އަނިޔާވެ ރަފާ ކުޅުމާ ދުރަށް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޯމަތީގައި އޮއްވާ، ގައުމީ ޓޭބަލް ޓެނިސް ޓީމުގެ މުހިއްމު ކުޅުންތެރިޔާ އައިޝަތު ރަފާ ނާޒިމްގެ ފަޔަށް ހާނިއްކަވެ، ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.


ޖުލައި 19 ގައި މޮރިޝަސްގައި ފަށާ މި ފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ޓީޓީން މެޑެއްޔެއް ހޯދަން ކުރާ މަސައްކަތުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވޭ ރަފާ، 15، ގެ ފައިތިލައިގައި (ހެޔާ ލައިން) ފްރެކްޗާއެއްވީ މީގެ ދެ ހަފުތާ ކުރިން ގޭތެރޭގައި އުޅެނިކޮށެވެ.

ގައުމީ ޓީޓީ ޓީމުގެ މެނޭޖަރު ޖާދުﷲ ހަސަން ބުނީ އޭނާގެ ފައިގައި އަޅާފައިވާ ޕްލާސްޓަރު ނައްޓާނީ އަދި ދެ ހަފުތާ ފަހުން ކަމަށާއި، ކުޅެން ނުކުމެވޭނީ އެއަށް ފަހު ފިޒިއޮތެރަޕީ ހެދުމަށް ފަހު ކަމަށެވެ.

"ޕްލާސްޓަރު ނެގުމުން އެނގޭނީ އޭނާ އަށް ކުޅެން ނުކުމެވޭނެ ދުވަހެއް ބުނަން. ފިޒިއޯތެރަޕީ ހަދައި އެއްކޮށް ފިޓްވުމުން ކުޅެން ނެރޭނީ. ރެނދަކަށް ވާތީ، މުޅިން ފިޓްނުވަނީސް ކުޅެން ނެރެ ރިސްކެއް ނަގަން ބޭނުމެއް ނޫން،" ޖާދުﷲ ބުންޏެވެ.

އޭނާ ބުނީ ދެކުނު އޭޝިއާގެ ޖޫނިއާ ޓޭބަލް ޓެނިސް މުބާރާތުގެ 15 އަހަރުން ދަށުގެ ޑަބަލްސް ކެޓަގަރީން 2016 ވަނަ އަހަރު ރާއްޖެ އަށް ރިހި މެޑަލް ހޯދައިދިން ކުޅުންތެރިޔާ ޓީމަށް ވަރަށް މުހިއްމު ކަމަށާއި ފިޓްކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

އުމުރުން 11 އަހަރުގައި، 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ދިޔަ ރަފާ ވިދާލީ އެ އަހަރުގެ ގައުމީ ފައިނަލުގައި، އޭރުގެ ޗެމްޕިއަން މުއީނާ މުހައްމަދަށް ދިން ވަރުގަދަ ފައިޓާ އެކު އެވެ. އަދި ޖެހިގެން އައި އަހަރު، އުމުރުން 13 އަހަރުގައި މުއީނާ ބަލިކޮށް ގައުމީ ޗެމްޕިއަންކަން ހޯދި އެވެ. ޖެހިޖެހިގެން ދެ އަހަރު ހޯދި ތަށި މިލްކުކުރަން މި އަހަރު ނުކުތް ނަމަވެސް، ފާތިމަތު ދީމާ އަލީ އަތުން ބަލިވީ އެވެ.

ރަފާ (ކ) 2017 ވަނަ އަހަރު ގައުމީ ޗެމްޕިއަންކަން ހޯދުމުން އޭނާގެ ބައްޕަ ނާޒިމް މަރުހަބާ ކިޔަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މިދިޔަ މާޗު މަހުން ފެށިގެން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ތަމްރީންތައް ކުރިއަށްގެންދަނީ ފުލް ސްކޮޑާ އެކު އެވެ. މި މަހުގެ ތެރޭގައި ސްކޮޑުން ކުޅުންތެރިން މަދުކުރުމަށް ފަހު ފައިނަލް ސްކޮޑް އިއުލާންކުރަނީ މުބާރާތާ ކައިރިކޮށްފަ އެވެ.

ގައުމީ ޓީމު މިހާރު ޕްރެކްޓިސްކުރަމުން އަންނަނީ ޑިއާގެ އެންމެ ވަރުގަދަ އެއް ޓީޓީ އެކަޑަމީ ކަމަށްވާ ޕިނޭކަލް އެކަޑަމީގެ ކޯޗެއްގެ ބެލުމުގެ ދަށުންނެވެ. ހަރްޔާނާ ސްޓޭޓުގައި ހުންނަ މި އެކަޑަމީއާ އެކު އެސޯސިއޭޝަނުން ހަދާފައިވާ އެއްބަސްވުމުގެ ދަށުން އެ އެކަޑަމީން ޓެކްނިކަލް އާއި ޓެކްޓިކަލް ތަމްރީންތަކުގެ އިތުރުން ކުޅުންތެރިންގެ ފިޒިކަލް ފިޓްނަސް ވެސް މޮނީޓާކުރާނެ އެވެ.

ޓީޓީ އެސޯސިއޭޝަނުން މި އަހަރުގެ ގޭމްސް އިން މެޑަލް ހޯދުމަށް ވަރަށް ބޮޑަށް ވަނީ ޓާގެޓްކޮށްފަ އެވެ. މީގެ ކުރިން 2011 ވަނަ އަހަރު ޓީޓީ ކުޅުންތެރިޔާ މުއީނާ މުހައްމަދު ވަނީ އެ ގޭމްސް އިން ރިހި މެޑެއްޔެއް ހޯދައިފަ އެވެ. އެކަމަކު މިވަގުތު އޭނާ ސްކޮޑުގައި ނުހިމެނެ އެވެ.