އައިއޯއައިޖީ އަށް ކައިޓްސާފިންގެ ތަމްރީންތައް ފަށަނީ، ހަންޓޭ ނުހިމެނޭ

އޯ ލެވެލް އަހަރަށްވާތީ، ރާއްޖޭގެ އެންމެ ހުނަރުވެރި އެއް ކައިޓްސާފަރު ހަސަން މާހިރު (ހަންޓޭ) އަށް މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ވާދަކުރުމުގެ ފުރުސަތެއް ނެތެވެ. އެކަމަކު އޭނާ ނިސްބަތްވާ ބ. ގޮއިދޫގެ ޒަޔާން މުހައްމަދު ނާޒިމާއި ދ. މީދޫ ޒިޔާން އުމަރު ހިމަނައިގެން ޓީމު އެކުލާލަވައި ގޭމްސްތައް ތައްޔާރީތައް ފަށައިފި އެވެެ.


ރާއްޖޭގެ ވަރަށް ބޮޑު ބާރުއެޅުމަކާ އެކު، ޖުލައި މަހު މޮރިޝަސްގައި އޮންނަ އައިއޯއައިޖީގައި ކައިޓް ސާފިން ހިމެނުމާ އެކު މިއީ ހަންޓޭ އަށް ލިބިގެން ދިޔަ ރަނުގެ ފުރުސަތެއްގެ ގޮތުގައި ބެލެވުނެވެ. އެކަމަކު ތަމްރީންތަކާއި މުބާރާތަށް ގިނަ ދުވަސްތަކެއްގައި ރާއްޖޭން ބޭރަށް ދާން ޖެހޭތީ، އޭނާގެ ކިޔެވުމަށް ހުރަސް އެޅިދާނެތީ ނުގެންދަން ނިންމީ އެވެ.

އެސޯސިއޭޝަނެއް ނެތުމާ އެކު ކައިޓްސާފަރުން ވާދަކުރާނީ އޮލިމްޕިކް ކޮމިޓީގެ ދިދައިގެ ދަށުންނެވެ. އެކަމަކު ކުދިން ތަމްރީން ކުރުމުގެ މަސައްކަތުގައި "ރާޅުގުޑި" އިން އަންނަނީ އެހީވަމުންނެވެ. އެތަނުގެ ފަރާތުން އާސިމް މުހައްމަދު (ސިމްބެ) ބުނީ މިދުސްވަރު ވައި ހިނދިފައި އޮތުމުން ތަމްރީންތައް ނުފެށޭ ކަމަށާއި ވައި ލިބެން ފެށުމުން ރާއްޖޭގެ ކޮންމެވެސް ހިސާބެއްގައި ތަމްރީންތައް ފަށާނެ ކަމަށެވެ. އެއަށް ފަހު މޭ 15 އިން ފެށިގެން ސީޝެލްސްގައި ދެ މަސް ދުވަހުގެ ތަމްރީން ހަމަޖެހޭނެ ކަމަށް އޮލިމްޕިކް ކޮމިޓީން ވަނީ ބުނެފަ އެވެ.

"އަޅުގަނޑުމެން މިހާރު ސިލެކްޓްކޮށްފައިވާ ދެ ސާފަރުންނަކީ ވެސް ވަރަށް ހުނަރުވެރި އުއްމީދީ ދެ ސާފަރުން،" 18 އަހަރުގެ ޒަޔާނާއި 19 އަހަރުގެ ޒިޔާންއާ ބެހޭގޮތުން ސިމްބެ ބުންޏެވެ. "ހަންޓޭ އަށް ދެވެން ނެތީ، ޓެސްޓް އަހަރަށްވެފައި އެހާ ގިނަ ދުވަހު ބޭރަށް ނުފޮނުވޭނެތީ. އޭނާ އަށް ކުރިއަށް އޮތްތަނުގައި ފުރުސަތު ލިބޭނެ."

ރާއްޖޭގައި ވަރަށް ފަހުން އާލާވި އެކަމަކު މިހާރު ވަރަށް ބޮޑަށް މަގުބޫލުވެފައިވާ ކައިޓް ސާފިންގައި ދިވެހިންނަށް ކުރިމަގު އެބައޮތް ކަމަށް ދުނިޔޭގެ ޗެމްޕިއަން ނެދަލެންޑްސްގެ ޔޫރީ ޒޫން ވަނީ ބުނެފަ އެވެ. އޭނާ ބުނީ ރާއްޖޭގެ ކައިޓް ސާފަރުންނަށް ބޭނުންވަނީ ރަނގަޅު ތަމްރީންތަކެއް ކަމަށާއި މަސައްކަތް ކޮށްފިއްޔާ ސަރަހައްދީ ފެންވަރުގައި އަދި ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކުގައި ވާދަކުރެވޭނެ ކަމަށެވެ.

ޖުލައި 19-28 އަށް ބާއްވާ ގޭމްސްގައި ރާއްޖޭން އަމާޒުކޮށްފައިވަނީ 15 މެޑަލް ހޯދުމަށެވެ. އެންމެ ފަހުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭން ނުވަ މެޑަލަށް ޓާގެޓްކޮށް އަށް މެޑަލް ހޯދި އެވެ. އަދި އެ ފަހަރު ސާއިދު ވަނީ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައި ތާރީހުން ޖާގަ ހޯދައިފަ އެވެ. މި ގޭމްސްގައި ވާދަކުރާ ގައުމުތަކަކީ ރާއްޖެ އާއި މޮރިޝަސްގެ އިތުރުން ސީޝެލްސް، ރިޔޫނިއަން، މެޔޯޓް، މަޑަގަސްކަރަ އަދި ކޮމޮރޯސް އެވެ.