ޔޫވީ އަށް ނަޒީހު، އީގަލްސްގައި މޯހަން

ކުރިއަށް އޮތް ސީޒަނުގައި ކްލަބް އީގަލްސްގެ ކޯޗަކަށް ކުރިން ވެސް މަގާމުގައި ހުރި މުހައްމަދު ޝިޔާޒް (މޯހަން) އަދި ޔުނައިޓެޑް ވިކްޓަރީގެ ކޯޗަކަށް މުހައްމަދު ނަޒީހު ހަމަަޖައްސައި ދެ ޓީމުން ޕްރެކްޓިސްތައް ފަށައިފި އެވެ.


ފުރަތަމަ ޑިވިޝަނުގެ ހުރިހާ ޓީމުތަކުން މިހާރު ވަނީ އާ ސީޒަނަށް ޕްރެކްޓިސް ފަށައިފަ އެވެ.

ފުޓްބޯޅައިގެ އެންމެ މަތީ ކޯޗިން ލައިސަންސް ކަމަށްވާ އޭއެފްސީ ޕްރޯ ލައިސަންސް ނެގުމަށް މަސައްކަތް ފަށާފައިވާ ތަޖުރިބާކާރު ކޯޗު މުހައްމަދު ޝިޔާޒް (މޯހަން)، އީގަލްސްއާ ގުޅުނީ މިިދިޔަ އަހަރު އެވެ. މިދިޔަ އަހަރު އެ ޓީމުން ވަނީ މާލޭ ލީގުގެ ދެ ވަނަ އަދި ދިވެހި ޕްރިމިއާ ލީގުގެ ތިން ވަނަ ހޯދައިފަ އެވެ.

މޯހަންގެ ކެރިއަރުގެ ބޮޑު ބައި ހޭދަކުރީ، 1997 އިން 2008 އަށް ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގަ އެވެ. ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުގައި އޭނާގެ ހިއްސާ ބޮޑެވެ. ކްލަބް ކޯޗިން ކެރިއަރުގައި މޯހަން ވަނީ ނިއު ރޭޑިއަންޓާއި ވެލެންސިއާ އަދި އދ. މަހިބަދޫގެ އިތުރުން ދ. ކުޑަހުވަދޫ ޓީމަށް ފުރަތަމަ ޑިވިޝަނުގައި ކޯޗުކޮށްދީފަ އެވެ.

އީގަލްސް އިން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޓީމު ވަރުގަދަކުރުމުގެ ގޮތުން ވަނީ އެ ޓީމުގެ ކުރީގެ ކެޕްޓަން އިމްރާން ނަޝީދު (އިންމަ) އާއި ފުލްބެކް ހިސާމް ސަލީމް (ކޮކީ) ގެނެސްފަ އެވެ. އަދި މިދިޔަ އަހަރު އީގަލްސް އަށް ކުޅުނު ގިނަ ކުޅުންތެރިން މި ފަހަރު ވެސް އެ ޓީމުން ފެންނާނެ އެވެ.

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އެއް ފުޓްބޯޅަ ޓީމު 2015 ވަނަ އަހަރު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދިން ނަޒީހު 2017 ވަނަ އަހަރު އެ ޓީމާ ހަވާލުވީ ވަކި ހިސާބަކުންނެވެ. އެއީ 2016 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި އެ ޓީމު އަލަށް ވާދަކުރިއިރު، ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ޖާގަ ހޯދައިދިން އަހުމަދު އާތިފް (އާތީ) މަގާމުން ވަކިވުމުންނެވެ.

މިދިޔަ އަހަރު ރެލިގޭޝަނުގައި ކުޅެ ޔުނައިޓެޑް ވިކްޓަރީ އަށް ފުރަތަމަ ޑިވިޝަނުގެ ޖާގަ ކަށަވަރުކޮށްދިނުމަށް ފަހު ފަހުން ނަޒީހު ވަނީ ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގެ ފަހު ކޮޅު ވިކްޓަރީގައި މަސައްކަތްކޮށްފަ އެވެ.

ޔުނައިޓެޑް ވިކްޓަރީން މި ސީޒަނަށް ޓީމު ވަރުގަދަކުރިއިރު، ގައުމީ ޓީމަށް ގިނަ މެޗުތަކެއް ކުޅެދިން ޑިފެންޑަރު ޝާފިއު އަހުމަދު (ޝާފީ) އާއި ރާއްޖޭގައި ހުރި އެންމެ ހަލުވި އެއް ވިންގް އަހުމަދު ނާޝިދު (ނައްޓޭ) އަދި އަހުމަދު ވިސާމް (ޖެރާޑް)ގެ ސޮއި ވަނީ ހޯދައިފަ އެވެ.

މި އަހަރުގެ ފުޓްބޯޅަ ސީޒަން އަންނަ މަހު ހަތް ވަނަ ދުވަހު ފަށަން ނިންމާފައިވާއިރު، ލީގު ފަށާނީ އަންނަ މަހު 12 ވަނަ ދުވަހު އެވެ.