ވިކްޓަރީ-އޭދަފުށި މެޗުން ވެޓެރަންސް މުބާރާތް މިއަދު ފަށަނީ

ކުރީގެ ފުޓްބޯޅަ ތަރިންނަށް ހާއްސަކޮށްގެން ކޮންމެ ރޯދަ މަހަކު ބާއްވަމުން އަންނަ ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތް ބ. އޭދަފުށްޓާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗުން މިއަދު ހަވީރު ފަށާނެ އެވެ.


ޓާފް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މި ފަހަރު ޖުމްލަ ހަތް ޓީމަކުން ވާދަކުރާނެ އެވެ. އެއީ އޭދަފުށްޓާއި ވިކްޓަރީގެ އިތުރުން ކްލަބް ގްރީން ސްޓްރީޓްސް، ޕޮލިސް ކްލަބް، މާޒިޔާ، ދިވެހި ސިފައިންގެ ކްލަބް އަދި ކްލަބް އީގަލްސް އެވެ.

މި މުބާރާތުގެ އެންމެ ކާމިޔާބު ދެ ޓީމު ކަމަށްވާ ކްލަބް ވެލެންސިއާ އާއި ނިއު ރޭޑިއަންޓް މި އަހަރުގެ މުބާރާތުގައި ނުކުޅެ އެވެ. މި މުބާރާތް ފަސް ފަހަރު ކާމިޔާބުކޮށްފައިވާ ވެލެންސިއާ މި އަހަރުގެ މުބާރާތުގައި ނުކުޅެނީ މިދިޔަ އަހަރު އެ ޓީމު ފުރަތަމަ ޑިވިޝަނުން ރެލިގޭޓްވެފައިވާތީ އެވެ. އަނެއްކޮޅުން ނިއު މި ފަހަރުގެ މުބާރާތުގައި ނުކުޅެނީ ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި އެ ޓީމު ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފައި އޮތުމުންނެވެ. ނިއު އިން ވަނީ މި މުބާރާތުގެ ތަށި ތިން ފަހަރު އުފުލާލައިފަ އެވެ.

މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ ދެ ބުރަކަށެވެ. ފުރަތަމަ ބުރުގައި ހަތް ޓީމުގެ މެދުގައި އޮންނާނީ ލީގު ބުރެކެވެ. އެ އަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭއިރު، ފައިނަލުގެ ފަހު ޖާގަ ލިބޭނީ ލީގު ބުރުގެ ދެ ވަނަ އާއި ތިން ވަނައާ ދެމެދުގައި ކުޅޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.

ކުރިން އެފްއޭއެމުން މި މުބާރާތް ބޭއްވި ނަމަވެސް ފަހަކަށް އައިސް މި މުބާރާތް ބޭއްވީ އެކި ކްލަބްތަކުންނެވެ. މީގެ ކުރިން ސޮކަ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބޭއްވިއިރު، މި މުބާރާތް ފަހުން ބާއްވާފައިވަނީ މި ފަހަރު ވެސް މުބާރާތް އިންތިޒާމުކުރާ މޯލްޑިވްސް ސޮކަ މޭޓްސް އިންނެވެ. ކުރީގެ މަޝްހޫރު ކުޅުންތެރިން ހިމެނޭ ގޮތަށް ހަދާފައިވާ ސޮކަ މޭޓްސްގެ ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ ޖަލްބޫތު މޯލްޑިވްސް އެވެ.

ތިރީސް ފަސް އަހަރުން މަތީގެ ކުޅުންތެރިންނަށް ހާއްސަ ވެޓެރަންސް މުބާރާތަކީ ކުރީގެ ތަރިންގެ ކުޅުން މިހާރު ފެންނަ ހަމައެކަނި މުބާރާތެވެ. މި މުބާރާތުގައި ކުރިން ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް ކުޅުނު ކުޅުންތެރިންނާއި ގައުމީ ޓީމުގައި ގިނަ ކާމިޔާބީތައް ހޯދާފައިވާ ކުޅުންތެރިން ކުޅެ އެވެ. މިދިޔަ އަހަރުތަކުގައި މި މުބާރާތުގެ ވާދަވެރިކަން ބޮޑުވެ އެކި ކުޅުންތެރިންގެ ޓްރާންސްފާތައް ވެސް ވަނީ ހިނގައިފަ އެވެ.

މި ފަހަރުގެ މުބާރާތުގައި ކުޅޭ އޭދަފުށީ ޓީމުގައި ވެލެންސިއާ އަށް ކުރިން ކުޅުނު ކުޅުންތެރިން ހިމެނޭނެ އެވެ. މިއަދުގެ މެޗު ފަށާނީ ހަވީރު 4:30 ގަ އެވެ.