ނިއުގެ ޖާގައާ މެދު ގޮތެއް ފައިނަލެއް ނުވޭ

ކުޅުންތެރިންނަށް މުސާރަނުދޭ މައްސަލައިގައި ނިއު ރޭޑިއަންޓަށް ދީފައިވާ ސަސްޕެންޝަނުގެ ސަބަބުން އެ ޓީމަށް މި އަހަރު ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭނެ އެވެ. އެކަމަކު މި ފަހަރުގެ ފުޓްބޯޅަ ސީޒަން ފެށެން މަހަކަށް ވުރެން ކުޑަ ދުވަސްކޮޅަކަށްވެފައިވާއިރު، ނިއުގެ ޖާގައަށް އަންނާނެ ޓީމެއް އަދި ފައިނަލެއް ނުވެ އެވެ.


މުސާރައިގެ ގޮތުގައި ކުޅުންތެރިންނަށް ދޭން ޖެހޭ 3.8 މިލިއަން ރުފިޔާ ނުދީ އޮތުމުން އެފްއޭއެމުން އެންމެ ފުރަތަމަ ނިއު ސަސްޕެންޑްކުރީ މިދިޔަ ޖެނުއަރީ މަހު 26 ވަނަ ދުވަހު އެވެ. އެފްއޭއެމުން ނިއު ސަސްޕެންޑްކުރީ އެ ކްލަބުން އެފްއޭއެމްގެ ލީޑަޝިޕްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އުޅެނިކޮށްކަމަށްވެ އެވެ. ނިއުގެ ސަސްޕެންޝަން ދިގުލައިގެން ގޮސް މިދިޔަ މާޗް މަހު 25 ވަނަ ދުވަހު އޮތް އެފްއޭއެމްގެ އޯޑިނަރީ ކޮންގްރެސްގައި ބައިވެރިވި މެޖޯރިޓީ ކްލަބްތަކުން ވަނީ ނިއުގެ ސަސްޕެންޝަން ދަމަހައްޓަން ނިންމައިފަ އެވެ.

ކޮންގްރެސް އަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ނިއުގެ ބަދަލުގައި އެ ޖާގައިގައި މިދިޔަ އަހަރު ފުރަތަމަ ޑިވިޝަނުން ރެލިގޭޓްވި ކްލަބް ވެލެންސިއާ އަލުން ފުރަތަަމަ ޑިވިޝަނުން ފެނިދާނެ ކަމަށް ބުނެފަ އެވެ. އެކަމަކު އޭގެއާ ބެހޭގޮތުން އެންމެ ފަހުގެ ގޮތެއް ނިންމާނީ ޓެކްނިކަލް ކޮމިޓީގެ ލަފާގެ މަތިން ކަމަށް އޭރު ބައްސާމް ވިދާޅުވި އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ ނިއުގެ ބަދަލުގައި ޓީމެއް ގެންނަން ބަލާއިރު، ގާނޫނީ ގޮތުން ވެސް ފުށުއެރުންތަކެއް އެބަހުރި ކަމަށާއި ނިއުގެ ޖާގައާ މެދު އަދި ގޮތެއް ނުނިމޭ ކަމަށެވެ.

"ކޮންމެ ގޮތެއް ވިޔަސް ނިއު ބައިވެރިނުވީއެއް ނޫން. ރެލިގޭޓްވީއެއް ނޫން. މި އައީ ސަސްޕެންޝަނެއް. އެހެންވެ އެ މަގާމަށް އަލުން ޓީމެއް ގެންނަން ބަލާއިރު އެބަހުރި ފުށުއަރާ ކަންތައްތަކެއް ގާނޫނީ ގޮތުން ވެސް. އެކަމާ ބެހޭގޮތުން އަދި ވަކި ގޮތެއް ނުނިންމާ،" ޖަވާ ވިދާޅުވި އެވެ.

އެފްއޭއެމްގެ ކޮންގްރެސްގައި ބައްސާމް (ކ) އާއި ޖަވާޒް ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ:ނިޝާން އަލީ/ މިހާރު

ކޮންގްރެސެއް ބާއްވައި އަލުން ނިއުގެ ސަސްޕެންޝަން އުވާލައިފިނަމަ އެ ޓީމަށް ވާދަކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެހެންކަމަށްވުމާ އެކު މީގެ ބަލަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށް ޖަވާ ވިދާޅުވި އެވެ.

އަންނަ މަހު ހަތް ވަނަ ދުވަހު ޗެރިޓީ ޝީލްޑް މެޗުގެ ފުރަތަމަ ލެގުން ސީޒަން ފަށާއިރު، ލީގުގެ މެޗުތައް ފަށާނީ އަންނަ މަހު 12 ވަނަ ދުވަހު އެވެ .ފުރަތަމަ ޑިވިޝަނުގެ ޓީމުތަކުން ކުރިއަށް އޮތް ސީޒަނަށް ފަރިތަކުރުންތައް ފަށާފައިވާއިރު، ނިއުގެ ބަދަލުގައި ގެންނަ ޓީމަކަށް ކުރިމަތިވާނެ އަނެއް ހުރަހަކީ ޕްރެކްޓިސް މަދުކޮށް ލީގަށް ކުރިމަތިލުމެވެ.

ޖަވާ ވިދާޅުވީ އެންމެ ފަހުގެ ގޮތެއް ނިންމޭނީ ޓެކްނިކަލް ކޮމިޓީން ބަލަންޖެހޭ ހުރިހާ ކަމެއް ބެލުމަށް ފަހު އެފްއޭއެމްގެ އެކްސްކޯ އަށް ހުށަހެޅުމުން ކަމަށެވެ.

ފުރަތަމަ ޑިވިޝަންގައި މި ވަގުތު އޮތްގޮތުން ވާދަކުރަނީ އެންމެ ފަހުގެ ޗެމްޕިއަން ޓީސީ، މާޒިޔާ، އީގަލްސް، ޔުނައިޓެޑް ވިކްޓަރީ، ގްރީން ސްޓްރީޓްސް، ވިކްޓަރީ، ށ. ފޯކައިދޫ، ފ. ނިލަންދޫ އަދި މި ފަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ޑަ ގްރާންޑޭ ސްޕޯޓްސް ކްލަބް އެވެ.

ސީޒަން ހުޅުވާ މެޗު ކުޅުމުގެ ފުރުސަތު ލިބުނީ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ތ. ތިމަރަފުށްޓާއި ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން ޓީސީ އަށެވެ. ތިމަރަފުށިން ފުރުސަތު ދޫކޮށްލުމުން އެ ޖާގައަށް އެ މެޗުގައި ކުޅޭނީ މިނިވަން ޗެމްޕިއަންޝިޕްގެ ރަނަރަޕް ށ. ފޯކައިދޫ އެވެ. އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ޗެރިޓީ މެޗު ކުޅޭނީ ދެ ލެގަކަށެވެ. އެއް ލެގު ފޯކައިދޫގައި ކުޅުމަށް ފަހު އަނެއް ލެގު އޮންނާނީ މާލޭގަ އެވެ.