އޭޝިއާ މުބާރާތުގައި ރާއްޖޭގެ ތިން ބޮޑީބިލްޑަރުން

ބޫޓާނުގައި އިއްޔެ ފެށި އޭޝިއާގެ 50 ވަނަ ބޮޑީބިލްޑިން މުބާރާތުގައި ރާއްޖޭގެ ތިން ބޮޑީބިލްޑަރަކު ވާދަކުރުމަށް ތައްޔާރުވެއްޖެ އެވެ.


ރާއްޖޭން މުބާރާތުގައި ވާދަކުރަނީ މި އަހަރުގެ މިސްޓަ މޯލްޑިވްސް މުހައްމަދު ރަޝީދު (ރަޗޭ) އާއި ޝާހީން އިބްރާހިމް ދީދީގެ އިތުރުން މުހައްމަދު ޔާމީނެވެ. ތިން އެތުލީޓުންނާއި ދެ އޮފިޝަލުން މިހާރު ތިބޫ ބޫޓާނުގެ ވެރިރަށް ތިމްޕޫގަ އެވެ.

މިސްޓަ މޯލްޑިވްސް ތިން ފަހަރު ހާސިލްކޮށްފައިވާ ރަޗޭ ވާދަކުރަނީ އޭޝިއަން ޗެމްޕިއަންޝިޕުގެ މާސްޓާސް ކެޓަގަރީގަ އެވެ. ހަތްދިހަ ކިލޯގެ ކެޓަގަރީގައި ޔާމީން ވާދަކުރާއިރު ޝާހީން ފެންނާނީ 60 ކިލޯގެ ކެޓަގަރީންނެވެ.

ރާއްޖޭން ވަނީ މީގެ ކުރިން ބައިނަލްއަގްވާމީ ބޮޑީބިލްޑިން މުބާރާތްތަކުން ބޮޑެތި ކާމިޔާބީތައް ހާސިލްކޮށްފަ އެވެ. އެގޮތުން 2000 ވަނަ އަހަރުގެ ސައުތު އޭޝިއަން ބޮޑީބިލްޑިން މުބާރާތުން ރާއްޖޭގެ އަލީ އަބްދުﷲ (ބޮޑީ އައްލާ) ވަނީ ރަން މެޑަލް ހޯދައިފަ އެވެ.

ބޮޑީބިލްޑިން ފެޑެރޭޝަނުން ބުނީ އޭޝިއަން ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިން ކުޅިވަރާ ބެހޭ މިނިސްޓްރީއަށް ޝުކުރުއަދާކުރާ ކަމަށެވެ.