ސީޒަން ހުޅުވާ މެޗު ފޯކައިދޫ އަށް، ރަނުގެ ފުރުސަތެއް!

ފުޓްބޯޅަ ސީޒަން ހުޅުވާ މެޗުގައި ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެން، މިނިވަން ޗެމްޕިއަންޝިޕުގެ ޗެމްޕިއަން ތ. ތިމަރަފުށްޓަށް ލިބުނު ފުރުސަތު ދޫކޮށްލުމުން، އެ ފުރުސަތު އެ މުބާރާތުގެ ރަނަރަޕް ށ. ފޯކައިދޫ އަށް ލިބުމަކީ ރަނުގެ ފުރުސަތެއްގެ ގޮތުގައި އެ ޓީމުން ސިފަކޮށްފި އެވެ.


ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ޗެރިޓީ ޝީލްޑް މެޗު ދެ ލެގަށް ބަދަލުކޮށް މާލޭން ބޭރުގައި އެއް މެޗު ކުޅޭ ގޮތަށް ރޭވުމުގެ އެއް މަގުސަދަކީ އެފްއޭއެމުން މުޅި ރާއްޖެ އަށް ފުޅާކޮށްގެން ލީގު ބޭއްވުމުގެ ފެށުމެއްގެ ގޮތުގައި އެ އިދާރާއިން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ފޯކައިދޫގެ އޮފިޝަލަކު "މިހާރަ"ށް ބުނެފައިވަނީ ސީޒަން ހުޅުވުމަށް ކުޅޭ މެޗުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށާއި މެޗު ކުޅެން ފޯކައިދޫން ތައްޔާރުވާނެކަން އެފްއޭއެމަށް ވެސް އަންގާފައިވާނެ ކަމަށެވެ.

ރާއްޖޭގައި މީގެ ކުރިން ހޯމް އެންޑް އަވޭ އުސޫލުން ފުރަތަމަ ޑިވިޝަން ފެންވަރުގައި މެޗެއް ކުޅެފައެއް ނުވެ އެވެ. އެހެންކަމުން އަންނަ މަހު ހަތް ވަނަ ދުވަހު ފޯކައިދޫގައި ކުޅޭ ފުރަތަމަ ލެގުގެ މެޗާ އެކު ދިވެހި ފުޓްބޯޅައިގެ އާ ސޮފްހާއެއް ލިޔެވޭނެ އެވެ. އަންނަ މަހު ހަތް ވަނަ ދުވަހު ފޯކައިދޫގައި ކުޅޭ ފުރަތަމަ ލެގަށް ފަހު ދެ ވަނަ ލެގުގެ މެޗު އޮންނާނީ 10 ވަނަ ދުވަހު މާލޭގަ އެވެ.

ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު މުހައްމަދު "މިހާރަ"ށް ބުނީ މިއީ ފޯކައިދޫ އަށް ވެސް ލިބޭނެ ހުވަފެނީ ފުރުސަތެއް ކަމަށެވެ.

"ރާއްޖޭން ހޯމް އެންޑް އަވޭ ފޯމެޓަށް ކުޅެން ފެށުމަކީ އެންމެން ވެސް ދެކޭ ހުވަފެނެއް. އަހަރެން ވަރަށް އުފާވޭ މި ފަދަ ފުރަަތަމަ ފުރުސަތު ފޯކައިދޫ އަށް ލިބުނީތީ،" ކުރިން އީގަލްސް އާއި ބީޖީ ސްޕޯޓްސް ކްލަބްގައި މަސައްކަތްކޮށް މިދިޔަ ސީޒަނުގައި ފޯކައިދޫ އަށް ރަނގަޅު ނަތީޖާތަކެއް ނެރެދިން ކޯޗު ނިސްތާރު ބުންޏެވެ.

ފުޓްބޯޅައިގެ ފޯރި އަށް ބަލާއިރު ފޯކައިދޫ އަކީ މަޝްހޫރު ރަށެކެވެ. މީގެ ކުރިން މިނިވަން ޗެމްޕިއަންޝިޕްގެ މެޗުތަކުގައި ވެސް އެކަން ވަނީ ފެނިގެންގޮސްފަ އެވެ. ނިސްތާރު ބުނީ ފޯކައިދޫ ޓީމުގެ އިތުރުން އެ ރަށުގެ ސަޕޯޓަރުން ވެސް އޮތީ މި މެޗަށް ތައްޔާރަށް ކަމަށެވެ.

މިދިޔަ ސީޒަނުގެ މެޗެއްގެ ތެރެއިން ފޯކައިދޫގެ ކޯޗު ނިސްތާރު. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ފޯކައިދޫގެ ދަނޑުގައި ކުޅޭ މެޗުތައް ވަރަށް ފޯރިގަދަވެފައި އަޑުވެސް ގަދަވާނެ. މީގެ ސަބަބުން މުސްތަގުބަލުގައި އިތުރު ހޯމް އެންޑް އަވޭ މެޗުތަކަށް ދޮރު ހުޅުވިގެންދާނެ ކަމަށް އުއްމީދުކުރަން. އިންޝާﷲ ބޭނުންވަނީ ރަނގަޅު މެނޭޖްމަންޓަކާ އެކު ރަށްރަށުގެ ޓީމުތަކަށް ވެސް ވާދަކުރެވޭނެކަން ދައްކައިދޭން." ޕްރިމިއާ ލީގުގައި މީގެ ކުރިން އއ. މާޅޮހަށް ވެސް ކޯޗުކޮށްދިން ނިސްތާރު ބުންޏެވެ.

ފުޓްބޯޅަ ސީޒަނަށް މި ފަހަރު ޕްރެކްޓިސް ފަށާފައިވާ ފޯކައިދޫން ވަނީ ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ގިނަ ކުޅުންތެރިންތަކެއް ގެނެސްފަ އެވެ. އެ ގޮތުން ނިއު އަށް ކުޅުނު އަލީ ޝާމިއު (މައިތޯ) އާއި މުހައްމަދު ކަރަމް އާއި އީގަލްސް އާއި ވެލެންސިއާ އަށް މީގެ ކުރިން ކުޅުނު އަންސަރު އިބްރާހިމް (އަންކޮ) ވެސް ވަނީ ފޯކައިދޫ އަށް ބަދަލުވެފަ އެވެ. މިދިޔަ ސީޒަނުގައި ފޯކައިދޫން ފެނުނު ގިނަ ކުޅުންތެރިން މި ފަހަރު ވެސް އެ ޓީމަށް ކުޅޭނެ އެވެ. ބިދޭސީ ކުޅުންތެރިންނަށް ބަލާއިރު ފޯކައިދޫން ވަނީ މީގެ ކުރިން އީގަލްސް އާއި ވިކްޓަރީ އަށް ކުޅުނު މުސްތަފާ ސެޑިކް ވެސް ގެންނަން ނިންމައިފަ އެވެ.

ފުރަތަމަ ޑިވިޝަނުގެ މެޗެއް އެންމެ ފަހުން މާލޭން ބޭރުގައި ކުޅުނީ 2015 ވަނަ އަހަރު އެވެ. ގަލޮޅު ދަނޑުގެ ވިނަގަނޑު ހަލާކުވުމުން އެ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ވަނީ ހދ. ކުޅުދުއްފުށްޓާއި ސ. ހިތަދޫގައި ބޭއްވި އެވެ. ހިތަދޫ ޒޯން ސްޓޭޑިއަމުގައި ކުޅުނު ފައިނަލުގައި ނިއު ރޭޑިއަންޓް ބަލިކޮށް ތަށި ހޯދީ މާޒިޔާ އެވެ.