26 އަހަރަށް ފަހު 5000 މީޓަރު ދުވުމުގެ ރެކޯޑް ފަޒީލް މުގުރާލައިފި

މީގެ 26 އަހަރު ކުރިން 1993 ވަނަ އަހަރުގެ ސާފް ގޭމްސްގައި ހުސެއިން ރިޔާޒް ސަމަދު (ބޭބެ ރިޔާ) ހަދާފައިވާ 5000 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް، މިހާރު ކުރިއަށްދާ އޭޝިއަން ޗެމްޕިއަންޝިިޕުގައި ހުސެއިން ފަޒީލް ހާރޫން ރޭ މުގުރާލައިފި އެވެ.


ކުރީގެ މަޝްހޫރު ދުވުންތެރިޔާ ބޭބެ ރިޔާ 15.36 މިނެޓުން ދުވެގެން ހެދި ރެކޯޑް ފަޒީލް މުގުރާލީ 15:30 މިނެޓުން ދުވެގެންނެވެ. ފަޒީލް ރޭސް ނިންމީ 18 ވަނަ އަށެވެ. މި އިވެންޓުން ރަން މެޑަލް ހޯދީ 13:37 މިނެޓުން ދުވި ބަހުރޭނުގެ ބެލިއު ބިރްހަނޫ އެވެ. ރިހި މެޑަލް ހޯދީ އެ ގައުމުގެ ރޮޕް އަލްބާޓެވެ. އޭނާ ރޭސް ނިންމީ 13:37 މިނެޓުންނެވެ. ލޯ މެޑަލް ހޯދީ 13:45 މިނެޓުން ދުވި ޖަޕާނުގެ މަޓްސުއެޑާ ހިރޯކީ އެވެ.

މި ރެކޯޑާ އެކު ފަޒީލް އަތުގައި 5000 މީޓަރު ދުވުމާއި 1000 މީޓަރު ދުވުން އަދި އެ ދެ އިވެންޓުގެ ޓްރެކުން ބޭރު ރޭސްތައް ކަމަށްވާ 10 ކިލޯމީޓަރު ދުވުމާއި ފަސް ކިލޯމީޓަރު ދުވުމުގެ ގައުމީ ރެކޯޑް ވެސް ހަމަވީ އެވެ. މީގެ ތެރެއިން 5000 މީޓަރު، ފަސް ކިލޯމީޓަރު އަދި 10000 މީޓަރު ދުވުމުގެ ރެކޯޑް އޭނާ މުގުރާލާފައިވަނީ، އެކަން ނުކުރެވި އެތައް އަހަރެއް ފާއިތުވީ ފަހުންނެވެ.

އެގޮތުން 5000 މީޓަރު ދުވުމުގެ ޓްރެކުން ބޭރު އިވެންޓް ކަމަށްވާ ފަސް ކިލޯ މީޓަރު ދުވުމުގެ ރެކޯޑް އޭނާ 2016 ވަނަ އަހަރުގެ ދިރާގު މޯލްޑިވްސް ރޯޑްރޭހުގައި މުގުރާލީ 27 އަހަރަށް ފަހު އެވެ. އެ ރެކޯޑް ފަހުން ޝިފާޒް މުހައްމަދު މުގުރާލާފައިވަނިކޮށް ފަޒީލް އަލުން އޭގެ ހައްގުވެރިކަން ހޯދީ މިދިޔަ އަހަރުގެ މާޗު މަހު މޮރޮކޯގައި ބޭއްވި ރޭހެއްގައި 15:50 މިނެޓުން ދުވެގެންނެވެ.

މިދިޔަ އަހަރުގެ ދިރާގު މޯލްޑިވްސް ރޯޑްރޭހުގައި ފަޒީލް ދުވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގެ 10،000 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް މިހާރު ކުރިއަށްދާ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ހޯމަ ދުވަހު އާކުރި ފަޒީލް އެ ރެކޯޑް 2017 ވަނަ އަހަރުގެ މުބާރާތުގައި މުގުރާލީ 28 އަހަރަށް ފަހު އެވެ. އެއީ 1989 ވަނަ އަހަރު ހުސެއިން ހަލީމް (ކުޑަހުސެން) ހަދާފައި އޮތް ރެކޯޑެކެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ ގައުމީ މުބާރާތުގައި ވެސް ރެކޯޑް އާކުރުމަށް ފަހު ތިން ވަނަ ފަހަރަށް އާކުރީ އޭޝިއަން ޗެމްޕިއަންޝިޕުގައި ހޯމަ ދުވަހު 32:46 މިނެޓުން ދުވެގެންނެވެ.

އޭނާ އެ އިވެންޓުގެ ޓްރެކުން ބޭރު ރޭސް ކަމަށްވާ 10 ކިލޯމީޓަރުގެ ރެކޯޑް އެންމެ ފުރަތަމަ ހެދީ 2017 ވަނަ އަހަރުގެ މާޗު މަހު މޮކޮރޯގެ އުޖްޑާ އިންޓަނޭޝަނަލް ޓެން-ކޭ ރޭސް 33:47 މިނެޓުން ނިންމައިގެންނެވެ. ދެ ވަނަ ފަހަރަށް އާކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު މޮރޮކޯގެ މެކްނެސްގައި ބޭއްވި ސެމީ މެރެތަން އިންޓަނޭޝަނަލްގައި 31:48 ސިކުންތުން ދުވެގެންނެވެ. ކުރީގެ ދުވުންތެރިޔާ ނަސީރު އިސްމާއިލް 1999 ވަނަ އަހަރުގެ މާލޭ މެރެތަންގައި 35:05 މިނެޓުން ދުވެގެން ހެދި ރެކޯޑް ޒަމާންތަކަށް ފަހު 2017 ވަނަ އަހަރު ޒައިދު ޝަރީފް މުގުރާލީ 34:40 މިނެޓުން ދުވެގެންނެވެ.

ދުވުމުގެ ތެރެއަށް 2015 ވަނަ އަހަރު ނުކުތް ފަޒީލަކީ 2016 ވަނަ އަހަރުގެ ގައުމީ އެތުލެޓިކްސް މުބާރާތުގައި ވިދާލި ދުވުންތެރިއެކެވެ. އެ މުބާރާތުގެ 5000 މީޓަރު، 800 މީޓަރު އަދި 1500 މީޓަރު ދުވުމުން އެއް ވަނަ ހޯދި ދުވުންތެރިޔާ އިތުރު ހަރުފަތަކަށް އަރަން ފުރުސަތު ލިބުނީ އޮލިމްޕިކް ކޮމިޓީން 2017 ވަނަ އަހަރުގެ އަހަރުގެ ޖެނުއަރީ މަހު އޭނާ މޮރޮކޯ އަށް ފޮނުވުމުންނެވެ. އޭރު އޭނާ އުއްމީދުކޮށްގެން ހުރީ މިދިޔަ އަހަރުގެ އޭޝިއަން ގޭމްސްގައި ދުވެ 5000 މީޓަރު ދުވުމުން ގަދަ ފަހެއްގައި ހިމެނުނުން ނުވަތަ 15 މިނެޓަށް ވުރެ އަވަހަށް ރޭސް ނިންމުމެވެ. އެކަމަކު ޓައިމް ޓްރަޔަލުގައި ބައިވެރިނުވުމުން ކަމަށް ބުނެ އެތުލެޓިކްސް އެސޯސިއޭޝަނުން އޭނާ އަށް އެ މުބާރާތުން ފުރުސަތެއް ނުދެ އެވެ.

އޭގެ ފަހުން ފަޒީލް ވަނީ މިދިޔަ އަހަރުގެ ގައުމީ އެތުލެޓިކްސް މުބާރާތުގައި 5000 މީޓަރު، 10،000 މީޓަރު އަދި 1500 މީޓަރު ދުވުމުން އެއް ހޯދައި އެންމެ މޮޅު މޮޅު ފިރިހެން އެތުލީޓުގެ މަގާމް ހޯދައިފަ އެވެ. މި ފަހަރުގެ އޭޝިއަން ޗެމްޕިއަންޝިޕުގައި ވާދަކުރަނީ އެތުލެޓިކްސް އެސޯސިއޭޝަނުން ޓީމަށް ހޯދައިދިން ފުރުސަތެއްގައި އިންޑިއާގައި ހެދި ތަމްރީންތަކަށް ފަހު އެވެ.