ނިއުގެ ޖާގަ އެހެން ޓީމަކަށް ނުދޭން ނިންމައިފި

ކުޅުންތެރިންނަށް މުސާރަނުދޭ މައްސަލައިގައި ނިއު ރޭޑިއަންޓަށް ދީފައިވާ ސަސްޕެންޝަނުގެ ސަބަބުން އެ ޓީމަށް މި އަހަރު ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވުނު ނަމަވެސް އެ ޓީމުގެ ބަދަލުގައި ދިވެހި ޕްރިމިއާ ލީގަށް އެއްވެސް ޓީމެއް ނުގެންނަން އެފްއޭއެމުން ނިންމައިފި އެވެ.


އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރަ"ށް ވިދާޅުވީ ނިއުގެ ބަދަލުގައި ޓީމެއް ގެންނަން ބަލާއިރު، ގާނޫނީ ގޮތުން ވެސް ފުށުއެރުންތަކެއް އެބަހުރި ކަމަށެވެ.

"ނިއުގެ ޖާގަ އަށް އެއްވެސް ޓީމެއް ނުގެންނާނެ. އެއީ ނިއު ބައިވެރިނުވެގެން ނޫނީ ރެލިގޭޓްކޮށްލީއެއް ނޫން. މިއީ އައިސްފައި އޮތް ސަސްޕެންޝަނެއް. އެ ފަދަ މަރުހަލާއެއްގައި އޮއްވައި ނިއުގެ ބަދަލުގައި ޓީމެއް ގެނެވޭނެ ގޮތެއް ނެތް. އެއީ ގާނޫނީ ގޮތުން ވެސް ފުށުއެރުންތަކެއް އެބަހުރި. ދެން މިސާލަކަށް ކޮންގްރެސެއް ބާއްވާފައި ނިއުގެ ސަސްޕެންޝް އުވާލާފަދަ ހާލަތެއް އަތުވެއްޖިއްޔާ އެ ޓީމަށް މުބާރާތްތަކުގައި ވާދަކުރެވޭނެ،" ޖަވާ ވިދާޅުވި އެވެ.

ނިއުގެ ބަދަލުގައި އެ ޖާގައިގައި މިދިޔަ އަހަރު ފުރަތަމަ ޑިވިޝަނުން ރެލިގޭޓްވި ކްލަބް ވެލެންސިއާ އަލުން ފުރަތަަމަ ޑިވިޝަނުން ފެނިދާނެ ކަމަށް މީގެ ކުރިން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވި އެވެ. އެކަމަކު ބައްސާމް މިއަދު ވިދާޅުވީ ނިއުގެ ބަދަލުގައި ޓީމެއް ނުގެންނާނެ ކަމަށެވެ.

އެފްއޭއެމްގެ ރައީސް ބައްސާމްގެ ޓްވީޓް.

މުސާރައިގެ ގޮތުގައި ކުޅުންތެރިންނަށް ދޭން ޖެހޭ 3.8 މިލިއަން ރުފިޔާ ނުދީ އޮތުމުން އެފްއޭއެމުން އެންމެ ފުރަތަމަ ނިއު ސަސްޕެންޑްކުރީ މިދިޔަ ޖެނުއަރީ މަހު 26 ވަނަ ދުވަހު އެވެ. އެފްއޭއެމުން ނިއު ސަސްޕެންޑްކުރީ އެ ކްލަބުން އެފްއޭއެމްގެ ލީޑަޝިޕްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އުޅެނިކޮށްކަމަށްވެ އެވެ. ނިއުގެ ސަސްޕެންޝަން ދިގުލައިގެން ގޮސް މިދިޔަ މާޗް މަހު 25 ވަނަ ދުވަހު އޮތް އެފްއޭއެމްގެ އޯޑިނަރީ ކޮންގްރެސްގައި ބައިވެރިވި މެޖޯރިޓީ ކްލަބްތަކުން ވަނީ ނިއުގެ ސަސްޕެންޝަން ދަމަހައްޓަން ނިންމައިފަ އެވެ.

ނިއުގެ މައްސަލަ އަށް ހައްލެއް ނުލިބި ދިގުލައިގޮސް އާ ސީޒަން ފަށަން އުޅޭތީ ކްލަބުގެ ސަޕޯޓަރުން ވަނީ މި މައްސަލައިގައި ތެދުވާން ނިންމައިފަ އެވެ.

ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް ބަލާއިރު ބަރާބަރަށް މުސާރަ ދެނީ މާޒިޔާ އިން އެކަންޏެވެ. އެހެން ޓީމުތަކަށް މުސާރަ ދިނުމުގައި ލަސްތަކެއް ދިމާވެ އެވެ. މިދިޔަ ސީޒަނުގައި މުސާރަ ނުލިބިގެން އެކި ޓީމުތަކުގެ ގިނަ ކުޅުންތެރިންތަކެއް ވަނީ އެފްއޭއެމްގެ ޕްލޭޔާ ސްޓޭޓަސް ކޮމިޓީ އަށް މައްސަލަ ހުށަހަޅައިފަ އެވެ.

ޖަވާ ވިދާޅުވީ މައްސަލަ ހުށަހަޅާފައިވާ ކުޅުންތެރިންނަށް ނުދީ ހުރި މުސާރަދޭން އެފްއޭއެމުން ވަނީ ކްލަބްތަކަށް ލިއުމުން އަންގާފައި ކަމަށާއި ކްލަބް ލައިސަންސިންގެ ކަންތައްތައް ފުރިހަމަކުރާއިރު، އެ ކަންތައްތައް ވެސް ނިންމަންޖެހޭނެ ކަމަށެވެ.

އޭއެފްސީގެ ކްލަބް ލައިސަންސް ނުލިބުމުން މި ފަހަރު ރާއްޖޭގެ އެއްވެސް ޓީމަކަށް އޭއެފްސީ ކަޕުން ފުރުސަތު ނުލިބެ އެވެ. އޭގެ ސަބަބުން އެފްއޭއެމުން ވަނީ މި ފަހަރުގެ ސީޒަނުގައި ފުރަތަަމަ ޑިވިޝަނުގައި ވާދަކުރާ ހުރިހާ ޓީމަކުން ކްލަބް ލައިސަންސްގެ ކަންތައްތައް ފުރިހަމަކުރުމަށް އަންގައިފަ އެވެ. ލައިސަންސް ނުލިބޭ ޓީމަކަށް ފުރަތަމަ ޑިވިޝަނުގައި ނުކުޅެވޭނެ އެވެ.

ފުރަތަމަ ޑިވިޝަންގައި މި ފަަހަރު ވާދަކުރަނީ އެންމެ ފަހުގެ ޗެމްޕިއަން ޓީސީ، މާޒިޔާ، އީގަލްސް، ޔުނައިޓެޑް ވިކްޓަރީ، ގްރީން ސްޓްރީޓްސް، ވިކްޓަރީ، ށ. ފޯކައިދޫ، ފ. ނިލަންދޫ އަދި މި ފަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ޑަ ގްރާންޑޭ ސްޕޯޓްސް ކްލަބް އެވެ. އޭގެ ތެރެއިން ފ. ނިލަންދޫ ޓީމަށް ކްލަބް ލައިސަންސް ހޯދުމުގައި ދަތިތަކެއް އެބަހުރި ކަމަށާއި އެކަމުގައި އެފްއޭއެމުން އެ ޓީމަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އެ އިދާރާއިން މައުލޫމާތުދެ އެވެ.

ސީޒަން ހުޅުވާ މެޗު ކުޅުމުގެ ފުރުސަތު ލިބުނު މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ތ. ތިމަރަފުށިން ފުރުސަތު ދޫކޮށްލުމުން ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން ޓީސީއާ ދެކޮޅަށް އެ މެޗުގައި މިހާރު ކުޅޭނީ މިނިވަން ޗެމްޕިއަންޝިޕްގެ ރަނަރަޕް ފޯކައިދޫ އެވެ. އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ޗެރިޓީ މެޗު ކުޅޭނީ ދެ ލެގަކަށެވެ. ފުރަތަމަ ލެގު އަންނަ މަހު ހަތް ވަނަ ދުވަހު ފޯކައިދޫގައި ކުޅުމަށް ފަހު އަނެއް ލެގު އޮންނާނީ 10 ވަނަ ދުވަހު މާލޭގަ އެވެ.