އޭއެފްސީ ކަޕުގެ ސީދާ ޖާގަ ކްލަބް ލައިސަންސްއާ ގުޅިފައި

ރާއްޖެ އަށް ލިބެމުން އައި އޭއެފްސީ ކަޕްގެ ސީދާ ޖާގަ ދިފާއުކުރާނަމަ މި އަހަރު ހުރިހާ ކްލަބްތަކުން ވެސް އޭއެފްސީގެ ކްލަބް ލައިސަންސިން ކަންތައްތައް ފުރިހަމަކުރަންޖެހޭ ކަމަށް އެފްއޭއެމްގެ ކްލަބް ލައިސަންސިން މެނޭޖަރު އަބްދުﷲ ޝިބާއު (ޝިބާ) ބުނެފި އެވެ.


މި އަހަރުގެ އޭއެފްސީ ކަޕުން ރާއްޖޭގެ ޓީމުތަކަށް ފުރުސަތު ގެއްލުނީ ލައިސަންސް ނުލިބުމުންނެވެ. ލައިސަންސް ނެތި އޭއެފްސީން ބާއްވާ މުބާރާތްތަކުގައި ނުކުޅެވޭނެ އެވެ. ލައިސަންސް ނުލިބުނީ މުއްދަތު ހަމަވުމުގެ ކުރިން އެ ކްލަބްތަކަށް ދީފައިވާ ލޮގިން އިން އޭއެފްސީގެ ކްލަބް ލައިސަންސިން ސިސްޓަމް (ކްލާސް) އަށް ލިޔެކިޔުންތައް އަޕްލޯޑްކޮށްފައިނުވާތީ އެވެ. ކްލަބްތަކުން ކްލާސް އަށް ލިޔެކިޔުންތައް އެޕްރޫވްކުރާނީ އެފްއޭއެމްގެ ކްލަބް ލައިސަންސިން އޮފިސަރެވެ. އޭއެފްސީ އަށް އެ ލިޔުންތައް ފެންނާނީ އެފްއޭއެމްގެ ކްލަބް ލައިސަންސިން އޮފިސަރު އެ އެޕްރޫވްކުރުމުންނެވެ.

ކްލަބް ލައިސަންސިން ކަންތައްތައް ރަނގަޅުކުރުމުގެ ގޮތުން އެފްއޭއެމުން ވަނީ ކްލަބް ލައިސަންސް މެނޭޖަރަކަށް ވެލެންސިއާގެ ކުރީގެ މެނޭޖަރު ޝިބާ ހަމަޖައްސައިފަ އެވެ. އެފްއޭއެމުން މިހާރު ވަނީ ސަލާމަތީ ފިޔަވަޅެއްގެ ގޮތުގައި މި އަހަރު ރާއްޖޭގެ ޕްރިމިއާ ލީގުގައި ވެސް ކުޅެވޭނީ ކްލަބް ލައިސަންސް އޮންނަ ކްލަބްތަކަށް ކަމަށް ކަނޑައަޅައިފަ އެވެ.

ޓީވީއެމްގެ "ދިވެހި ފުޓްބޯޅަ" ޝޯގައި ވާހަކަ ދައްކަމުން ޝިބާ ބުނީ އެއީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށާއި ކްލަބް ލައިސަންސިން ކަންތައްތައް ފުރިހަމަނުކޮށް ކުރިއަށްދާން އުޅެފިނަމަ އެކަމުން ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބިދާނެ ކަމަށެވެ.

"މިއީ އަސްލު ވަރަށް ސީރިއަސް މައްސަލަ އެއް. އޭއެފްސީން ލޯކަލް ކްލަބް ލައިސަންސިން ސިސްޓަމްއެއް ތައާރަފް ކުރަންވެސް ވަނީ އަންގާފައި. މިސިސްޓަމް ވާންޖެހެނީ އޭއެފްސީގެ ކުލަބް ލައިސަންސް ސިސްޓަމްއާއި އެއްވަރު ނުވަތަ އެ އަށް ވުރެ މޮޅު ސިސްޓަމެއް. އެކަން ނުކޮށްފިއްޔާ ރާއްޖެއަށް ލިބޭ އޭއެފްސީ ކަޕްގައި ބައިވެރިވުމުގެ ސީދާ ސްލޮޓް ގެއްލިދާނެ. ރާއްޖެއަށް ލިބޭ ކޮލިފައިން ސްލޮޓަކާއި ސީދާ ސްލޮޓެއް. މި ސީދާ ސްލޮޓް ގެއްލިއްޖެޔާ މިވެގެންދާނީ ފޫނުބެއްދޭ ވަރުގެ ގެއްލުމަކަށް،" ޝިބާ ބުންޏެވެ.

"ކްލަބް ލައިސަންސިން ކަންތައްތައް ރަނގަޅުކޮށް އެބަޖެހޭ. މި ސްލޮޓް ރާއްޖެ ދިފާއުކުރަން. ހަގީގަތުގައި އޮންނަ އުސޫލުގެ ތެރެއިން މި ކަންތައްތައް ކޮށްފިއްޔާ މިއީ މާ އުނދަގޫ މަސައްކަތެއް ނޫން."

މި މަހުގެ ނިޔަލަށް ކްލަބް ލައިސަންސިން ކަންތައްތައް ފުރިހަމަކުރަން ކްލަބްތަކަށް އަންގާފައިވާއިރު، އެކަމަށް ގިނަ ގޮތްގޮތުން އެފްއޭއެމުން ވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި އަންނަ މަހު އޭއެފްސީގެ ޓީމެއް ވެސް ކްލަބް ލައިސަންސިން ކަންތައްތައް ބެލުމަށް އަންނަ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެފްއޭއެމުން މައުލޫމާތުދެ އެވެ.

ރާއްޖޭގެ ކްލަބްތަކުން ކްލަބް ލައިސަންސިން ކަންތައްތައް ފުރިހަމަކުރަން ބޭނުންވަނީ އޭއެފްސީ ކަޕްގައި ވާދަކުރަން ޖެހޭނަމަ ކަމަށާއި އެކަން ބަދަލުވާން ޖެހޭ ކަމަށް އެފްއޭއެމުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އަދި ކްލަބް ލައިސަންސިންގެ ކަންތައްތައް ފުރިހަމަކުރުމުގައި ކްލަބްތަކަށް އެންމެ ދަތިތަކެއް ކުރިމަތިވަނީ ކުޅުންތެރިންގެ މެޑިކަލް އާއި އޮޑިޓްކުރުމުގައި ކަމަށާއި މި ދެ ކަންތައްތަކަށް އެފްއޭއެމުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ.

މި ފަހަރު ރާއްޖޭގެ އެއްވެސް ކްލަބެއް އޭއެފްސީ ކަޕްގައި ވާދަނުކުރާއިރު ފުޓްބޯޅަ ފޯމެޓަށް ވަނީ ބަދަލު ގެނެސްފަ އެވެ. އަންނަ މަހު ފަށާ ފުޓްބޯޅަ ސީޒަން ނިމޭނީ އަންނަ އަހަރު ފެބްރުއަރީ މަހުގަ އެވެ. އަންނަ އަހަރުގެ އޭއެފްސީ ކަޕުން ފުރުސަތު ދޭނެ ކަމަށް ބެލެވެނީ މިދިޔަ އަހަރުގެ ލީގު ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބަށާއި ލީގުގެ ދެ ވަނަ އަށް ދިޔަ މާޒިޔާ އަށެވެ. ކްލަބްތަކާ އެކު ބޭއްވި މަޝްވަރާއާ އެކު މިދިޔަ އަހަރުގެ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ނުބާއްވަ އެވެ.