އޭއެފްސީ ޔޫތު މުބާރާތުގައި ރާއްޖެ ވަރުގަދަ ގްރޫޕަކަށް

އަންނަ އަހަރު ފަށާ އޭއެފްސީ 16 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި ރާއްޖެ ވަރުގަދަ ގްރޫޕެއްގައި ލައްވާލައިފި އެވެ.


ރާއްޖެ ހިމެނެނީ ވެސްޓް ޒޯންގެ ގްރޫޕްތަކުގެ ތެރޭގަ އެވެ. ގްރޫޕް ސީގައި ރާއްޖޭގެ އިތުރުން އޮތީ އޭޝިއާ ފުޓްބޯޅައިގެ ގަދަބާރު އީރާނާއި އަފްގާނިސްތާން އަދި ފަލަސްތީނެވެ. ކޮލިފައިން މެޗުތައް ކުރިއަށްދާނީ އީރާނުގަ އެވެ.

އެންމެ ފަހުން 2017 ވަނަ އަހަރު އޮތް 16 އަހަރުން ދަށުގެ ކޮލިފިކޭޝަންގައި ރާއްޖެ ލައްވާލީ ތަޖިކިސްތާނާއި އޮމާން، ސީރިއާ އަދި ތުރުކުމެނިސްތާނާ އެއް ގްރޫޕަކަށެވެ. ތުރުކުމެނިސްތާން މުބާރާތުން ނަން ނެގުމުން ދެން ވާދަކުރީ ހަތަރު ޓީމުންނެވެ. އޮމާން އަތުން 8-0 އިން ރާއްޖެ ބަލިވިއިރު، ތަޖިކިސްތާނުން ރާއްޖޭގެ މައްޗަށް ކުރިހޯދީ 14-0 އިންނެވެ. އަދި ސީރިއާ އިން ވަނީ ރާއްޖެ 6-0 އިން ބަލިކޮށްފަ އެވެ.

އެފްއޭއެމުން ދާދި ފަހުން ވަނީ 2021 ވަަނަ އަހަރު އޮންނަ އޭއެފްސީ 16 އަހަރުން ދަށުގެ މުބާރާތަށް ކޮލިފައިވުމަށް އަމާޒުކޮށް ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އަދި މިހާރުގެ ކޯޗު އިސްމާއިލް އާސިފް (ކުޑަހީނާ)އާ ޕްރޮޖެކްޓެއް ހަވާލުކޮށްފަ އެވެ. ކުޑަހީނާގެ ބެލުމުގެ ދަށުން 14 އަހަރުން ދަށުގެ ޕޫލެއް ކުރިއަށްދާއިރު، އޭއެފްސީ 16 އަހަރުން ދަށުގެ މުބާރާތަށް އެކުލަވާލާ ޓީމުގެ މަސައްކަތުގެ ޒިންމާ ވެސް އޮތީ އޭނާ އަށެވެ.

ކުޑަހީނާ އަށް މި ޕްރޮޖެކްޓް ހަވާލުކުރިއިރު، ޔޫތު ފުޓްބޯޅައިގެ އެހެން ހުރިހާ ކަމަކަށް ވެސް އޭނާގެ އެހީތެރިކަން ހޯދަން އެފްއޭއެމުން ވަނީ ނިންމައިފަ އެވެ. އެފްއޭއެމްގެ ވިސްނުމަކީ ޔޫތު ފުޓްބޯޅައިގައި ޓީމުތައް ތައްޔާރުކުރުމުގައި ދުރު ރާސްތާ ޕްލޭނެއް ބޭއްވުމެވެ.

ކުރީގެ ކުޅުންތެރިއާ ކުޑަހީނާ: 16 އަހަރުން ދަށުގެ ޓީމެއް އެކުލަވާލުމުގައި ލީޑުކުރާނީ ކުޑަހީނާ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މުސްތަގުބަލަށް ރަނގަޅު ޓީމުތަކެއް ބިނާކުރުމުގެ މަސައްކަތުގައި އެފްއޭއެމުން ފަށާފައިވާ "ޓުވާޑްސް ފިއުޗާ" ގެ ތެރެއިން ޔޫތު ފުޓްބޯޅަ ކުރިއެރުވުމަށް ގިނަ ޕްރޮގްރާމްތަކެއް އަންނަނީ ހިންގަމުންނެވެ. އެ ގޮތުން މިދިޔަ އަހަރު 13 އަހަރުން ދަށުގެ ލީގެއް ބޭއްވިއިރު، މި އަހަރު 14 އަހަރުން ދަށާއި 12 އަހަރުން ދަށަށް ވެސް ލީގެއް ފަށާނެ އެވެ.

މީގެ ކުރިން ރާއްޖޭގެ ޒުވާން ކުޅުންތެރިން ކުރިއެރުމަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ ޔޫތު ފުޓްބޯޅައިގައި ގިނަ މެޗުތަކެއް ކުޅެލަން ނުލިބުމެވެ. އެކަމަކު އެފްއޭއެމުން މިހާރު އެކަން ބަދަލުކޮށް ޒުވާން ކުޅުންތެރިން ކުރިއެރުވުމަށް ގިނަ މުބާރާތްތައް ހިންގަ އެވެ. އެފްއޭއެމް އަތޮޅު ފުޓްބޯޅަ ޕްރޮޖެކްޓްގެ ތެރެއިން ރާއްޖޭގެ އެކި ހިސާބުތަކުގައި ފުޓްބޯޅަ މުބާރާތްތައް ކުރިއަށްގެންދިއުމަކީ ވެސް އެފްއޭއެމްގެ ޕްލޭނުގެ ތެރެއިން ބައެކެވެ.

ރާއްޖޭގެ ޒުވާން ކުޅުންތެރިންނަށް ބައިނަލްއަގްވާމީ ފެންވަރުގެ މެޗުތައް ދިނުމުގެ ގޮތުން އަންނަ ޖުލައި މަހު މާލޭގައި ބައިނަލްއަގްވާމީ ޔޫތު ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް އެފްއޭއެމުން ވަނީ ނިންމައިފަ އެވެ. އެ މުބާރާތުގައި ހަތަރު ޓީމެއް ވާދަކުރާނެ ކަމަށް އެފްއޭއެމުން ވަނީ އިއުލާނުކޮށްފަ އެވެ. އޭގެ ތެރޭގައި ސައުދި އަރަބިއާ އާއި ސްރީލަންކާ ހިމެނޭއިރު، ދެން މަސައްކަތް ކުރަމުން އަންނަނީ ޔޫރަޕްގެ ޓީމެއް ބައިވެރިކުރުމަށް ކަމަށް އެފްއޭއެމުން މައުލޫމާތު ދެ އެވެ. މި މުބާރާތަކީ ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ ޔުއެފާގެ އެހީތެރިކަމާ އެކު ކުރިއަށްގެންދާ މުބާރާތެެކެވެ.