ސާއިދަށް ފައިނަލުން ފުރުސަތު ނުލިބުނު

ގަތަރުގެ ދޯހާގައި ކުރިއަށްދާ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުން ރާއްޖޭގެ ހަސަން ސާއިދަށް ފައިނަލުން ފުރުސަތެއް ނުލިބުނެވެ.


ސެމީ ފައިނަލުގެ ފުރަތަމަ ހީޓުގައި ރޭ ސާއިދު ދުވީ 10.56 ސިކުންތުންނެވެ. އޭނާ ދިޔައީ ހީޓުގެ ހަ ވަނަ އަށެވެ. ފައިނަލުން ފުރުސަތު ލިބޭނީ ހީޓުގެ އެންމެ ބާރު ދެ ދުވުންތެރިންނަށެވެ. މި ހީޓުން އެ ފުރުސަތު ލިބުނީ 10.18 ސިކުންތުން ދުވި ޖަޕާނުގެ ޔަމަގަޓާ ރަޔޯޓާ އާއި 10.25 ސިކުންތުން ދުވި ދެކުނު ކޮރެއާގެ ކިމް ކުކްޔަންގެވެ.

ސާއިދު ވަނީ 2017 ވަނަ އަހަރު އިންޑިއާގައި ބޭއްވި އޭޝިއަން ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުގެ ފައިނަލުގައި ވާދަކޮށް ހަތަރު ވަނަ އަށް ރޭސް ނިންމައިފަ އެވެ. އެ ފަހަރުގެ ކާމިޔާބީއާ އެކު ސާއިދު ވެގެން ދިޔައީ މަތީ ފަންތީގެ ކުޅިވަރަކުން އެންމެ ބޮޑު ކާމިޔާބެއް ހޯދި ދިވެއްސަށެވެ.

މުބާރާތުގައި ސާއިދު ދެން ދުވާނީ 100 މީޓަރު އަދި 400 މީޓަރު ރިލޭ އެވެ. ސާއިދަށް ދެން އޮތް ބޮޑު މުބާރާތަކީ ޖުލައި މަހު މޮރިޝަސްގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އެވެ. އޭނާ ވަނީ 2015 ވަނަ އަހަރު ބޭއްވި މުބާރާތުގެ 100 މީޓަރު ދުވުމުން ރަން މެޑަލް އަދި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައިފަ އެވެ.