ތޮއްޑޫ ބްރައިޓް މުބާރާތް މުޅި ރާއްޖެ އަށް ހުޅުވާލައިގެން އީދުގައި ބާއްވަނީ

އއ. ތޮއްޑޫ ބްރައިޓް ކްލަބުން ކުޑައީދުގައި ބާއްވާ ޒަމާންވީ ފުޓްބޯޅަ މުބާރާތް "ބްރައިޓް ޗެލެންޖް ކަޕް" ބައިވެރިވުމުގެ ފުރުސަތު މުޅި ރާއްޖެ އަށް ހުޅުވާލައިފި އެވެ.


އެ ކްލަބުގެ އޮފިޝަލަކު ބުނީ މީގެ 26 އަހަރު ކުރިން ފެށި މުބާރާތް މިދިޔަ އަހަރު މުޅި ރާއްޖެ އަށް ހުޅުވާލުމުން ބައިވެރިވީ އެންމެ ޓީމެއް ކަމަށާއި އެކަމަކު މި އަހަރުގެ މުބާރާތަށް ޝައުގުވެރިކަން ފާޅުކޮށް މިހާރު ވެސް ދެ ތިން ޓީމަކުން ވާހަކަދައްކާފައިވާ ކަމަށެވެ. ބައިވެރިވުމުގެ އެންމެ ފަހު ދުވަހަކީ އަންނަ މޭ މަހުގެ 15 ވަނަ ދުވަހެވެ. ބައިވެރިވުމުގެ ފޯމް އެ ކްލަބުގެ ވެބްސައިޓް http://www.thoddoobrightclub.com އިން ލިބޭނެ އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 45،000ރ. އަދި ރަނަރަޕް ޓީމަށް 15،000ރ. ވަނީ ހުށަހަޅައިފަ އެވެ. ރަށުން ބޭރު ޓީމުތަކުން އެކޮމަޑޭޝަން އަމިއްލަ އަށް ހަމަޖައްސަން ޖެހޭއިރު، އެހެނިހެން އެހީތެރިކަން ބްރައިޓް ކްލަބުން ފޯރުކޮށްދޭނެ އެވެ.

ބްރައިޓް ޗެލެންޖް ކަޕުގެ މެޗެއްގެ ތެރެއިން.

މުބާރާތުގައި ވާދަކުރާ ޓީމުތަކުގައި ރަށުން ބޭރު ކުޅުންތެރިންނާއި ފުރަތަމަ ޑިވިޝަން ކުޅުންތެރިން ޖެހުމުގައި ވަކި ލިމިޓެއް މި ފަހަރު ނޯންނާނެ އެވެ. މިދިޔަ އަހަރު ވެސް މުބާރާތުގައި ފުރަތަމަ ޑިވިޝަނުގެ މަޝްހޫރު ބައެއް ކުޅުންތެރިން ކުޅެފައިވެ އެވެ. މިދިޔަ އަހަރު ތަށި ހޯދީ އަސްހަދު އަލީ (އަޑުބަރޭ) ކުޅުނު ޔަންގް ސްޓާ ޓީމުންނެވެ.

މި މުބާރާތާއި ތޮއްޑޫ ސޯސަން ކްލަބުން ބާއްވަމުން އައި މުބާރާތަކީ އެ ރަށުން ނަން މަޝްހޫރު ކުޅުންތެރިން އުފެދުމުގައި ހިއްސާ އޮތް މުބާރާތްތަކެވެ. ތޮއްޑޫ މުހައްމަދު ނިޒާމާއި މުޚުތާރު ނަސީރު (ޓޫކިލޯ) ފަދަ ކުޅުންތެރިން ނިސްބަތްވާ ސޯސަން ކްލަބުން މިހާރު މުބާރާތެއް ނުބާއްވަ އެވެ. އެހެންވެ ބްރައިޓް ޗެލެންޖް ކަޕަކީ އެ ރަށުގައި ބާއްވާ މަތީ ފެންވަރުގެ ހަމައެކަނި މުބާރާތެވެ. މި ދެ ޓީމަކީ ރާއްޖޭގެ އެއް ރަށަކަށް ނިސްބަތްވާ އެންމެ ވާދަވެރި ދެ ކްލަބެވެ. އެގޮތުން ދެ ކްލަބް ޒޯން މުބާރާތްތަކުގައި ވަކިން ވާދަކޮށް ފައިނަލް ބުރަށް ވެސް ހޮވިފައިވެ އެވެ. ބްރައިޓުން ނުކުތް އެންމެ މަޝްހޫރު އެއް ކުޅުންތެރިޔަކީ ވެލެންސިއާ އަށް ކުރިން ކުޅުނު އިބްރާހިމް ރަޝީދު (ބޮޑު ތޮއްޑޫ) އެވެ.