ސްކޮޑު ވަރުގަދަ، ގްރީންގެ އަމާޒު ހުރީ ތަށްޓަށް: ސުޒޭން

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ގްރީން ސްޓްރީޓްސް އިން ވަރުގަދަ ސްކޮޑަކާ އެކު ނުކުންނަނީ ތަށްޓަށް އަމާޒުކޮށްގެން ކަމަށް އެ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.


ގްރީން ސްޓްރީޓްސްއާ މިދިޔަ އަހަރު ހަވާލުވެ ސުޒޭން ވަނީ އެ ޓީމާ އެކު ގިނަ މެޗުތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. ފުރަތަމަ ޑިވިޝަނުގައި ތިން ވަނަ އަހަރަށް ކުރިމަތިލާއިރު ގްރީން ސްޓްރީޓްސް އަށް މިހާތަނަށް ފުރަތަމަ ޑިވިޝަނުގައި މުބާރާތެއް ކާމިޔާބު ނުކުރެވެ އެވެ. އެ ޓީމަށް ލިބުނު ހަމައެކަނި ކާމިޔާބީ އަކީ ޔޫތު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަމެވެ.

މި ފަހަރުގެ ސީޒަނަށް ގްރީން ސްޓްރީޓްސް އިން އާދިއްތަ ދުވަހު ވަނީ ފަރިތަކުރުންތައް ފަށައިފަ އެވެ. ގްރީން ސްޓްރީޓްސް އަކީ މި ސީޒަނަށް ޕްރެކްޓިސް ފެށި ދެ ވަނަ ޓީމެވެ. މާޒިޔާ އިން ވަނީ މިދިޔަ ހޮނިހިރު ދުވަހު ޕްރެކްޓިސް ފަށައިފަ އެވެ.

ސުޒޭން ބުނީ ދިގު ސީޒަނަކަށް ކުރިމަތިލުމަށް މަސައްކަތް ފަށާއިރު ގްރީންގައި އޮތީ ހިތްހަމަޖެހޭވަރުގެ ސްކޮޑެއް ކަމަށާއި ކާމިޔާބު ހޯދޭނެ ފެންވަރު ހުންނާނެ ކަމަށެވެ.

"ވަރަށް ރަނގަޅު ސްކޮޑަކާ އެކު ސީޒަން މި ފަށަނީ. މި ސީޒަނުގައި ގްރީން އިން ތަށްޓަކާ ހަމައަށް ދިއުން ކާމިޔާބީތަކެއް ހޯދުން އެއީ ވަރަށް ބޮޑު އަމާޒެއް. މި ވަރުގެ ޓީމަކާ އެކު ނަތީޖާ ވެސް ނެރެވެންޖެހޭނެ. ތަށި ވެސް ހޯދެންޖެހޭނެ. ގްރީންގެ ކޯޗަކަށް ކޮންމެ މީހަކު ހުރި ކަމުގައި ވިޔަސް މި ވަރުގެ ޓީމަކާ އެކު އެ ޕްރެޝަރު އޮންނާނެ،" ސުޒޭން ބުންޏެވެ.

ގްރީން ސްޓްރީޓްސް ވަރުގަދަ ކުރުމުގެ ގޮތުން އެ ޓީމުން ސޮއި ހޯދި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔަކީ އަލީ އަޝްފާގު (ދަގަނޑޭ) އެވެ. މިދިޔަ އަހަރު ފެށިއިރު ނިއު ރޭޑިއަންޓަށް ކުޅުނު ދަގަނޑޭ ވަނީ ފަހުން މުސާރަ މައްސަލައިގައި އެ ކްލަބް ދޫކޮށް ޓީސީ ސްޕޯޓްސް އަށް ބަދަލުވެފަ އެވެ. ޓީސީން ދިވެހި ޕްރިމިއާ ލީގު ހޯދިއިރު، ދަގަނޑޭގެ ދައުރު ބޮޑެވެ.

ދަގަނޑޭގެ އިތުރުން ގްރީން ސްޓްރީޓްސް އިން ވަނީ މުހައްމަދު އުމެއިރު، ރިހާމް އަބްދުލް ގަނީ (ބޮބީ)، ގާސިމް ސައްމާމު (ސައްމެ) އަދި އެ ޓީމުގެ ކުރީގެ ފޯވާޑް އަހުމަދު ރަޝީދު (އައްމަޑޭ) ގެނެސްފަ އެވެ. އަދި ހަސަން އަދުހަމް (ސަޑޭ) ވެސް ވަނީ ގްރީން ސްޓްރީޓްސްއާ ގުޅިފަ އެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗު ސުޒޭން: މިދިޔަ ސީޒަނުގެ މެޗެއްގެ ތެރެއިން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސުޒޭން ބުނީ ދަގަނޑޭ ހުރުމުގެ ހިތްހަމަޖެހުން ބޮޑު ކަމަށާއި ދެން ތިބީ ވެސް ތަފާތު ދެއްކޭނެ ފެންވަރުގެ ކުޅުންތެރިން ކަމަށްވާތީ އެއީ ޓީމު ކުރަން ޖެހޭ މަސައްކަތަށް ލިބޭނެ ކޮންމެވެސް ވަރެއްގެ ފަސޭހައެއް ކަމަށެވެ.

"ހަމަ ޔަގީނުން ވެސް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ (އަޝްފާގު)އާ އެއްކޮށް މަސައްކަތްކޮށްލުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށްވާނީ. ނަތީޖާ ނެރެން ޖެހޭ މުބާރާތަކަށް ސީޒަނަކަށް ނުކުންނައިރު. އުމެއިރު ވެސް އެބަހުރި. ހާއްސަކޮށް މިދިޔަ އަހަރުގެ ކެޕްޓަން އަޑޭ ވެސް އެބަހުރި. ގްރީން ވަރަށް ރަނގަޅުވާނެ. ނަތީޖާ އަށް ކުޅެން ޖެހޭއިރު ހުރިހާ އިރެއްގައި ވެސް އެކަން ކުރެވޭނެ ކުޅުންތެރިން އެބަތިބި،" ވިކްޓްރީ އާއި ވެލެންސިއާގެ ކުރީގެ ކުޅުންތެރިޔާ ސުޒޭން ބުންޏެވެ.

އޭނާ ބުނީ އެހެން ޓީމުތަކުން ވެސް ވަނީ ސްކޮޑު ވަރުގަދަ ކޮށްފައި ކަމަށާއި އެކަމަކު ގްރީންގައި އޮތީ އޭނާ އެންމެ ހިތްހަމަޖެހޭ ފަދަ ޓީމެއް ކަމަށެވެ.

ބޮޑު ބްރޭކަކަށް ފަހު ޕްރެކްޓިސް ފަށާއިރު ކުޅުންތެރިންގެ ފިޓްނަސް ކަންތައްތައް ރަނގަޅު ކުރަން މަސައްކަތްކުރަން ޖެހޭއިރު، ދެން ދިމާވާނެ އަނެއް ގޮންޖެހުމަކީ ރޯދަ މަސް ވަނުމުން އިތުރަށް ކެއުމާއި ކަންތައްތަކަށް އަންނަ ބަދަލު ކަމަށް ގިނަ ޓީމުތަކުން ފާހަގަކުރެ އެވެ. ސުޒޭން ބުނީ ދިމާވެފައި ހުރި މައްސަލަތަކުގެ ވާހަކަ ނުދައްކައި އިސްކުރަންވީ ފުޓްބޯޅަ އަށް ފައިދާ ހުރި ގޮތަކަޑށް ކުރިއަށް ދިއުމަށް ކަމަށެވެ.

"މީގެ މައްސަލައިގެ ވާހަކަ ދެއްކުމުގެ މާނައެއް ނެތް. އާ ސީޒަނަކަށް ބޮޑު އުއްމީދަކަައިގެން ނުކުންނައިރު ހަމަ ހުރިހާ ޓީމެއް ރާއްޖޭގެ ފުޓްބޯޅަ އަށް ފައިދާހުރި ގޮތަކަށް ވިސްނުން ގެންގުޅެގެން ތައްޔާރުވުން ރަނގަޅީ،" ރާއްޖޭގައި މި ވަގުތު ހުރި އެންމެ ކާމިޔާބު އެއް ކޯޗު ކަމަށްވާ ސުޒޭން ބުންޏެވެ.

މިދިޔަ ސީޒަނުގައި ވެސް ސުޒޭން ވަނީ ގްރީން ސްޓްރީޓްސްގައި ތިބި ޒުވާން ކުޅުންތެރިންނަށް ގިނަ ފުރުސަތުތަކެއް ދީފަ އެވެ. މި ފަހަރުގެ ސީޒަނާ ކުރިމަތިލާއިރު ގްރީން ސްޓްރީޓްސްގައި ޒުވާން އާ ކުޅުންތެރިންތަކެއް އެބަހުރި ކަމަށާއި އެ ކުޅުންތެރިންގެ މަސައްކަތާއި އެ ހުރިހާ ކަމަކަށް ބެލުމަށް ފަހު އެ ކުޅުންތެރިންނަށް ފުރުސަތު ދޭނެ ކަމަށެވެ.

މި އަހަރުގެ ފުޓްބޯޅަ ސީޒަން ފަށަން ނިންމާފައިވަނީ އަންނަ ޖޫން މަހު އެވެ. މިއީ އަހަރުގެ މެދުތެރޭގައި ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާ ފުރަތަމަ ފަހަރެވެ. މި ފަހަރުގެ ކަލަންޑަރާ ގުޅޭ މަޝްވަރާތައް ނިމި ކްލަބްތަކާ ހިއްސާކޮށްފައިވީ ނަމަވެސް ރަސްމީކޮށް އަދި އެފްއޭއެމުން ކަލަންޑަރު އިއުލާން ނުކުރެ އެވެ.