އިންޑިއާގެ ކޯޗަކަށް ކްރޮއޭޝިއާގެ ސްޓިމަކް ހަމަޖައްސައިފި

ހުސްވެފައިވާ އިންޑިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމަށް ކްރޮއޭޝިއާގެ ގައުމީ ޓީމަށް މީގެ ކުރިން ކޯޗުކޮށްދިން އީގޯ ސްޓިމަކް ހަމަޖައްސައިފި އެވެ.


ކުރިން ކްރޮއޭޝިއާ ގައުމީ ޓީމުގެ ޑިފެންޑަރަކަށް ކުޅުނު ސްޓިމަކް، ކްރޮއޭޝިއާ އަށް އިރުޝާދުދިނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގަ އެވެ. އޭނާ މަގާމުގައި ހުރީ 2012 ވަނަ އަހަރުގެ ޖުލައި އިން ފެށިގެން 2013 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށެވެ.

އިންޑިއާގެ ކޯޗުކަމަށް އިންގްލެންޑްގެ ކުރީގެ ދެ ކޯޗުން ކަމަށްވާ ސޭމް އެލަޑައިސް އާއި ސްވެން ގޯރަން އެރިކްސަން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވަނިކޮށް އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަނުން ސްޓިމަކް ގެންނަން ނިންމީ ހާއްސަ ސަބަބެއް އޮތުމުންނެވެ.

"ކްރޮއޭޝިއާ ފުޓްބޯޅައިގެ ވެސް ޓްރާންސިޝަން ތެރޭގައި އީގޯ (ސްޓިމަކް) ވަނީ ރަނގަޅު މަސައްކަތްތަކެއް ކޮށްފައި. އަހަރެމެންގެ ޓެކްނިކަލް ޓީމަށް ވެސް އެންމެ ބޮޑަށް އީގޯ ކަމުދިޔައީ އެހެންވެ. މިއީ ބްލޫ ޓައިގަރުން (އިންޑިއާ ޓީމު) ކުރިއަށް ގެންގޮސްދޭނެ ކޯޗު،" 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމަށް އަމާޒުހިފާފައިވާ އިންޑިއާގެ ފެޑެރޭޝަނުގެ ރައީސް ޕްރަފުލް ޕަޓޭލް ވިދާޅުވި އެވެ.

ގަތަރާއި އޭޝިއާގެ ވަރުގަދަ ލީގުތަކުގައި މަސައްކަތްކޮށްފައިވާ ސްޓިމަކް ބުނީ އިންޑިއާގެ ފުޓްބޯޅައާ ބެހޭ ދިރާސާތަކެއް އޭނާ ހަދާފައިވާނެ ކަމަށެވެ. އަދި އެ ޓީމާ ހަވާލުވީ ވަރަށް ބޮޑެތި އުއްމީދުތަކަކާ އެކު ކަމަށް ބުންޏެވެ.

1998 ގެ ވޯލްޑް ކަޕްގެ ތެރެއިން ސްޓިމަކް (ވ) އާއި ޒިދާން.

"އަހަރެން އާ ޗެލެންޖްތަކަށް މަރުހަބާ ކިޔަން. ފުޓްބޯޅައިގެ ހުނަރަށް ބަލާއިރު އިންޑިއާ އަކީ ނިދާފައި އޮތް ގަދަބާރެއް ފަދަ ގައުމެއް. މި ޓީމަށް ބޮޑު ކުރިއެރުން ހޯދޭނެ. އިންޑިއާގެ އައި ލީގާއި ސުޕަ ލީގަކީ މި ގައުމުގެ ފުޓްބޯޅަ އެހެން ހަރުފަތްތަކަށް ގެންދާނެ ހަތިޔާރެއް. އަހަރެން މި ހުރީ މި މަސައްކަތުގައި،" ސްޓިމަކް ބުންޏެވެ.

އިންޑިއާގެ ކޯޗުކަން ހުސްވީ ނިމިގެން ދިޔަ އޭޝިއަން ކަޕަށް ފަހު އިންގްލެންޑުގެ ސްޓެފަން ކޮންސްޓެންޓިން މަގާމުން ވަކިވުމުންނެވެ. އެ މުބާރާތުގެ ފުރަތަމަ މެޗުން ތައިލެންޑް އަތުން 4-1 އިން މޮޅުވި ނަމަވެސް އިންޑިއާ ކެޓީ ފަހު މެޗުގައި ބަހުރޭން އަތުން ފަހު ވަގުތު 1-0 އިން ބަލިވެ ގްރޫޕުގެ ފުލަށް ދިއުމުންނެވެ.

ދާދި ފަހުން އިންޑިއާގައި އޮތް 17 އަހަރުގެ ވޯލްޑް ކަޕްގައި ސްކައުޓެއްގެ ގޮތުގައި މަސައްކަތްކުރި ސްޓިމަކް ބުނީ އިންޑިއާގައި ޒުވާން ކުޅުންތެރިން ބިނާކުރުމުގެ ކާމިޔާބު ޕްރޮޖެކްޓްތަކެއް ކުރިއަށްދާ ކަމަށާއި އެއީ އޭނާގެ މަސައްކަތަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.