އެފްއޭއެމުން މާޒިޔާ އާއި ޓީސީ އަށް ޓްރެއިނިން ކޭމްޕެއް ހަމަޖައްސައިދެނީ

މި އަހަރުގެ އޭއެފްސީ ކަޕުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުނު ދިވެހި ދެ ކްލަބް ކަމަށްވާ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބަށް ބަދަލެއްގެ ގޮތުން، އާ ސީޒަނަށް ތައްޔާރުވުމަށް ރާއްޖޭން ބޭރުން ދެ ހަފުތާގެ ޓްރެއިނިން ކޭމްޕެއް ހަމަޖައްސައިދޭން އެފްއޭއެމުން ނިންމައިފި އެވެ.


ވީޓީވީގެ "ވީ ސްޕޯޓްސް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ވިދާޅުވީ އޭއެފްސީ ކަޕުން ޖާގަ ނުލިބުނީތީ އެއަށް ދެވެން އޮތް ދެ ޓީމަށް ބޭރުގެ ގައުމަކަށް ފޮނުވައިގެން ޓްރެއިނިން ކޭމްޕެއް ހަމަޖައްސައިދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން ޓީސީ އާއި ދެ ވަނަ ހޯދި މާޒިޔާ އަށް އޭއެފްސީ ކަޕަށް މި އަހަރު ނުދެވުނީ ކްލަބް ލައިސަންސް ނުލިބުމުންނެވެ. ލައިސަންސް ހޯދަން ލިޔެކިޔުން ހުށަނޭޅުނީ އެފްއޭއެމްގެ އިހުމާލުން ކަމަށް ކްލަބްތަކުން ބުނި ނަމަވެސް އެފްއޭއެމުން އޭރު ބުނީ ކްލަބްތަކުގެ މައްސަލަ ވެސް އެބައޮތް ކަމަށެވެ.

ބައްސާމް ވިދާޅުވީ ޓްރެއިނިން ކޭމްޕެއް ހަމަޖެއްސުމަށް ބަލަމުން އަންނަނީ ގަތަރާއި ކުވޭތާއި ޔޫއޭއީ އާއި ސައޫދީ އަރަބިއާ އަދި މެލޭޝިއާ ފަދަ ގައުމުތައް ކަމަށެވެ. އަދި އެ ދެ ކްލަބުން ބޭނުންވަނީ ރޯދައިގެ ފަހު ފަސް ދުވަހުން ފެށިގެން ދެ ހަފުތާގެ ކޭމްޕެއް ކަމަށާއި އެގޮތަށް ބަލައިގެން އިންތިޒާމްތައް ހަމަޖައްސަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ޖޫން މަހު ފަށާ ސީޒަނަށް ތައްޔާރުވާން މީގެ ތެރެއިން މާޒިޔާ އިން މިހާރު އަންނަނީ އދ. މަހިބަދޫގައި ޕްރީ ސީޒަން ތަމްރީންތައް ހަދަމުންނެވެ. ޓީސީން ވަނީ މާލޭގައި އިއްޔެ ޕްރެކްޓިސް ފަށައިފަ އެވެ.

މާޒިޔާ އަކީ އާ ސީޒަނަށް އެންމެ ވަރުގަދައަށް ތައްޔާރުވި ޓީމެވެ. ކުރީގެ ކޯޗު މެސެޑޯނިއާގެ މަރްޔަން ސެކުލޮސްކީގެ ބެލުމުގެ ދަށުން ތައްޔާރުވަމުން އަންނަ މާޒިޔާ އިން ވަނީ ޓީސީގެ އަބްދުﷲ ހަނީފް (ބެންޖޯ) އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އާއި ނިއު ރޭޑިއަންޓުގެ އަހުމަދު އަބްދުﷲ (ލިލީ) އަދި ހަމްޒާ މުހައްމަދު (ހަމްޕު) ގެނެސްފަ އެވެ.

ބެންޖޯ އާއި ދެ އިއްބެގެ އިތުރުން އަލީ އަޝްފާގް (ދަގަނޑޭ) ވެސް ޓީސީ ދޫކޮށްލާފައިވާއިރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ވެސް ވަނީ ކޮންޓްރެކްޓް އާނުކުރަން ނިންމައިފަ އެވެ. ގައުމީ އަންހެން ޓީމުގެ ކުރީގެ ކޯޗު އަހުމަދު އާތިފް (އާތީ) އާ އެކު ސީޒަނަށް ތައްޔާރުވާ ޓީމަށް ގެނެސްފައިވާ ފާހަގަކޮށްލެވޭ ކުޅުންތެރިންނަކީ ނޭޕާލުގެ ޒުވާން ފޯވާޑް ބިމަލް ގާތީ މަގަރު އާއި ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްގަނީ އެވެ.