ރައީސްގެ ދަތުރުފުޅުން އިންޑިއާގެ އިތުރު އެހީއެއް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވޭތޯ ކުރަމުން އަންނަ މަސައްކަތަށް، އިންޑިއާ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފި އެވެ.


ރާއްޖޭން އެ ގޭމްސް ބޭއްވުމަށް ބިޑްކުރާނެ ކަމުގެ ފެހި ސިގްނަލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިން ދެއްވާފައިވާއިރު، ގޭމްސް ބޭއްވުމަށް ބޭނުންވާނެ ވަސީލަތްތައް ގާއިމްކުރުމުގެ މަގު އިންޑިއާ ސަރުކާރު މެދުވެރިކޮށް ފަހިވެގެން ދިޔައީ އެ ގައުމުގެ ކުޅިވަރުގެ އިސް ފަރާތްތަކާ އެކު އިއްޔެ ބެންގަލޫރުގައި ރައީސް ބޭއްވި ބައްދަލުކުރެއްވުންތަކުންނެވެ.

"ރައީސުލްޖުމްހޫރިއްޔާ އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި، 2023 ގައި ރާއްޖޭގައި އައިއޯއައިޖީ ބޭއްވުމަށް ބޭނުންވާ ކުޅިވަރު ފެސިލިޓީސް ގާއިމްކުރުމަށް ވަނީ މަގުފަހިވެގެން ގޮސްފައި،" ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވި އެވެ.

މިކަންކަމުގެ ތަފްސީލް ދިނުމަށް ނޫސްވެރިންގެ ބައްދަލުވުމެއް މިނިސްޓްރީން ވަރަށް އަވަހަށް ބާއްވާނެ އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ސަރުކާރަށް ހިޔާލުދީފައިވަނީ ކޮމިޓީއެއް ނަގައި، ރާއްޖޭގައި މިހާރު ހުރި ވަސީލަތްތައް ބަލައި ދެން ބޭނުންވާ ވަސީލަތްތަކަކީ ކޮބައިތޯ ބަލައި ފެންވަރު ރަނގަޅު ބިޑެއް ކުރުމަށް ކުރުމަށެވެ. އެކަމަށް ރައީސް ވަނީ މީގެ ކުރިން އިޖާބަ ދެއްވައިފަ އެވެ.

ދުވުންތެރިޔާ ހަސަން ސާއިދު: 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ރަން މެޑެއްޔެއް ހޯދި. --ފޮޓޯ: އޮލިމްޕިކް ކޮމިޓީ

ރާއްޖޭން މި އަހަރުގެ ގޭމްސް ބޭއްވުމަށް 2015 ވަނަ އަހަރު ޝައުގުވެރިކަން ފާޅުކުރި އެވެ. އެކަމަކު ވަގުތު ނެތުމާއި އަދި ސަރުކާރުގެ މާބޮޑު އެއްބާރުލުމެއް ނުލިބުމުން ކުރިއަށް ނުދިއައީ އެވެ.

މި ގޭމްސް އަކީ އެފްރިކާގެ އިރުމަތީ ބިތުގައި، އިންޑިއާ ކަނޑަށް ނިސްބަތްވާ ގޮތަށް އޮންނަ ޖަޒީރާ ގައުމުތަކުގެ މެދުގައި 1979 ވަނަ އަހަރުން ފެށިގެން އަންނަ ބޮޑު ކުޅިވަރު ހަރަކާތެކެވެ. ގޭމްސް ބާއްވާފައިވާ ގައުމުތަކަކީ ރިޔޫނިއަން އައިލެންޑްސް، މޮރިޝަސް، މަޑަގަސްކަރަ އަދި ސީޝެލްސް އެވެ. މީގެ ތެރެއިން 1993 އަދި 2011 ވަނަ އަހަރު ގޭމްސް ބޭއްވި ސީޝެލްސް އަކީ ލައްކައެއްހާ މީހުން ދިރިއުޅޭ ރާއްޖެ ފަދަ ޖަޒީރާއެކެވެ.

މި ގޭމްސް އަކީ ބައިނަލްއަގްވަމީ މައިދާނުގައި ރާއްޖެ އަށް އެންމެ ކާމިޔާބު ކުޅިވަރު ހަރަކާތެކެވެ. އެގޮތުން ރާއްޖެ އަށް ބައިނަލްއަގްވާމީ މަލްޓި ސްޕޯޓްސް މުބާރާތެއްގައި ލިބުނު ފުރަތަމަ ރަން މެޑަލް ދުވުންތެރިޔާ ހަސަން ސާއިދު ހޯދީ 2015 ވަނަ އަހަރުގެ ގޭމްސްގައި 100 މީޓަރު ދުވުމުންނެވެ. މީގެ އިތުރުން ބެޑްމިންޓަނާއި ޓޭބަލް ޓެނިހުން ވެސް ވަނީ މި ގޭމްސްގައި މެޑަލްތަކެއް ހޯދައިފަ އެވެ.

ޗެންނާއީ ސުޕަ ކިންގްސްގެ ކެޕްޓަން މަހިންދްރަ ސިންގަ ދޯނީ (ވ) ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރަމްޒީ ޖާޒީއެއް ހަދިޔާކުރަނީ.

ރައީސްގެ ދަތުރުފުޅަކީ އިންޑިއާގެ ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް (ބީސީސީއައި) ގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. އިއްޔެ ވަނީ ބީސީސީއައިގެ ސީއީއޯ ރާހުލް ޖޯހްރީ އާއި އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގެ ސީއޯއޯ ހެމަންގް އަމީންއާ ބައްދަލުކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގައި ވަނީ، ރާއްޖޭގައި ކްރިކެޓް ފުޅާކުރުމަށް އެސެސްމަންޓެއް ހަދައި ސްޓްރެޓެޖިކް ޕްލޭނެއްގެ މަސައްކަތްކުރުމަށް ބީސީސީއައި ގެ ވަފުދެއް ރާއްޖެ އަންނަ ގޮތަށް ނިންމައިފަ އެވެ. އިންޑިއާ ސަރުކާރުން މީގެ ކުރިން ވަނީ ރާއްޖޭގައި ކްރިކެޓް ސްޓޭޑިއަމެއް އަޅައިދޭން އެއްބަސްވެފަ އެވެ. މީގެ އިތުރުން ދެ ގައުމުގެ މެދުގައި ކްރިކެޓް ސިލްސިލާތަކެއް ބާއްވަން ރާވައި އޭގެ ތެރެއިން ފުރަތަމަ ސިލްސިލާ އަށް އިންޑިއާގެ މަޝްހޫރު ތަރި ޔުވްރާޖް ސިންގް ހިމެނިގެން އެއާ އިންޑިއާ ޓީމު ދާދި ފަހުން ރާއްޖެ އަ އެވެ. އެ ސިލްސާގެ މެޗެއްގައި ރައީސް ވެސް ކުޅުއްވި އެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ އައިޕީއެލްގައި ރޭ ޗެންނާއީ ސުޕަ ކިންގްސް އަތުން ރޯޔަލް ޗެލެންޖާސް ބެންގަލޯ މޮޅުވި މެޗު ބައްލަވާއްލައިފަ އެވެ. މެޗުގެ ކުރިން ދެ ރޯޔަލް ޗެލެންޖާސްގެ ކެޕްޓަން ވިރާތު ކޯލީ އާއި ސުޕަ ކިންގްސްގެ ކެޕްޓަން މަހިންދްރަ ސިންގް ދޯނީ ވަނީ ރައީސް ސޯލިހަށް، ދެ ޓީމުގެ ކުޅުންތެރިން ސޮއިކޮށްފައިވާ ޖާޒީ އާއި ކްރިކެޓް ބެޓެއް ހަދިޔާކޮށްފަ އެވެ. އިންޑިއާ އިން 2011 ވަނަ އަހަރު ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކުރިއިރު ކެޕްޓަންކަންކުރި ދޯނީ އާއި މިހާރުގެ ކެޕްޓަން ކޯލީ އަކީ ދުނިޔޭގެ އެންމެ މޮޅު ބެޓްސްމަނުންގެ ތެރޭގައި ހިމެނޭ ދެ ކުޅުންތެރިންނެވެ.