ވިކްޓަރީ ބަލިކޮށް އޭދަފުށިން ފެށުން ރަނގަޅުކޮށްފި

ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުން ވިކްޓަރީ ސްޕޯޓްސް ކްލަބް އަތުން 3-0 އިން މޮޅުވެ އޭދަފުށީ ވެޓެރަންސް ފުޓްބޯލް ކްލަބް މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.


މޯލްޑިވްސް ސޮކަ މޭޓްސް އިން އިންތިޒާމުކޮށްގެން ޓާފް ދަނޑުގައި ފެށި މި މުބާރާތުގެ ފުރަތަމަ މެޗު ޝަރަފްވެރިކޮށްދެއްވީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ.

މި މުބާރާތުގައި ވާދަކުރާ އޭދަފުށީ ޓީމުގައި ހިމެނެނީ މިދިޔަ އަހަރު ވެލެންސިއާއާ އެކު މި މުބާރާތުގެ ތަށި އުފުލާލި ޓީމުގައި ހިމެނޭ ކުޅުންތެރިންނެވެ. އޭގެ ތެރޭގައި ގައުމީ ޓީމުގެ ޑިފެންސްލައިނުގައި މީގެ ކުރިން މޮޅު ކުޅުމެއް ދެއްކި މުހައްމަދު ޖަމީލް (ޖަމްބެ) އާއި ސޮބާހު މުހައްމަދު (ސޮބާ) ހިމެނެ އެވެ. މީގެ އިތުރުން ގައުމީ ޓީމުގެ ކުރީގެ ވިންގް އިސްމާއިލް މުހައްމަދު (އިއްސެ) އާއި ޔޫސުފް އަޒީމް (ޔޫއްޓޭ) ވެސް ކުޅެނީ އޭދަފުށީ ޓީމަށެވެ.

އޭދަފުށްޓާއި ވިކްޓަރީ ބައްދަލުކުރި މެޗުގެ ތެރެއިން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި މެޗުުގެ ފުރަތަމަ ހާފްގެ 16 ވަނަ މިނިޓްގައި އޭރިއާ ތެރެއިން ލިބުނު ފުރުސަތަކުން އޭދަފުށްޓަށް ލީޑުނަގައިދިނީ އަބްދުﷲ ޝިފާއު އެވެ. އޭނާ ވަނީ ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. އޭގެ ހަތް މިނިޓް ފަހުން އޭދަފުށީގެ ދެ ވަނަ ގޯލު ޖެހީ އިއްސެ އެވެ. އޭރިއާ ތެރެއިން ލިބުނު ފުރުސަތަކުން އިއްސެ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ދެ ވަނަ ހާފްގައި ވިކްޓަރީ އަށް ލަނޑު ޖަހައިދޭން އެ ޓީމުގެ ފަރީދު މުހައްމަދު (ފަރިއްޓެ) އަށް ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފަ އެވެ. އޭގެ ނަތީޖާ އަކަށްވީ އޭދަފުށިން ލިބުނު ފުރުސަތުގެ ބޭނުންހިފައި އިތުރު ލަނޑެއް ޖެހުމެވެ. މި ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި އިއްސެ އެވެ.

މި މެޗުގެ 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޭދަފުށީ ޓީމަށް މޮޅު ކުޅުމެއް ދެއްކި ޔޫއްޓޭ އެވެ.

ތިރީސް ފަސް އަހަރުން މަތީގެ ކުޅުންތެރިންނަށް ހާއްސަ ވެޓެރަންސް މުބާރާތަކީ ކުރީގެ ތަރިންގެ ކުޅުން މިހާރު ފެންނަ ހަމައެކަނި މުބާރާތެވެ. ތިރީސް މިނިޓުގެ ދެ ހާފަށް ކުޅޭ މި މުބާރާތް ބެލުމަށް ނިސްބަތުން ގިނަ އަދަދެއްގެ ބަޔަކު ދެ އެވެ. ފަހަކަށް އައިސް ބޮޑު އަގުގައި ކުޅުންތެރިންގެ ޓްރާންސްފާތައް ހިނގައި މި މުބާރާތް އަންނަނީ އިތުރަށް ފޯރިގަދަވަމުންނެވެ.

މި ފަހަރުގެ މުބާރާތުގައި ހަތް ޓީމު ވާދަކުރާއިރު، މުބާރާތުގެ އެންމެ ކާމިޔާބު ދެ ޓީމު ކަމަށްވާ ވެލެންސިއާ އާއި ނިއު ރޭޑިއަންޓް ނުކުޅޭނެ އެވެ. ވެލެންސިއާ މިދިޔަ އަހަރު ފުރަތަމަ ޑިވިޝަނުން ރެލިގޭޓްވެފައިވާއިރު، ކުޅުންތެރިންނަށް މުސާރަނުދޭ މައްސަލައިގައި ނިއު އޮތީ މުބާރާތެއްގައި ވާދަނުކުރެވޭ ގޮތަށް ސަސްޕެންޑްކޮށްފަ އެވެ.

މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް ބައްދަލުކުރާނީ ޕޮލިސް ކްލަބާ އެވެ. މެޗު ފަށާނީ ހަވީރު 16:30 ގަ އެވެ.