ބަދަލުތަކާ އެކު ފުޓްބޯޅަ ސީޒަން ފެށުން އަންނަ މަހު

ފުޓްބޯޅަ ފޯމެޓަށް ގެންނަ ބަދަލުތަކާ އެކު އަންނަ މަހު ހަތް ވަނަ ދުވަހު ޗެރިޓީ ޝީލްޑް މެޗުން މި އަހަރުގެ ފުޓްބޯޅަ ސީޒަން ފެށުމަށް އެފްއޭއެމުން ނިންމައިފި އެވެ.


މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ތ. ތިމަރަފުށްޓާއި ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބް ކުޅޭ ޗެރިޓީ ޝީލްޑް މެޗު ބާއްވަން އެފްއޭއެމުން އެންމެ ފުރަތަމަ ނިންމީ ދެ ލެގަކަށެވެ. އެއީ އެއް ލެގު މާލޭގައި އަނެއް ލެގު ތ. ތިމަރަފުށީގައި ކުޅޭ ގޮތަށެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރަ"ށް ވިދާޅުވީ ޗެރިޓީ ޝީލްޑް މެޗު ކުޅެވޭ ގޮތަށް ބަދަލުތަކެއް އައުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެއީ ތިމަރަފުށީ ޓީމުގެ ހާލަތުގެ ސަަބަބުން ކަމަށެވެ.

"ތިމަރަފުށީ ދަނޑުގެ ހާލަތާއި ޓީމުގެ ހާލަތު ހުރިގޮތުން ޗެރިޓީ ޝީލްޑް މެޗަށް ބަދަލުތަކެއް އައުމުގެ ފުރުސަތު އެބައޮތް. އަޅުގަނޑުމެން މިދަނީ މަޝްވަރާކުރަމުން. ވަރަށް އަވަހަށް މީގެ އަށް ގޮތެއް ނިމިގެންދާނެ،" ޖަވާ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ތަށި ހޯދައި ޕްރިމިއާ ލީގުގައި ވާދަކުރި ތިމަރަފުށްޓަށް މިދިޔަ އަހަރު އެ މުބާރާތުގައި ވެސް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ މާލީ ދަތިކަމެވެ. ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް ޓީމުތަކަށް ފައިސާ ދޭ އުސޫލުގެ ތެރެއިން ތިމަރަފުށްޓަށް ސްޕޮންސަރެއްގެ ގޮތުގައި ހަމަޖެހުނީ މިފްކޯ އެވެ. އެކަމަކު މިފްކޯގެ ފަރާތުން ބަރާބަރަަށް ފައިސާ ނުލިބޭތީ އެންމެ ފަހުން ތިމަރަފުށްޓަށް ލާރީގެ ކަންތައްތައް ހަމަޖައްސައިދިނުމުގައި އެހީތެރިވީ އެފްއޭއެމުންނެވެ.

މިދިޔަ އަހަރުގެ ޗެރިޓީ ޝީލްޑް މެޗު ނުކުޅެ އެވެ. މިދިޔަ އަހަރު އެންމެ ފުރަތަމަ ޗެރިޓީ ޝީލްޑް މެޗު ކުޅެން އޮތް ތާރީހުގައި ކުއްލި ނުރައްކަލުގެ ހާލަތު އޮތުމުން މެޗު ފަސްކުރި އެވެ. ފަހުން އެ މެޗު ނުބާއްވަން އެފްއޭއެމުން ނިންމީ ކަލަންޑަރަށް ބަދަލެއް ގެނެވިއްޖެ ނަމަ ގައުމީ ޓީމްތަކަށާއި ކްލަބްތަކަށް ގެއްލުންވެދާނެތީ ކަމަށް ބުނެ އެވެ. އެކަމަކު އެކި ސަބަބުތަކާ ހުރެ އޭގެ ފަހުން ކަލަންޑަރަށް ގިނަ ބަދަލުތަކެއް ގެންނަން ޖެހުނެވެ.

އެފްއޭއެމުން މިދިޔަ މަހު ކްލަބްތަކަށް ހިއްސާކުރި ޓެންޓޭޓިވް ކަލަންޑަރުގައިވާ ގޮތުން މި ފަހަރުގެ ސީޒަން ފަށާނީ ދިވެހި ޕްރިމިއާ ލީގުންނެވެ. އެގޮތުން ލީގުގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހު 12 ވަނަ ދުވަހު އެެވެ. ތިން ބުރަކަށް ދިގުދެމިގެންދާ ލީގުގެ ފަހު މެޗުތައް އޮންނާނީ އަންނަ ޖެނުއަރީ މަހު އެވެ.

ޕްރިމިއާ ލީގުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ނިއު ރޭޑިއަންޓަށް މި ފަހަރު ނުކުޅެވޭނެ އެވެ. ނިއު އަށް ވާދަނުކުރެވެނީ ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ ނުދޭތީ އެ ޓީމު ސަސްޕެންޑްކޮށްފައިވާތީ އެވެ. ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކްލަބުގެ ބަދަލުގައި ފުރަތަމަ ޑިވިޝަނަށް އަންނާނެ ކަމަށް ބެލެވެނީ، މިދިޔަ އަހަރު ދެ ވަނަ ޑިވިޝަނަށް ވެއްޓުނު ކްލަބް ވެލެންސިއާ ކަމަށް އެފްއޭއެމުން ވަނީ މީގެ ކުރިން ބުނެފަ އެވެ.

ޖަވާ ވިދާޅުވީ ވަކި ޓީމެއް އަލުން ގެނައުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި މީގެ ހުރަސްތަކެއް އެބަހުރި ކަމަށެވެ.

"ކޮންމެ ގޮތެއް ވިޔަސް ނިއު ބައިވެރިނުވީއެއް ނޫން. ރެލިގޭޓްވީއެއް ނޫން. މި އައީ ސަސްޕެންޝަނެއް. އެހެންވެ އެ މަގާމަށް އަލުން ޓީމެއް ގެންނަން ބަލާއިރު އެބަހުރި ފުށުއަރާ ކަންތައްތަކެއް ގާނޫނީ ގޮތުން ވެސް. އެކަމާ ބެހޭގޮތުން އަދި ވަކި ގޮތެއް ނުނިންމާ،" ޖަވާ ވިދާޅުވި އެވެ.

ފުރަތަމަ ޑިވިޝަނުގެ ގިނަ ޓީމުތަކުން ވަނީ ކުރިއަށް އޮތް ސީޒަނަށް ޕްރެކްޓިސް ފަށައިފަ އެވެ. މި ފަހަރުގެ ލީގުގައި ވާދަކުރަން އަދި އޮތީ ޓީސީ، މާޒިޔާ، އީގަލްސް، ޔުނައިޓެޑް ވިކްޓަރީ، ގްރީން ސްޓްރީޓްސް، ވިކްޓަރީ، ށ. ފޯކައިދޫ، ފ. ނިލަންދޫ އަދި މި ފަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ޑަ ގްރާންޑޭ ސްޕޯޓްސް ކްލަބް އެވެ.

"ކަލަންޑަރަށް މާ ބޮޑެތި ބަދަލުތަކެއް ނާންނާނެ. މިހާރު އާންމުކުރުމުގައި ލަސްތަކެއް މި އަންނަނީ ޓްރާންސްފާ ވިންޑޯތައް ހަމަޖެއްސުމުގެ މަޝްވަރާތައް ފީފާއާ އެކު ކުރިއަށްދާތީ. އެކަން ނިމުނުހާ އަވަހަކަށް ކަލަންޑަރު އާންމުކުރާނެ،" ޖަވާ ވިދާޅުވި އެވެ.

ކްލަބްތަކަށް ހިއްސާކޮށްފައިވާ ކަލަންޑަރުގައިވާ ގޮތުން އެންމެ ފޯރިގަދަކޮށް ކުރިއަށްދާ މުބާރާތް ކަމަށްވާ މިނިވަން ޗެމްޕިއަންޝިޕް ފަށަން ނިންމާފައިވަނީ އަންނަ މަހު 10 ވަނަ ދުވަހު އެވެ. ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް އަންނަަ އޮކްޓޫބަރު މަހު ފަށާގޮތަށް ތާވަލުކޮށްފައިވާއިރު، އެފްއޭ ކަޕް އޮންނާނީ ޖެނުއަރީ މަހު އެވެ. އަދި ސީޒަނުގެ ފަހު މުބާރާތެއްގެ ގޮތުގައި އޮންނާނީ ޕްރެޒިޑެންޓްސް ކަޕް އެވެ. މި ފަހަރުގެ ފުޓްބޯޅަ ސީޒަން ފަށާނީ ޕްރެޒިޑެންޓްސް ކަޕުން ކަމަށް އެފްއޭއެމުން މީގެ ކުރިން ބުނި ނަމަވެސް އެގޮތަށް ނުނިމުނީ ކްލަބްތަކާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު އެވެ.