތަކެކޭ ހިލާފަށް މި ފަހަރުގެ ފުޓްބޯޅަ ސީޒަން ފަށަން ހަމަޖައްސާފައިވަނީ ޖޫން މަހު އެވެ. ފުޓްބޯޅަ ސީޒަނުގެ ކަލަންޑަރު އަދި އެފްއޭއެމުން އާންމުކޮށްފައިނުވާއިރު، ކަލަންޑަރާ ބެހޭ ގޮތުން ކްލަބްތަކާ އެކު ގިނަ މަޝްވަރާތަކެއް ވަނީ ބާއްވައިފަ އެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އިހުސާން އަބްދުލް ގަނީ (ސާންތީ) "މިހާރަ"ށް ވިދާޅުވީ ކަލަންޑަރާ ގުޅޭ އެންމެ ފަހުގެ ނިންމުންތައް ނިންމޭނީ އަންނަ ބުދަ ދުވަހު އޮންނަ އޭޝިއާގެ ވޯލްޑް ކަޕް ކޮލިފައިންގެ ގުރުއަތުލުން ނިމުމުން ކަމަށެވެ.

"މިހާރު ކްލަބްތަކަށް އަންގާފައިވާނީ ސީޒަން ފެށޭނެ ދުވަސްތަކާ އެ ހުރިހާ ކަމެއް. މީގެ ދެން އެންމެ ފައިނަލް މަސައްކަތް މިހާރު މިދަނީ. ވޯލްޑް ކަޕް ކޮލިފައިންގެ މެޗުތައް މީގެ ތެރެއަށް ވަންނާނެތީ. އެ ހުރިހާ ކަމެއް އެނގޭނީ ކޮލިފައިންގެ ގުރުއަތުލުން ބޭއްވީމަ. ފީފާ ދުވަސްތަކާއި ކޮލިފައިން މެޗުތަކަށް ދުވަސް ނަގާނެވަރު ނިންމާލޭވޭނެ އޭރުން،" ސާންތީ ވިދާޅުވި އެވެ.

ވޯލްޑް ކަޕް ކޮލިފައިންގެ އިތުރުން މި އަހަރު ދެން ރާއްޖޭގެ ގައުމީ ޓީމަށް އޮންނާނެ އަނެއް މުބާރާތްތަކަކީ އަންނަ ޖުލައި މަހު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި ޑިސެމްބަރު މަހު ނޭޕާލްގައި އޮންނަ ސައުތު އޭޝިއަން ގޭމްސް އެވެ.

މިދިޔަ އަހަރުގެ ސާފް ސުޒުކީ ކަޕްގެ ކާމިޔާބީ އަށް ފަހު ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ކްރޮއޭޝިއާގެ ޕީޓަ ސެގާޓް ފާހަގަކުރި އެއް ކަމަަކީ ބައިނަލްއަގްވާމީ ފެންވަރު ރަނގަޅު މެޗުތަކެއް ކުޅެން ދެކުނު އޭޝިއާގެ ގައުމުތަކަށް ލިބޭނެ އެންމެ ބޮޑު ފުރުސަތަކީ ވޯލްޑް ކަޕް ކޮލިފައިން ކަމެވެ. އަދި މި މެޗުތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފާ ގައުމަކަށް ބައިނަލްއަގްވާމީ ފެންވަރުގައި ގިނަ ކުރިއެރުންތަކެއް ހޯދޭނެ ކަމަށާއި ރާއްޖޭގައި އޮތް ޒުވާން ޓީމަށް ކޮލިފައިންގައި ރަނގަޅު ކުރިއެރުމެއް ހޯދޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

އެންމެ ފަހުން އޮތް ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ވަނީ ތަފާތު ތިން ކޯޗުންގެ އިރުޝާދުގެ ދަށުން ކުޅެފަ އެވެ. އެއީ ކުރިން ނިއު ރޭޑިއަންޓާ އެކު ގިނަ ކާމިޔާބީތަކެއް ހޯދި ވެލިޒާ ޕޮޕޯފާއި ކޯޗެއް ނެތި ހޭދަވި މުއްދަތުގެ ތެރޭގައި ޓީމަށް އިރުޝާދުދިން އެސިސްޓަންޓް ކޯޗު އިސްމާއިލް މަހުފޫޒް (އިންމަ) އަދި ފަހުން ޓީމާ ހަވާލުވި ނިއު ޒީލެންޑުގެ ރިކީ ހާބަޓް އެވެ.

ފަހުން އޭޝިއަން ކަޕް ކޮލިފައިންގައި ގައުމީ ޓީމަށް ކޯޗުކޮށްދިނީ އޮސްޓްރޭލިއާގެ ކޯޗު ޑަރެން ސްޓެވާޓް އެވެ.