ނިއު ރޭޑިއަންޓުގެ ހިދުމަތްތެރިޔާ އަލީ ޝަރީފް އަވަހާރަވެއްޖެ

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކުރީގެ ހިދުމަތްތެރިޔާ އަދި އެންމެ ފުރަތަމަ އެކުލަވާލި ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިޔާ ހ. ޔެލޯރޯސް އަލީ ޝަރީފް ރޭ އަވަހާރަވެއްޖެ އެވެ.


އުމުރުފުޅުން 66 އަހަރުގައި އޭނާ އަވަހާރަވީ ގިނަ ދުވަސްވީ އާލާސްކަންފުޅެއްގައި އުޅުއްވުމަށް ފަހު އެވެ. އޭނާގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭގެ އިޝާ ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.

އަލީ ޝަރީފް 1992 ވަނަ އަހަރު ކާފަދަރީންނަށް އެޑްރެސްކުރައްވައި މަޖީދިއްޔާ ސްކޫލުގެ ޓައިމް ކެޕްސޫލަށް ލެއްވި އަސަރުގަދަ ސިޓީ މިދިޔަ ހަފުތާގައި ފެނި، އެއަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބުނެވެ. އެ ސިޓީ ފެނުނީ، އެ ސްކޫލަށް 100 އަހަރު ފުރުމުން ނަގާގޮތަށް ވަޅުވި އެ ކެޕްސޫލް ގެއްލިއްޖެ ކަމަށް ބެލެވި، އޭތި ފެނޭތޯ މިދިޔަ ދަރުމަވަންތަ ސްކޫލުގެ ގޯތިތެރެ ކޮންނަނިކޮށެވެ.

އަލީ ޝަރީފް (ވ) ބޭފުޅުން ކަމަށްވާ ފަރީހާ (ކ) އާއި މުހައްމަދު ޝަރީފް (ކ-2) އާއި މާރިޔާ (ވ-2) އަދި އައްބާސް ޝަރީފް (ކ-ކޮޅަށް).

އެ ސިޓީގައި އަލީ ޝަރީފް ވަނީ އޭނާގެ ޒުވާން ދުވަސްވަރު މާލެތެރެ އޮތްގޮތް ސިފަކުރައްވައި އަދި އެ ރީތި ވެށި އަނެއް ޖީލަށް ފޯރުކޮށްނުދެވުނީތީ އެކަމާ ހިތާމަކުރައްވައި މައާފަށް އެދިވަޑައިގެންފަ އެވެ.

"އެ ދުވަސްވަރު މާލޭގެ ރީތިކަން ދަރިފުޅަށް ސިފަކޮށްދޭނީ ވެސް ކިހިނެއް ހެއްޔެވެ؟ މާ އުސް އިމާރާތްތަކެއް ނެތް ނަމަވެސް މާލޭގެ ވަށައިގެން ބޮޑެތި ގަސްތައް ހެދިފައި ހުރެ އެވެ. ކުޅިވަރު ކުޅޭނެ ހުސް ބިންތައް އޮވެ އެވެ. ކޮންމެ މިސްކިތެއްގެ ވަޅުން ވެސް ކަރު ހިއްކުން ފިލާވަރަށް ފެން ބޯލާކަށް ބަލާނެ ކަމެއް ނެތެވެ. އަދި މީރު ފެނުން ކޮންމެ ގެއަކުން ވެސް ފެންވަރާލެވެ އެވެ،"

އެ ސިޓީގެ ވާހަކަތައް އަލީ ޝަރީފްގެ ބޭފުޅުން އޭނާއާ ހިއްސާކުރެއްވި އެވެ. އެކަމަކު އާލާސްކަންފުޅާ އުޅުއްވާތީ ސިޓީ ބެއްލެވޭތީ ގޮތެއް ނުވި އެވެ.

އެ ސިޓީގައި ސިފަކޮށްދެއްވާފައިވާ ދުވަސްވަރު އަލީ ޝަރީފަކީ ބާސްކެޓްބޯޅަ އާއި ހޮކީގެގެ ވިދުންގަދަ ތަރިއެކެވެ. ރާއްޖޭގައި ކުޅިވަރު އާލާކުރެއްވުމަށް މަރްހޫމް މުހައްމަދު ޒާހިރު ނަސީރު އުފެއްދެވި އެންއެސްއޭ އިން ބޭއްވި އެއް ވަނަ އަދި ދެ ވަނަ ބާސްކެޓްބޯޅަ މުބާރާތް ރޭޑިއަންޓް ކްލަބުން ކާމިޔާބުކުރެއްވި އިރު އޭނާ މުހިއްމު ދައުރެއް އަދާކުރެއްވި އެވެ. ނަތީޖާއަކަށްވީ ރިޔޫނިއަންގައި 1979 ވަނަ އަހަރު ބޭއްވި ފުރަތަމަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރުމަށް އެކުލަވާލި ގައުމީ ބާސްކެޓްބޯޅަ ޓީމުން ފުރުސަތު ލިބިވަޑައިގަތުމެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރި ގައުމީ ބާސްކެޓްބޯޅަ ޓީމާ އެކު އަލީ ޝަރީފް (ވ-5).

ރޭޑިއަންޓް އުވި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަން 1979 ވަނަ އަހަރު އުފެދުމާ އެކު އެ ކްލަބާ ގުޅިވަޑައިގެން ގައުމީ ފެންވަރުގައި ހޮކީ ކުޅުއްވި އެވެ. ފަހުން އުޅުއްވީ ހިންގުމުގެ ތެރޭގަ އެވެ. އެ ކްލަބުގެ ހަޒާންދާރުގެ މަގާމް ގިނަ ދުވަސްތަކެއްގައި ފުރުއްވި އެވެ.

ރާއްޖޭގެ ކްލަބުން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީ ކަމަށްވާ 2005 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ތިން ވަނަ މަގާމް ނިއު ހޯދިއިރު އަލީ ޝަރީފަކީ ކްލަބުގެ އެންމެ ސީނިއާ އެއް އޮފިޝަލެވެ. އެއީ ރާއްޖޭގެ ކްލަބެއް މިހާތަނަށް ދަރަނިވެރިނުވެ ފައިދާގައި ސީޒަނެއް ނިންމާލި ފުރަތަމަ އަދި ހަމައެކަނި އަހަރެވެ.

އަލީ ޝަރީފް (ކ-5) 2006 ވަނަ އަހަރުގެ އެފްއޭ ކަޕް ކާމިޔާބުކުރި ނިއު ރޭޑިއަންޓުގެ ސްކޮޑާ އެކު.

އަލީ ޝަރީފްގެ ބޭފުޅުންގެ ތެރެއިން ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފް ވަނީ ނިއުގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރުކަން ކުރައްވައިފަ އެވެ. ދެން ތިއްބެވި ބޭފުޅުންނަކީ ކޮމިއުނިކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ޝަރީފާއި ބޭންކް އޮފް މޯލްޑިވްސްގެ ކުރީގެ ޗެއާޕާސަން ފަރީހާ ޝަރީފާއި ރާއްޖޭގެ ހަމައެކަނި އަންހެން ރިޒޯޓް މެނޭޖަރު މާރިޔާ ޝަރީފެވެ.

ސަރުކާރަށް ވެސް ހިދުމަތްކުރައްވާފައިވާ އަލީ ޝަރީފް ފަހުން ބޯޓް ދަތުރުކުރައްވަން އުޅުއްވުމަށް ފަހު، ފަހަކާ ޖެހެންދެން މަސައްކަތްކުރެއްވީ އާއިލީ ވަޑާންގޭގައި، ކާޕެންޓްރީ އާއި ކޮންސްޓްރަކްޝަން މަސައްކަތް ހިންގެވުމުގަ އެވެ.