ސާއިދާއި ހިމްނާ އަށް ކާމިޔާބު ދުވަހެއް

މެދުކެނޑުމަކަށް ފަހު ބާއްވާ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ އޯޕަން ބައިގެ 100 މީޓަރު އަދި 200 މީޓަރު ދުވުމުގެ ރޭސް ހަސަން ސާއިދާއި އައިޝަތު ހިމްނާ ހަސަން ކާމިޔާބުކޮށްފި އެވެ.


ރާއްޖޭގެ އެންމެ ކާމިޔާބު ދުވުންތެރިޔާ ސާއިދު، 15 އަހަރުން މައްޗަށް ހާއްސަކޮށްފައިވާ އޯޕަން ބައިގެ، 100 މީޓަރު ރޭހުން އެއް ވަނަ އިއްޔެ ހޯދީ 10.97 ސިކުންތުން ދުވެގެންނެވެ. ސާއިދު ދިވެހި ސިފައިންގެ ކްލަބަށް ދުވިއިރު، މި ރޭހުގެ ދެ ވަނަ އާއި ތިން ވަނަ ހޯދީ އޭނާގެ އަމިއްލަ ކްލަބެއް ކަމަށްވާ ސާއިދު ސްޕޯޓްސްގެ ދެ ދުވުންތެރިންނެވެ. އެއީ 11.26 ސިކުންތުން ދުވި ސަރީސް އަހުމަދާއި 11.39 ސިކުންތުން ދުވި ނުޖޫމް ހަސަނެވެ.

100 މީޓަރު (15 އަހަރުން ދަށް)

ފިރިހެން - އީޒާން އަހުމަދު (ކޭވައި ސްޕޯޓްސް އެކަޑަމީ) – 12.40 ސިކުންތު

އަންހެން - މަރިޔަމް ރުޔާ އަލީ (ކުޑަހުސެން ސްޕޯޓްސް) – 13.94 ސިކުންތު

މާލޭ އެކުވެނި ޓްރެކުގައި ކުރިއަށްދާ މުބާރާތުގެ އަންހެނުންގެ 100 މީޓަރު ދުވުން ކްލަބް ރައިވެރިޔާގެ ހިމްނާ ކާމިޔާބުކުރީ 13.25 ސިކުންތުން ދުވެގެންނެވެ. ކްލަބް މުގޫ ސްޕޯޓްސްގެ ނަޝާ ނިޒާރު 13.42 ސިކުންތުން ދުވެ ދެ ވަނަ ހޯދިއިރު ތިން ވަނަ އަކީ 13.66 ސިކުންތުން ދުވި ރައިވެރިޔާގެ މަރިޔަމް އަލްހާ ހުސެއިން އެވެ.

ސާއިދު 200 މީޓަރު ދުވުމުން އެއް ވަނަ ހޯދީ 22.39 ސިކުންތުން ދުވެގެންނެވެ. ދެ ވަނަ އަކީ 22.65 ސިކުންތުން ދުވި ސަރީހެވެ. ތިން ވަނަ ހޯދީ 23.49 ސިކުންތުން ދުވި ސާއިދު ސްޕޯޓްސްގެ އިބްރާހިމް އަޝްފާން އަލީ (އައްޕި) އެވެ. މި އިވެންޓުގެ އަންހެން ބައިގެ އެއް ވަނަ ހިމްނާ ހޯދާފައިވަނީ 27.49 ސިކުންތުން ދުވެގެންނެވެ. ދާންދޫ ސްކޫލުގެ ސާރާ މަސްއޫދު 28.57 ސިކުންތުން ދުވެ ދެ ވަނަ ހޯދިއިރު ތިން ވަނަ އަކީ 29.07 ސިކުންތުން ދުވި ރައިވެރިޔާގެ އަލްހާ އެވެ.

5000 މީޓަރު ދުވުމުން އެއް ވަނަ ހޯދީ ފަޒީލް. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އޯޕަން ކެޓަގަރީގެ 5000 މީޓަރު ދުވުމުން އެއް ވަނަ ހޯދީ އެ އިވެންޓުން ދާދި ފަހުން އޭޝިއަން ޗެމްޕިއަންޝިޕުގައި ގައުމީ ރެކޯޑް މުގުރާލި ހުސެއިން ފަޒީލް ހާރޫނެވެ. ދިވެހި ސިފައިންގެ ކްލަބުގެ ދުވުންތެރިޔާ ރޭސް ނިންމީ 16:32 މިނެޓުންނެވެ. ދެ ވަނަ އަކީ އެ ކްލަބުގެ މުހައްމަދު ރަޝީދު (މޯޑް) އެވެ. ޓައިމިން އަކީ 16:51 މިނެޓެވެ. ތިން ވަނަ އަށް ދިޔަ ސިފައިންގޭގެ އަހުމަދު ޖަވާދު ރޭސް ނިންމީ 18:49 މިނެޓުންނެވެ.

200 މީޓަރު (15 އަހަރުން ދަށް)

ފިރިހެން - ނާއިހް އިލްޔާސް އަހުމަދު (ކޭވައި ސްޕޯޓްސް އެކަޑަމީ) – 25.54 ސިކުންތު

އަންހެން - މަރިޔަމް ރުޔާ އަލީ (ކުޑަހުސެން ސްޕޯޓްސް) – 29.07 ސިކުންތު

އަންހެނުންގެ 5000 މީޓަރު ދުވުމުގެ އެއް ވަނަ އަކީ، މިޑްލް އަދި ލޯންގް ޑިސްޓެންސް ރެކޯޑްތައް ހަދާފައިވާ މަރިޔަމް އަބްދުލްކަރީމް (މަރީ) އެވެ. ކުޑަހުސެން އެކަޑަމީ އަށް ދުވި މަރީ ރޭސް ނިންމީ 21:07 މިނެޓުންނެވެ. ދެ ވަނަ އަށް ދިޔަ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުގެ ޒުލައިޚާ އަބްދުﷲ 25:40 މިނެޓުން ރޭސް ނިންމިއިރު ތިން ވަނަ އަށް ދިޔައީ 25:42 މިނެޓުން ދުވި ކްލަބް މުގޫ ސްޕޯޓްސްގެ ރިފާ މުހައްމަދެވެ.

800 މީޓަރު ދުވުން ކާމިޔާބުކުރި ޖައިޝާ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މުބާރާތުގެ 800 މީޓަރު ދުވުމުގެ ފިރިހެން ބައިގެ އެއް ވަނަ ހޯދީ ހުސެއިން ރިޒާ އެވެ. ސިފައިންގެ ކްލަބުގެ ރިޒާ 1:59.13 މިނެޓުން ދުވިއިރު، ދެ ވަނަ އަކީ 2:09.31 މިނެޓުން ދުވި ރައިވެރިޔާގެ މުހާޖިރު ޒިޔާދެވެ. ތިން ވަނަ އަކީ 2:09.62 މިނެޓުން ދުވި ސިފައިންގެ ކްލަބުގެ މުހައްމަދު ރަޝީދެވެ. އަންހެން ބައި ކާމިޔާބުކުރީ އައިމިނަތު ޖާއިޝާ ޖުނީޒެވެ. ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނަށް ދުވި ޖައިޝާގެ ޓައިމިން އަކީ 2:41.55 މިނެޓެވެ. ކްލަބް ޓޫ އެތުލެޓިކްސްގެ ފާތިމަތު އިޝްނާ 2:57.52 މިނެޓުން ދުވެ ދެ ވަނަ ހޯދިއިރު ތިން ވަނަ އަކީ 2:58.28 މިނެޓުން ރޭސް ނިންމި ކްލަބް މުގޫ ސްޕޯޓްސްގެ ރިފާ މުހައްމަދެވެ.

800 މީޓަރު (15 އަހަރުން ދަށް)

ފިރިހެން – މުހައްމަދު އަލްހާން (ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން) – 2:24 މިނެޓު

އަންހެން – އައިޝަތު އައިން އަހުމަދު (ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން) – 2:41 މިނެޓު

މުބާރާތުގެ އޯޕަން ބައިގެ ފީލްޑް އިވެންޓްތަކުގެ ތެރެއިން ލޯންގް ޖަމްޕުގެ ފިރިހެން ބައިގެ އެއް ވަނަ ހޯދީ 5.82 މީޓަރަށް ފުންމި ސިފައިންގެ ކްލަބުގެ އަހުމަދު މުނައްވަރެވެ. ޝޮޓްޕުޓް އުކުމުން އެއް ވަނަ އަކީ 9.34 މީޓަށް އުކި ސިފައިންގެ ކްލަބުގެ އާދަމް ހަލީމެވެ. އަންހެނުންގެ ޑިސްކަސް އުކުން ކާމިޔާބުކުރީ ސިފައިންގެ ކްލަބުގެ ޑރ. ޝިފްލާ އަބްދުލްލަތީފެވެ. އޭނާ އުކާފައިވަނީ 22.47 މީޓަރަށެވެ. ޖެވެއިލިން އުކުމުގެ އިވެންޓުގެ ފިރިހެން ބައި ކާމިޔާބުކުރީ 39.08 މީޓަށް އެއްލި ސިފައިންގެ ކްލަބުގެ ޔައުގޫބް އަހުމަދެވެ. އަންހެން އެއް ވަނަ އަކީ ކޭވައި ސްޕޯޓްސް އެކަޑަމީގެ ނީޝާ ހަލީމެވެ. އެއީ 20.10 މީޓަރަށް އެއްލައިގެންނެވެ.

މުބާރާތުގެ 1500 މީޓަރު ދުވުމާއި 400 މީޓަރު ދުވުން އަދި ލޯންގް ޖަމްޕުގެ ފައިނަލް އޮންނާނީ މިއަދު ހަވީރެވެ.